Advertisement

އަންހެން ފަނޑިޔާރުންގެ ދުވަހާއި މި ނަންތައް

10 މާރިޗު 2024 - 08:43 3

އާއިޝަތު ޝީނާ މުހައްމަދު

އާއިޝަތު ޝީނާ މުހައްމަދު


އަންހެން ފަނޑިޔާރުންގެ ދުވަހާއި މި ނަންތައް

10 މާރިޗު 2024 - 08:43 3

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ފަނޑިޔާރުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ މާޗް މަހުގެ 10 ވަނަ ދުވަހަކީ އަންހެން ފަނޑިޔާރުންގެ ދުވަހުގެ ގޮތުގައި ފުރަތަމަ ފަހަރަށް ފާހަގަކުރީ 2022 ވަނަ އަހަރު އެވެ. ބައިނަލްއަގުވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމުނީ، އދ. ގެ 2030 ގެ އެޖެންޑާ ފޯ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސްތަކާ އެއްގޮތަށް، ހުރިހާ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މިންތީގެ ހަމަހަމަކަން ގާއިމްކުރަން ކުރަން ހުރި މަސައްކަތާއި ގުޅުވައިގެންނެވެ. އަދުލު އިންސާފުގެ ދާއިރާގައި އަންހެނުން ކުރިއަރުވައި، ހިންގުމުގެ އިސްމަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގައުމީ ފެންވަރެއްގައި ކުރަންހުރި މަސައްކަތްތަކަށް ބާރުއެޅުމުގެ ވިސްނުމުގަ އެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ކޯޓު ސިސްޓަމްގެ ތެރޭގައި ހިމެނޭ އެކި މަރުހަލާގެ ކޯޓުތަކުގައި ޖުމްލަ 184 ފަނޑިޔާރުން ހަރަކާތްތެރިވަމުން ދާއިރު އޭގެ ތެރޭގައި ތިބި އަންހެން ފަނޑިޔާރުންގެ އަދަދަކީ 30 އެވެ.

ފަނޑިޔާރު ކަމުގެ މަގާމަކީ ހަމަ ގައިމުވެސް ޝަރުއީ ދާއިރާގައި ދެވޭނެ އެންމެ މަތީ މަގާމެވެ. ފިރިހެނަކު އެ މަގާމަށް ދާން ވިސްނުމަކީ މީހަކު ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. އެހެން ނަމަވެސް، އަންހެނަކަށްނަމަ، އަދިވެސް އެފަދަ މަގާމަކަށް ދިޔުމަށްޓަކައި ލައްކަ ގިނަ ވިސްނުންތައް ވިސްނައި، ގިނަ ހުރަސްތަކަކާ ކުރިމަތިލާންޖެހެ އެވެ. ތަފާތު ރޮނގު ރޮނގުން ދުނިޔެ ތަރައްގީވެ ތަހުޒީބު ވެފައިވާ މިންވަރަށް ބަލާއިރު، އާބާދީގެ އެއްބައި ހިއްސާކުރާ އަންހެނުންނަށް އެފަދަ މަގާމަކާ ހަމައަށް ދިޔުމުގައި އެއްވެސް ހުރަހެއް އޮވެގެންނުވާނެ އެވެ.

ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަގާމުގައި އަންހެނަކު ހުރުމަކީ، އަދާ ހަމައަށްވެސް ދުނިޔޭގެ އެންމެ ތަހުޒީބު ގައުމުތަކުގައިވެސް އެންމެންގެ ރުހުން ލިބިފައިވާކަމަކަށް ނުވެ އެވެ. އެ މަގާމަކީ ފިރިހެނުންނަށް ހާއްސަ މަގާމެއްކަމަށް ބަލަމުންދިޔަ ވިސްނުން ވަނީ އަދިއަދަށްދާންދެންވެސް މުޖްތަމައުގެ ތެރޭގައި މޫލައިފަ އެވެ.

ފަނޑިޔާރުކަމުގެ މަސައްކަތަކީ އަންހެނުންނަށް ހާއްސަ މަސައްކަތެއް ނޫންކަމަށް ވަކާލާތުކުރާ މީހުން އެކަމުގެ ތަފާތު ހުއްޖަތުތައް ދައްކަ އެވެ. ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ނިޔާކަނޑައަޅާއިރު، އިހުސާސްތައް އެއްފަރާތްކުރަންޖެހޭނެ ކަމާއި، "އިމޯޝަނަލް" ނުވެ މަސަކަތްކުރުމުގެ ގާބިލުކަން އަންހެނުންގެ ނުހުންނާނެ ކަމަށް ބުނުމާއި، ހަރުކަށި ވުމުގެ ގާބިލިއްޔަތުކަން ނެތުމާއި، އެ މަސައްކަތަށް ދޭންޖެހޭ ވަގުތު ނުދެވޭނެކަމަށް ބުނުމާއި، ޖެހިލުންކުޑަކަމާއެކު ކޮންމެކޮންމެ މީހެއްގެ މައްޗަށް ނިޔާ ކަނޑައެޅުމުގެ ގާބިލިއްޔަތުކަން އަންހެނަށް ލިބިގެންނުވާކަމަށް ބުނުން ފަދަ ސަބަބުތައް ދައްކައި، އެފަދަ ކަމަކާ ކުރިމަތިލައިފި އަންހެނަކަށް އަމާޒުކުރާ ފާޑުކިޔުން ގިނަގުނަ އެވެ.

އެ ދާއިރާއިން ކުރިއަރައި، ދާއިރާގެ އެންމެ އުސް މަގާމު ފުރުމުގެ ހުވަފެން ދެކެފި އަންހެނަކަށް އެއީ ނުހަނު ގޮންޖެހުން ގިނަ މަގަކަށްވާނެކަމީ ތާރީހު ހެކިދޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ތާރީހާ ބެހޭ ގޮތުން ލިބިފައިވާ އެންމެ ދުވަސްވީ ލިޔުންތަކުގައިވެސް ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނު ހެދުމާއި އަދުލު އިންސާފު ގާއިމްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ކަންކަން އެކަށީގެންވާ ގޮތަކަށް ރޭވި ހަމަޖެހިފައިވާކަން އެނގެން އޮންނަކަމަށް، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ފޮތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައި ވެއެވެ. ނިޔާ ކަނޑައެޅުމަށް "ފަނޑިޔާރު މަނިކުފާނަކު" ހުންނަވާކަން މި ކަންކަމުގެ މައުލޫމާތު ލިބެން އޮތް އެންމެ ދުވަސްވީ ރަސްމީ ލިޔުންތަކުގެ ތެރެއިން އިސްދޫލޯމާފާނުގައި ބަޔާންކޮށްފައިވާކަމަށް އެ ފޮތުގައި ވެއެވެ.

އެ ފޮތުގައި ހުރި މައުލޫމާތުތަކުގައި ފަނޑިޔާރުންގެ ވާހަކަ އައިސްފައިވާ ގޮތަށް ބަލާއިރު، ޒަމާނުއްސުރެ "ފަނޑިޔާރު" ކަން ނިސްބަތްކޮށް އުޅުނީ ފިރިހެނުންނަށް ހާއްސަ މަގާމެއްގެ ގޮތުގަ އެވެ. ފަނޑިޔާރުގެ ނަން ގަނެފައިވާ ކޮންމެ މަހައްލެއްގައިމެ ބޭނުންކޮށްފައިވަނީ "ފަނޑިޔާރު ބޭކަލުން" ނުވަތަ "ފަނޑިޔާރު މަނިކުފާނު" ނުވަތަ "ފަނޑިޔާރު ކަލޯ" މިހެންނެވެ.

ޝަރީއަތްތައް ކުރުމަށް މަހުކަމަތުއްޝަރުއިއްޔާގެ ނަމުގައި 1909 ވަނަ އަހަރު އުފެއްދި ދައުލަތުގެ މުއައްސާ އާއި އޭގެ ފަހުން 1932 ގައި އެކުލެވާލެވުނު ފުރަތަމަ ގާނޫނުއަސާސީގެ ދަށުން ޝަރުއީ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކުވެސް މި ސަގާފަތް ބަދަލުނުވެ އޮތްކަން އެނގެން އޮވެ އެވެ. ތަފާތު ނަންތައް ދެވިގެން ހިންގަމުންދިޔަ ޝަރުއީ ނިޒާމުތަކުގައި، ނިޔާކަނޑައަޅަން ހުންނަ ފަނޑިޔާރު ކަމާ ހަވާލުވެ ތިއްބެވީ މުޅިންވެސް ފިރިހެން "ބޭކަލުން" "ކަލޯ" ނުވަތަ "މަނިކުފާނުން" ނެވެ.

މި ސަގާފަތް މިގޮތުގެ މަތިން ވާރުތަވަމުން އައިސްފައިވަނީ ލިޔެވިފައިވާ ގާނޫނުއަސާސީއެއް ނުވަތަ އެހެން އެއްޗެއްގައިވެސް ފަނޑިޔާރުކަމުގެ މަގާމުގެ ޝަރުތެއްގެ ގޮތުގައި "ފިރިހެނަކަށްވުން" ލާޒިމްކޮށްފައި އޮވެގެނެއް ނޫނެވެ. 1998 ގެ ގާނޫނުއަސާސީގެ ދަށުން ކޯޓުތައް ތައާރަފުވެގެންދިޔުމާއެކުވެސް، ކޯޓުތަކަށް ފަނޑިޔާރުން އިސްކުރުމުގެ ބާރު މަތިކޮށްފައިއޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމާއެކު، ފަނޑިޔާރު ކަމުގެ މަގާމު ހާއްސަވެފައިއޮތީ، ރައީސުލްޖުމްހޫރިއްޔާކަމަށް ހުންނެވި ބޭފުޅަކަށް އެ މަގާމަށް އިސްކުރަން ފެނިވަޑައިގަންނަވާ ބޭފުޅުންނަށެވެ. އެހެންވީމާ، ތަބީއީ ގޮތުންވެސް އެކަމަށް އިސްކުރެވެމުންދިޔައީ ފިރިހެން ރައީސަށް އެ މަގާމުތަކަށް އިސްކުރަން ފެނިވަޑައިގެންނެވި ފިރިހެންނުންނެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، ކޯޓުތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނާއި، ކޯޓު އޮފިސަރުންނާއި، ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރޭގައި އަގުލަބިއްޔަތު ހިއްސާކުރަނީ އަންހެނުންނެވެ. އެންމެ ދަށު ފަންތީގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންތަކުން ފަށައިގެން، ކޯޓު އޮފިސަރުންނާއި އަދި ކޯޓަށްދާ ވަކީލުންގެ ތެރޭގައިވެސް ފިރިހެނުންނަށްވުރެ އަންހެނުން ހަރަކާތްތެރިވާ މިންވަރު މިއަދު އިންތިހާ ދަރަޖައަށް އިތުރުވެއްޖެ އެވެ. އެހެންނަމަވެސް، ފަނޑިޔާރުކަމުގެ މަގާމުގައި އަންހެނަކު ހުރުމަކީ މިއަދުވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމައުގައިވެސް ހިޔާލު ދެކަފިވެފައިވާ މައުލޫއެކެވެ.

ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް، އަދުލުއިންސާފުގެ ދާއިރާގެ އެންމެ މަތީ ފަޑީގައި އަންހެނުންގެ ބައިވެރިވުން އިތުރުވާން ފަށާފައިވަނީ މިދާކަށްދުވަހު ކަމަށް ބުނުން ކުށަކަށް ނުވާނެ އެވެ. ދުނިޔޭގެ އެންމެ ތަހުޒީބު ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި އެންމެން ބަލާ އެމެރިކާގެ ދިގު ތާރީހުގައި އެ ގައުމުގެ އެންމެ މަތީ ކޯޓުގައި ފަނޑިޔާރުކަމަށް އައްޔަނުކުރެވުނު 115 ފަނޑިރުންގެ ތެރޭގައި ހިމެނެނީ އެންމެ ހަ އަންހެނުންނެވެ. އަދުލުއިންސާފުގެ ދާއިރާގައި އެންމެ މަތީ މަގާމުތަކަށް، އަދި ވަކިން ހާއްސަކޮށް ފަނޑިޔާރުކަމުގެ މަގާމުތަކަށް އައްޔަނުކުރެވޭ މީހުންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާތާ ގިނަ އަހަރުތަކެއް ވެގެންދިޔައިރު، އަދިވެސް ކުރަންހުރި މަސައްކަތްތައް ބައިވަރެވެ.

މިއަދު މިފާހަގަކުރާ އަންހެން ފަނޑިޔާރުންގެ ދުވަހަކީވެސް އެގޮތުން ކުރެވޭ ކަމެކެވެ. ފަނޑިޔާރުކަމުގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުން އެ ދާއިރާއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި، ވޭތުވެދިޔަ ތަނުގައި އެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ހާސިލުކޮށްފައިވާ ކާމިޔާބު ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައިވެސް އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރު އެޅުމުގެ މުހިންމުކަމަށް އަލިއަޅުވާލުމަށާއި، ކުރަން ހުރި މަސައްކަތްތައް ދެނެގަނެ އެކަންކަމަށް އަމާޒު ހިފުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ. ކޮންމެ އަހަރެއްގެ މާޗް 10 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ފަނޑިޔާރުންގެ ދުވަހުގެ ގޮތުގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެން ދިޔައީ 2022 ވަނަ އަހަރު ފާސްކޮށްފައިވާ އދ ގެ ޖެނެރަލް އެސެމްބްލީގެ ރިސޮލިއުޝަން ނަންބަރު 75/274 އިން މިފަދަ ދުވަހެއް ފާހަގަކުރަން ނިންމުމާ ގުޅިގެންނެވެ.

އެ ދާއިރާއިން ކުރިއެރުންތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަމާޒުކޮށް މިފަދަ ދުވަހެއް ފާހަގަކުރާއިރު، ފަނޑިޔާރުންގެ މަގާމުގައި އަންހެނުން ތަމްސީލުވާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދުނިޔޭގެ ފެންވަރުގައި އަދި ރާއްޖޭގެ ފެންވަރުގައިވެސް ކުރެވި، އެ މަސައްކަތުން ކޮންމެވެސް ވަރެއްގެ ކާމިޔާބީ ހާސިލުނުވާކަމަކަށްވެސް ނުދެންނެވޭނެ އެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، އަދުލު އިންސާފުގެ ދާއިރާގައި ކޮންމެވެސް ސިފައެއްގައި އަދި ކޮންމެވެސް ނަމެއްގައި ނިޔާކަނޑެޅުމަށް ފަނޑިޔާރުން ތިބެމުންދިޔަނަމަވެސް، އެ މަގާމަކީ ފިރިހެނުންނަށް ހާއްސަވެފައި އޮތް މަގާމެއްގެ ގޮތުގައި ބަލަމުންދިޔަ ސަގާފަތަށް ނިމުމެއް އައީ،2007 ވަނަ އަހަރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު އަދި އަލްއުސްތާޒާ އާއިޝާ ސުޖޫން ފަނޑިޔާރުކަމަށް އައްޔަނުކުރެވުމާއެކު އެވެ.

ދިވެހިރާއްޖޭގެ ތާރީހު ބަދަލުކޮށްލި ފުރަތަމަ އަންހެން ފަނޑިޔާރުން ކަނޑައްތުކޮށްފައިވާ އުނދަގޫ އަދި ގޮންޖެހުން ގިނަ ދަތުރަށްފަހު ހޯދާފައިވާ ކާމިޔާބީގެ އުސްއަލިތައް ފާހަގަކޮށްލުމަށް ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެން ފަނޑިޔާރުންގެ ދުވަހަށްވުރެ މުނާސަބު ދުވަހެއް ނެތެވެ. ރާއްޖޭގެ "ފުރަތަމަ" އަންހެން ފަނޑިޔާރުން ހާސިލްކޮށްފައިވާ ކާމިޔާބީ ތަކަކީ އެ މަގުން ހިނގާން ތިބި އަރަމުންއަންނަ ޖީލުތަކަށް ހިތްވަރަކަށްވާނެ ކަމުގެ އުންމީދުގަ އެވެ.

ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހުއްމަދު – ދިވެހިރާއްޖޭގެ ހައިކޯޓު (2022 އިން ފެށިގެން)، ފެމިލީ ކޯޓު (2007 – 2022)

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ ބެޗްލަ އޮފް ލޯ އަދި މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯ ހާސިލްކުރައްވާފައިވާ ފަނޑިޔާރު ހުޒައިފާއަކީ ދިވެހިރާއްޖޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރެވުނު އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ. ޖުލައި 11، 2007 ގައި ފަނޑިޔާރު ޙުޒައިފާ ޢައްޔަނުކުރެވުނީ އޭރުގެ އާއިލާއާބެހޭ ކޯޓު (މިހާރުގެ ނަމުންނަމަ، ފެމިލީ ކޯޓު) ގެ ގާޒީއެއްގެ މަގާމަށެވެ. ފެމިލީ ކޯޓުގެ ގާޒީއެއްގެ ގޮތުގައި 16 އަހަރު ވަންދެން މަސައްކަތްކުރައްވާފައިވާއިރު، އެކަމަނާ ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުވެސް ފުރުއްވާފަ އެވެ. އެއީ ސުޕީރިއާ ކޯޓެއްގެ އިސް ގާޒީގެ މަގާމަށް އަންހެން ގާޒީއަކު އައްޔަނުކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ފަނޑިޔާރު ޙުޒައިފާ އަކީ ޖޫން 27، 2022 އިން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެކެވެ. އެކޯޓުގައި ނިންމެވި މައްސަލަތަކުގެ ތެރެއިން، ހައިކޯޓުގެ ދައުލަތް ވ. ހުނައިސާ އާދަމް ގަޒިއްޔާއާއި، ދައުލަތް ވ. ފަޒްލޫން މުހައްމަދު ގަޒިއްޔާއަކީ ހުކުމުގެ ކުރިން މީހަކު ބަންދުކުރުމާމެދު ގޮތެއް ނިންމުމުގައި ހަވާލާދެވޭ މުހިންމު ދެ ނިންމުމެކެވެ. ހައިކޯޓުގައި މި ނޫނަސް ހަވާލާދެވޭ ގިނަ މައްސަލަތަކުގައި ފަނޑިޔާރު ހުޒައިފާ ރިޔާސަތު ބަލަހައްޓާފައި ވެއެވެ.

