Advertisement

ޗެލްސީގެ ޗެއާމަންގެ މަގާމުން ބޯލީ ދުރުކުރަނީ

29 މާރިޗު 2024 - 14:36 0


ޗެލްސީގެ ޗެއާމަންގެ މަގާމުން ބޯލީ ދުރުކުރަނީ

29 މާރިޗު 2024 - 14:36 0

ލަންޑަން (މާޗް 29) - ޗެލްސީގެ ޗެއާމަންގެ މަގާމުން އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ދުރުކުރަން އެ ކްލަބްގެ ބޯޑުން މަޝްވަރާކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން 2022 ވަނަ އަހަރު، ޗެލްސީ ގަތީ 5.2 ބިލިއަން ޑޮލަރަށެވެ. ބޯލީ އަކީ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި މި ގްރޫޕްގައި ހަރަކާތްތެރިވި ފަރާތެއް ނަމަވެސް، އެ ކްލަބުން އިސް މަގާމަށް ހަމަޖައްސަން ނިންމީ ބޯލީ އެވެ. އެއީ، ކުޅިވަރު ކްލަބްތައް ހިންގުމުގައި އޭނާގެ ތަޖުރިބާ އަށް ބަަލައިފަ އެވެ.

އެކަމަކު، ޗެލްސީ މިހާރު ދަމުން އަންނަ މިސްރާބާއި ކްލަބްގެ ކަންކަން ހުރި ގޮތް ބަލާފައި އެ ޓީމުގެ ބޯޑުން ލަފާދެނީ ލީޑަޝިޕްގެ ބަދަލަކަށެވެ. މާނަ އަކީ ބޯލީގެ މަގާމު އެހެން ފަރާތަކަށް ދިނުމަށެވެ.

ޓޯކް ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި، ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ނިންމި ޑީލުގެ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ފަސް އަހަރަކުން ކްލަބްގެ ހިންގުމަށް އެކި ކަހަލަ ބަދަލުތައް ގެންނަން އޮތީ މާއްދާއެއްގައި ލިޔެފަ އެވެ. އެ ގޮތުން، ބޯލީ މަގާމުން ދުރުކުރަން ވެސް ބާރު ހޯދަނީ މި މާއްދާއިންނެވެ. އެ މާއްދާ އަށް އަލި އަޅުވާލައި، ބޯލީ މަގާމުން ދުރުކުރާނަމަ އެކަން ކުރެވެން އޮތީ 2027 ވަނަ އަހަރު އެވެ. އެކަަމަކު، ވީ އެންމެ އަވަހަށް އެ ބަދަލު ގެންނަން ޗެލްސީ ބޯޑުން ބޭނުންވާއިރު، މި ސީޒަނަށް ފަހު އެކަމަށް ޗެލްސީގެ ހިންގާ ބޯޑުގައި ވޯޓެއް ނެގުމުގެ ފުރުސަތު ބޮޑެވެ.

ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އަތުން ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ހެދި ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ.

ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރެއްގެ ޒިންމާނަގައި، އެންމެ ފުރަތަމަ އެ ރޯލު އަދާކުރުމުގައި ބޯލީ ހަރަކާތްތެރިވި އެވެ. ޗެލްސީގެ އާ ލީޑަޝިޕުން ކުޅުންތެރިން ގަންނަން އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރުމުގައި ބޯލީގެ ދައުރު ބޮޑެވެ.

ޗެލްސީ މި ވަގުތު ލީގުގެ 11 ވަނައިގައި އޮތްއިރު، އެ ކްލަބްގެ ފުޓްބޯޅައިގެ ހިންގުމުގެ ކަންކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެއީ، މިދިޔަ ސީޒަނުގައި ޗެލްސީގެ ގެއްލުން 100 މިލިއަން ޑޮލަރަށް ވުރެ އިތުރު ކަމަށް ރިޕޯޓްކުރުމާ އެކު، އައި ފާޑުކިޔުންތަކުގެ ތެރެއިންނެވެ.