Advertisement

ޔަމާލް އަށް ޕީއެސްޖީން 200 މިލިއަން ޑޮލަރުގެ ބިޑެއް ކުރަނީ: ރިޕޯޓް

10 މާރިޗު 2024 - 09:04 0


ޔަމާލް އަށް ޕީއެސްޖީން 200 މިލިއަން ޑޮލަރުގެ ބިޑެއް ކުރަނީ: ރިޕޯޓް

10 މާރިޗު 2024 - 09:04 0

ޕެރިސް (މާޗް 10) - ބާސެލޯނާގެ 16 އަހަރުގެ ފޯވާޑް، ލަމީން ޔަމާލް އަށް 200 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ޕީއެސްޖީގެ ބޯޑުން މަޝްވަރާކޮށްފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕީއެސްޖީގެ އެއް ނަމްބަރު ފޯވާޑް، ކީލިއަން އެމްބާޕޭ މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލަން އޮތީ ނިންމައިފަ އެވެ. އެ މަގާމަށް ދެން ގެންނާނެ ކުޅުންތެރިއަކު ހޯދަން ޕީއެސްޖީން އަތްފުނާއެޅިއިރު، ދުރު މުސްތަގުބަލަކަށް ބަލާފައި އެންމެ ރަނގަޅު އިންވެސްޓެއް ކުރެވޭނީ މި ވަގުތު ބާސެލޯނާގައި ހުރި ޔަމާލް އަށް ކަމަށް ޕީއެސްޖީގެ ސްކައުޓުންނަށް ވަނީ ޔަގީންވެފަ އެވެ.

އެ ގޮތުން، ޕީއެސްޖީގެ ސްކައުޓުން، އެ ކްލަބްގެ ޓެކްނިކަލް ޓީމަށް ހުށަހަޅައި، އެ ފަރާތްތަކުން ކްލަބްގެ ބޯޑަށް ލަފާދީފައިވަނީ ބޮޑު އަގުގައި ވިޔަސް، ޔަމާލް ގަންނަން މަސައްކަތް ކުރާށެވެ. އެއް ބިލިއަން ޑޮލަރުގެ ރިލީސް ކްލޯސެއް ޔަމާލްގެ ކޮންޓްރެކްޓްގައި ހިމަނާފައިވީ ނަމަވެސް، ޕީއެސްޖީން ގަބޫލުކުރާގޮތުގައި، ޔަމާލްގެ ސޮއި ހޯދަން 200 މިލިއަން ޑޮލަރުގެ ބިޑެއް ވެސް ފުދޭނެ އެވެ. އެއީ، ބާސެލޯނާގެ މާލީ ހާލަތު މި ވަގުތު އޮތް ގޮތުންނެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއި އެ ކްލަބްގެ ބޯޑު މެމްބަރުން އަދި ކްލަބްގެ ރައީސް ނާސިރު އަލް ހަލީފާގެ ބައްދަލުވުމެއް މި ހަފްތާގައި ޕެރިހުގައި އޮންނައިރު، ޔަމާލްގެ ބިޑްގެ މަޝްވަރާތައް ކުރާނެ ކަމަށް ފްރާންސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ބާސެލޯނާގެ އިތުރުން، ސްޕެއިން ގައުމީ ޓީމުގައި ވެސް ޔަމާލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.