Advertisement

ސިޓީ އޮތީ އެހެން ލެވަލް އެއްގައި: އާޓެޓާ

30 މާރިޗު 2024 - 09:06 0


ސިޓީ އޮތީ އެހެން ލެވަލް އެއްގައި: އާޓެޓާ

30 މާރިޗު 2024 - 09:06 0

ލަންޑަން (30 މާޗް) - މެންޗެސްޓާ ސިޓީ އަކީ މިހާރު ދުނިޔޭގެ އެހެން ކުލަބްތަކާ އަޅާ ބަލާއިރު, އެހެން "ލެވަލް" އެއްގައި އޮތް ކުލަބެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އާޓެޓާ ބުނީ ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުގައި ސިޓީ ހޯދި ކާމިޔާބީތަކަށް ބަލާއިރު, އެ ކުލަބަކީ މިހާރު ހުރިހާ ގޮތަކުން ވެސް އެހެން ކުލަބްތަކަށް ވުރެ މަތީ ފަންތީގައި ގުނޭނެ ކުލަބެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ތިނެއްގައި ހިމެނޭ އާސެނަލް, ލިވަޕޫލް އަދި ސިޓީ އިން ވެސް ވަނީ ލީގުގައި 28 މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އާސެނަލް އޮތީ 28 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވެސް 28 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު, އާސެނަލަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ އޮތީ 28 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

އެހެންކަމަށް ވުމާ އެކު، ސިޓީ އާއި އާސެނަލްގެ ކުރިމަތިލުން ލީގުގެ އެއް ވަނަ އަށް އެރުމަށް ފޯރިގަދަވާނެ އެވެ.

އާޓެޓާ ބުނީ މިއީ އާސެނަލަށް ވެސް އަދި ސިޓީ އަށް ވެސް ބޮޑު މެޗެއް ކަމަށެވެ. އަދި މި މެޗު އާސެނަލުން ކާމިޔާބު ކޮށްފިނަމަ އެއީ ޓީމަށް ލިބޭ ބޮޑު ކޮންފިޑެންސެއް ކަމަށާއި, އެކަމަކު، ލީގުގައި ބާކީ އަދިވެސް ގިނަ މެޗުތަކެއް ހުރުމުން މިއީ އަދި ލީގު ތަށި ހޯދާނެ ޓީމު ކަނޑައަޅާނެ މެޗެއް ނޫން ކަމަށް އާޓެޓާ ބުނެފައިވެ އެވެ.

"ސިޓީ މިހާރު އެ އޮތީ އާސެނަލުން ދާން ބޭނުންވާ ލެވަލްގައި. އެ މީހުންނާ ކުޅެން ކޮންމެ ޓީމަކުންވެސް ޖެހިލުންވާނެ. އެކަމަކު އަހަރެން އަށް އެބަ އިހުސާސްވޭ އަހަރެމެން އެ ލެވަލް އަށް ދާތަން." ކުރިން ސިޓީގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އާޓެޓާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ސިޓީ އިން ހޯދި ކާމިޔާބީ ތަކުރާރުކުރަން މި ސީޒަނުގައި ވެސް އެ ޓީމަށް ފުރުސަތު އެބައޮތެވެ. އެއީ ޗެމްޕިއަންސް ލީގު, އެފްއޭ ކަޕް އަދި ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބައޮތެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި އާސެނަލް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ.