Advertisement

ހޫނުގަދަވުމުގެ ސަބަބުން މުރަކަތައް ހުދުވާން ފަށައިފި

17 މާރިޗު 2024 - 12:02 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރެއްގެ މުރަކަތަކެއް ހުދުވެފައި: މުރަކަ ހުދުވުމުގެ މައްސަަލަ ރިޕޯޓު ކުރުމުން އެކަމަށް އަވަހަށް ފަރުވާ ކުރުމަށް މަގު ފަހިވޭ --


ހޫނުގަދަވުމުގެ ސަބަބުން މުރަކަތައް ހުދުވާން ފަށައިފި

17 މާރިޗު 2024 - 12:02 0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަތައް ހުދުވާން ފަށައިފައިވާ ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން (އެމްއެމްއާރްއައި) މިއަދު ބުނެފި އެވެ.

އެމެރިކާގެ ނެޝަނަލް އޯޝަނިކް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ)ގެ ސެޓަލައިޓް އެންޑް އިންފޮމޭޝަން ސާވިސް އިން އެއްކުރި މައުލޫމާތުތަކަށް ބަލާ އިރު އިއްޔެއިން ފެށިގެން ކުރިއަށް އޮތް ނުވަ ހަފްތާގެ ތެރޭގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ ލޮނުގަނޑު ވަރަށް ބޮޑަށް ހޫނުވަމުންދާނެ އެވެ.

މިހާރު ހޫނުމިން ހުރީ "ވޯނިން ލެވެލް" ގަ އެވެ. އެއާ ޖެހިގެން އޮތް ކެޓަގަރީއަކީ އެލާޓް ލެވެލް އެކެއް އަދި ދޭކެވެ.

ނުވަ ވަނަ ހަފްތާގައި "އެލާޓް ލެވެލް ދޭއް" ކަށް ރާއްޖެ ސަރަހައްދު ހޫނުވެ، މުރަކަތަ ހުދުވުމުގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނާނެ ކަމަށް ބެލެވެ އެވެ.

އެންއޯއޭއޭ އިން ނެރެފައިވާ އެލާޓް: ހޫނުވުމުގެ ސަބަބުން މުރަކަ ހުދުވުމުގެ މައްސަލަ ދިމާވާތާ އަހަރުތަކެއްވެއްޖެ -- ފޮޓޯ: އެންއޯއޭއޭ


މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ކަނޑަށް ނިކުމެ އުޅޭއިރު، ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވުމުގެ އަސަރު ފެނިއްޖެނަމަ ރިޕޯޓު ކުރުމަށް އެދިފަ އެވެ. ސޯޝަލް މީޑިއާގައި ނުވަތަ ގޫގަލް ފޯމެއް ބޭނުންކޮށްގެން ވެސް މުރަކަ ހުދުވުމުގެ މައްސަލަ ރިޕޯޓް ކުރެވިދާނެ އެވެ.

މުރަކަ ހުދުވުމުގެ މައްސަލަ ރިޕޯޓް ކުރުމުގެ ބޭނުމަކީ އެފަދަ ފަރުތަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ދިނުމެވެ. މުރަކަ ހުދުވުމުގެ އަސަރު ކުޑަ ކުރުމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުރެ އެވެ. އެގޮތުން މުރަކަ އިންދުމަކީ އޭގެ ތެރެއިން އެއް ގޮތެވެ.

މި އަހަރަކީ ވެސް ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، އާންމު ވަރަށް ވުރެ މަތި ކަމަށް ބެލިފައިވާ "އެލްނިނޯ" އަހަރަކަށް ވާތީވެ، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އެބަ އޮތް ކަން ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ވެސް އަންދާޒާކޮށްފައިވާ ކަމެކެވެ.