Advertisement

ފަހު 10 ގައި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި

29 މާރިޗު 2024 - 17:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދެން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


ފަހު 10 ގައި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި

29 މާރިޗު 2024 - 17:20 0

ރޯދަ މަހުގެ ފަހު 10 ގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް ނިންމަވާފައިވާތީ، އެ އިނާޔަތް ދޭނެ ގޮތް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނުކުންނަން ޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުން އެކަނި ކަމަށް ވެސް ފިނޭންސްއިން ބުނެ އެވެ.

ސާކިއުލާގައި ބުނެފައި ވަނީ އިނާޔަތް ދޭނީ އެޕްރިލް މަހުގެ މުސާރައާއެކު ކަމަށާއި، އެގޮތުން އިނާޔަތް ދިން ގޮތުގެ ތަފްސީލް ފިނޭންސްއިން ދީފައިވާ އެކްސެލް ޝީޓް ފުރިހަމަކޮށް، އެޕްރިލް 18، ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް އިދާރާތަކުން ފޮނުވަން ޖެހޭނެ ކަމަށެވެ.

ފަހު 10 ގައި އިނާޔަތް ލިބޭ މުވައްޒަފުން:

  • ފަހު 10 ގައި ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުން ގެންދާ ގޮތަށް އިތުރު ގަޑީގެ ފައިސާ ބަންދު ދުވަހުގެ އިނާޔަތް ދީ، މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތް ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް ދިނުން.
  • ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 އަކީ ވަޒީފާއާ ބެހޭ ގާނުނުގައި ބަޔާން ކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެނެ، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދިނުން. އޭގެ ތެރޭގައި އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭ.
  • ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން އަމަލުކުރަން ޖެހޭ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް" ގައި ހިމެނޭ "ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" އަށް އަމަލު ކުރުން.
  • ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ގައި އިތުރު ގަޑީގެ ފައިސާ ދިނުމުގައި "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް" ގައި ހިމެނޭ "އިތުރު ގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" އަށް އަމަލު ކުރުން.
  • ރޯދަ މަހުގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަގާމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކުގެ މިންގަނޑު" ގެ ފަސް ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހާޒިރީ އާއި އިނާޔަތް ދިނުން.

ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދު ކުރުމާއެކު، ދެން ސަރުކާރު ހުޅުވޭނީ ކުޑަ އީދު ބަންދަށްފަހު އެޕްރިލް 14، ވަނަ ދުވަހު އެވެ.