Advertisement

ރައީސް އޮފީހުން މައުލޫމާތެއް ނުދޭ، "ބިޒީ ކަމުން" އައިކޮމްގެ އަޑުއެހުންތަކުގައި ވެސް ބައިވެރިނުވެވޭ!

1 އޭޕްރީލް 2024 - 07:56 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް އޮފީހުގެ ބައެއް ވެރިން: އެ އޮފީހުން މައުލޫމާތު ދޫނުކުރާއިރު، އައިކޮމްގެ އަޑުއެހުންތަކުގައި ބައިވެރި ނުވަނީ އުޅެންޖެހޭލެ ބުރަކަމުން ކަމަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނި. -- ފޮޓޯ: ރައީސް އޮފީސް


ރައީސް އޮފީހުން މައުލޫމާތެއް ނުދޭ، "ބިޒީ ކަމުން" އައިކޮމްގެ އަޑުއެހުންތަކުގައި ވެސް ބައިވެރިނުވެވޭ!

1 އޭޕްރީލް 2024 - 07:56 0

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ނުދީ މައުލޫމާތު ހިފަހައްޓާ މައްސަލަ ބޮޑުވެއްޖެ އެވެ.

ރައީސް އޮފީހަށް މައުލޫމާތު ހޯދަން އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން އެ އޮފީހުން ޖަވާބުދާރީ ނުވެގެން އުޅެނީ ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އާރުޓީއައިތަކެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އިން މިފަހުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ހުރި ޝަކުވާތަކާ ގުޅިގެން ބޭއްވި ހުރިހާ އަޑުއެހުމެއްގައި ހުށަހަޅާފައިވަނީ މި މައުލޫމާތުތައް ހޯދާށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތިން މައްސަލައެއްގައި ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން އަޑުއެހުންތައް ބާއްވާފައި ވާއިރު، އެ ހުރިހާ ޝަކުވާއެއް ވެސް ހުށަހަޅާފައި ހުރީ ގާނޫނުގައި ބަޔާންކުރާ 21 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ރައީސް އޮފީހުން ޖަވާބު ދީފައި ނުވާތީ އެވެ. މީގެ ތިން ހަފުތާ ކުރިން ވެސް ހަމަ މިފަދަ މައްސަލަތަކެއްގައި އަޑުއެހުންތަކެއް ބާއްވާފައިވެ އެވެ.

ގާނޫނުގެ ދަށުން ހިފެހެއްޓެން ނެތް އެ މައުލޫމާތަށް އެދި ހުށަހެޅި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ނުދޭއިރު، އެ މައްސަލަތަކުގެ އަޑުއެހުމެއްގައި ވެސް ރައީސް އޮފީހުން ބައިވެރިނުވެ އެވެ. އެ މައްސަލަތަކުގައި މިފަހުން ބޭއްވި ހުރިހާ އަޑުއެހުމަކީ ވެސް އެކި ދުވަސް މަތިން ތާވަލުކުރުމަށް ފަހު ރައީސް އޮފީހުގެ އެދުމުގެ މަތިން ފަސްކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތު ހަމަވާތީ އައިކޮމްއަށް މަޖުބޫރުވެގެން ބާއްވާފައިވާ އަޑުއެހުންތަކެވެ.

މި އަޑުއެހުންތަކުގައި ރައީސް އޮފީހުން ބައިވެރިނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން އައިކޮމްގެ އޮފިޝަލަކު ވިދާޅުވީ ރައީސް އޮފީހުން "ބިޒީ ކަމުން" ބައްދަލުވުންތަކުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އުޒުރުވެރިވެފައިވާ ކަމަށެވެ.

އައިކޮމްގެ އަޑުއެހުންތަކުގައި ރައީސް އޮފީހުން ބައިވެރިނުވީ ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ސިޔާސީ މުވައްޒަފުންނާ ގުޅޭ މައުލޫމާތަކީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަަމަށް ނިންމަވައި، ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދޭން އަމުރުކޮށްފަ އެވެ.

ސިޔާސީ މުވައްޒަފުންނާ ގުޅޭ މައުލޫމާތުތައް ހާމަކުރަން ސަރުކާރުން ފަސްޖެހިފައިވާއިރު، ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތެއްގެ މަތިން ވެރިކަން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެގޮތުގެ މަތިން އެއްވެސް މައުލޫމާތެއް ހޯދަން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަދި އޭގެ ފަހުން ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.