Advertisement

އިންޑިއާ މައްސަލާގައި ފާޑުކިޔުމުން ޝިއުނާގެ ރައްދު ޔާމީނަށް: ރިޒްގު ދެއްވަނީ ޔާމީނެއް ނޫން!

23 މާރިޗު 2024 - 12:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަސްޕެންޑުކޮށްފައިވާ ނައިބު ވަޒީރުން މަލްޝާ (ވ) އަދި ޝިއުނާ، ރައިސް މުއިއްޒު (ކ) އާ އެކު : ޝިއުނާ ވަނީ ކުރީގެ ރައީސް ޔާމީނަށް ރައްދު ދީފަ - ފޮޓޯ: ޕީޕީއެމް


އިންޑިއާ މައްސަލާގައި ފާޑުކިޔުމުން ޝިއުނާގެ ރައްދު ޔާމީނަށް: ރިޒްގު ދެއްވަނީ ޔާމީނެއް ނޫން!

23 މާރިޗު 2024 - 12:31 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލާގައި ސަސްޕެންޑުކޮށްފައި ތިބި ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ވަކިނުކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފާޑުކިޔުމާއެކު، އޭގެ ތެރޭގައި ހިމެނޭ ޔޫތު މިނިސްޓްރީގެ ނައިބު ވަޒީރު މަރިޔަމް ޝިއުނާ އެމަނިކުފާނަށް ރައްދު ދީފި އެވެ.

ޔާމީނު އަލަށް އުފައްދަވާ ޕާޓީ، ޕީއެންއެފްގެ އޮފީސް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް 'ބުލީ' ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ދިވެހި ސަރުކާރުގެ ނައިބު ވަޒީރުން ވެސް އިންޑިއާއަށް ކުރީ 'ބުލީ' ނޫންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"ވަރަށް ބުލީކޮށްފި ނޫންތޯ. ސަރުކާރުގެ ހަމަ ވަރަށް މަތީ ފަންތީގެ ދެ ޑެޕިއުޓީ މިނިސްޓަރުން އިންޑިއާ ރައްޔިތުންނާ ދިމާލަށް ވަރަށް ބޭއަދަބީ ބަހުރުވައިން މިކަންކަން ކުރަނީ،" ޔާމީނު އެ ރޭ ވިދާޅުވި އެވެ.

މި ވާހަކަތައް ރައްދުދެމުން ޝިއުނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ދެ އަންހެނުންދެކެ ޖެހިލުންވެ ޖަލްސާތައް ބާއްވައިގެން ހުއްޓުމެއްނެތި ވާހަކަ ދައްކަވަނީ ޖެހިލުންވާތީ" ކަމަށެވެ.

އޭގެ އިތުރުން، "ރިޒްގު ދެއްވަނީ މާތް اللّٰه، ޔާމީނެއް ނޫން!" ކަމަށް ވެސް ޝިއުނާ ލިޔެފައިވެ އެވެ.

ޝިއުނާ މީގެ ކުރިން ފާހަގަވެގެން ގޮސްފައިވަނީ ޔާމީނުގެ އެންމެ ވަރުގަދަ އެއް ސަޕޯޓަރުގެ ގޮތުގަ އެވެ. އެގޮތުން އެމަނިކުފާނުގެ އިންޑިއާ އައުޓް ކެމްޕޭނު އަދި ކުރީގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ގިނަ ހަރަކާތްތަކުގެ ކުރީސަފުން ވެސް އޭނާ ފެނިގެންދިޔަ އެވެ. އަދި ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން ޖެހޭނެ ކަމަށް އެންމެ ހަރުއަޑުން ގޮވި އެކަކީ ވެސް ޝިއުނާ އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި ޔާމީނު، ޕީޕީއެމް/ޕީއެންސީ އާ ދުރުވެވަޑައިގެން ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެށުމާއެކު، ޝިއުނާ ވެސް ވަނީ އެމަނިކުފާނަށް އެކި މިންވަރަށް ފާޑުކިޔާފަ އެވެ.

ޔާމީނު މީގެ ކުރިން ވެސް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވީ އިންޑިއާ އައުޓު ހަރަކާތަށްވުރެ ތިން ނައިބު ވަޒީރުންގެ އަމަލުތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ.

މޯދީއަށް އަމާޒުކޮށް ތިން ނައިބު ވަޒީރުން ދިން ރައްދުގެ މައްސަލަ ހޫނުވެ މި ހިނގާ ޖެނުއަރީ 8، ގައި އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު އިބްރާހީމް ޝަހީބު އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އަދި، އެ ދުވަހު 12:00 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރު ކުރި އެވެ.

މި މައްސަލާގައި ޝިއުނާގެ އިތުރުން ސަސްޕެންޑު ކޮށްފައިވަނީ ހަމަ އެ މިނިސްޓްރީގެ މަލްޝާ ޝަރީފު އަދި މަހުޒޫމް މާޖިދު އެވެ.

ތިން ނައިބު ވަޒީރުންގެ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށާއި އެ ތިން ފަރާތް ތިބީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޑުކޮށްފައި ކަމަށް ޖެނުއަރީ 24، 2024 ގައި ސަރުކާރުން ބުނެފައިވެ އެވެ.