Advertisement

މަސްތުވާތަކެތި އިސްތިހާރުކޮށް، ވިއްކާ "ޖަޒީރާ" ޓެލެގްރާމް ހިންގި މީހުން ފުލުހުން އަތުލައިގަނެފި

13 މާރިޗު 2024 - 22:00 0


މަސްތުވާތަކެތި އިސްތިހާރުކޮށް، ވިއްކާ "ޖަޒީރާ" ޓެލެގްރާމް ހިންގި މީހުން ފުލުހުން އަތުލައިގަނެފި

13 މާރިޗު 2024 - 22:00 0

އެކި ބާވަތުގެ މަސްތުވާތަކެއްޗާއި އެހެނިހެން މަނާ ތަކެތި އިސްތިހާރުކޮށް ވިއްކަމުންދިޔަ ޓެލެގްރާމް ގްރޫޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ޗެނަލް ހިންގި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީޒް"، "ޖަޒީރާ ސްކޭމް އެލާޓް"، "ޖަޒީރާ ލިންކް ހަބަރު" އަދި "ޖަޒީރާ އެޑްމިން" ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ ޗެނަލްތަކުގައި އިސްތިހާރުކޮށްފައިވާ ތަކެތި ފުލުހުން މިހާރު ވަނީ ނުފެންނަ ގޮތަށް ހަދައިފަ އެވެ.

އެ ޗެނަލް ހިންގަމުންދިޔަ ދެ މީހުން މާޗް 6، ގައި ހައްޔަރުކޮށްފައިވާކަން ފުލުހުން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބެހުމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަޒީރާ ގްރޫޕު ގެނައިއިރު، އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6529 މެންބަރުން ތިއްބެވެ.

އެކި ބާވަތުގެ މަސްތުވާތަކެތީގެ އިތުރުން ބަދުއަހުލާގީ ފޮޓޯ، ވީޑިއޯ ވެސް އެ ޗެނަލުގައި އިސްތިހާރުކޮށް ވިއްކަމުންދިޔަ އެވެ. އަދި ހަށިވިއްކުމަށް ވެސް ބައެއް އިސްތިހާރުތައްކޮށްފައި ހުއްޓެވެ.

އެ ގްރޫޕުގައި އާންމުކޮށް އިސްތިހާރު ކުރަމުންދިޔައީ ޕާޓީ ޑްރަގްސް އާއި ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތް ކަމަށްވާ ކެނަބިސްގެ ބާވަތްތަކެވެ.