ފަނޑިޔާރު އަލްއުސްތާޒާ ޢާއިޝާ ޝުޖޫން މުހައްމަދު– ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު (2019 އިން ފެށިގެން)، ސިވިލް ކޯޓު (2007-2014)

2007 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރުކަމުގެ މަގާމަށް އަންޔަނު ކުރެވުނު ދެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ އަނެއް ބޭފުޅަކީ މިވަގުތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޒާ ޢާއިޝާ ޝުޖޫން އެވެ. ފަނޑިޔާރު އާއިޝާ ޝުޖޫން އޭރު އައްޔަނުކުރެވުނީ ސިވިލް ކޯޓުގެ ގާޒީއަކަށެވެ.

އެއަށްފަހު، 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް އައްޔަނުކުރެވުނު ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ތެރޭގައިވެސް ފަނޑިޔާރު ޢާއިޝާ ޝުޖޫން ހިމެނިވަޑައިގަންނަވަ އެވެ.

ކޮލޮމްބޯގެ ރޯޔަލް އިންސްޓިޓިއުޓްގައި، ޔުނިވާސިޓީ އޮފް ލަންޑަންގެ އެކްސްޓާނަލް ޕްރޮގްރާމްގެ ދަށުން ގާނޫނީ ދާއިރާއިން ބެޗްލާ އޮފް ލޯސް (އޮނާސް) ހާސިލުކުރެއްވުމަށްފަހު، އެކަމަނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިޔާއިން މާސްޓަ އޮފް ލޯ ވެސް ފުރިހަމަކުރައްވާފައެވެ. ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން އެކަމަނާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އަދި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އިންސާނީ ހައްގުތަކާއި ގުޑް ގަވަނާސްގެ ދާއިރާއަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވައިގެން އެ ދާއިރާތައް ކުރިއެރުވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2011 އިން 2018 އާ ދެމެދު ޔުނައިޓެޑް ނޭޝަން ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗާ (ޔޫއެން. އެސްޕީޓީ) ގެ ވައިސް ޗެއާޕާސަން ފޮ ޖޫރިސްޕްރޫޑަންސް އަދި ރެޕަޓުއާ ކަމުގެ މަގާމު އަދާކުރައްވާ، މިހާރުވެސް ގެންދަވަނީ އެކޮމިޓީގެ ވައިސް ޗެއާޕާސަން ފޮ ނޭޝަނަލް ޕްރިވެންޓިޓިވް މެކޭނިޒަމްސްގެ މަގާމު ފުރުއްވަމުންނެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލެވުނު ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކެތިވް ކޮމިޓީގެ މެމްބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމާއި، ޖުޑީޝަލް އެކެޑަމީ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބޯޑު މެމްބަރުކަންވެސް އެކަމަނާ ކުރައްވާފައިވެއެވެ.

ފަނޑިޔާރު އަލްއުސްތާޒާ ޑރ. އަޒްމިރަލްދާ ޒާހިރު – ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު (2019 އިން ފެށިގެން) – ދިވެހިރާއްޖޭގެ ހައިކޯޓު (2011-2016)

2019 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަނުކުރެވުނު ދެ އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އަންހެން ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އިނގިރޭސިވިލާތުން އެލް.އެލް.ބީ އޮނާސް އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވުމަށްފަހު، އެކަމަނާ ވަނީ ބައިނަލްއަގުވާމީ ފިކުރީ މުދަލާއި ބެހޭ ގާނޫނުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ އަދި ހަމައެކަނި އަންހެން ފަނޑިޔާރުގެ މަގާމު އަދާކުރެއްވިއިރު، 2015 ވަނަ އަހަރު ހައިކޯޓުގެ ދެކުނު ގޮއްޕަށް ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައިވެސް އެކަމަނާ ހިމެނިވަޑައިގަތެވެ.

ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވުމުގެ ކުރިން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދައުލަތުގެ އެކި އެކި އިދާރާތަކުގައާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަންވެސް ކުރައްވާފައިވެއެވެ.

ފަނޑިޔާރު އަލްއުސްތާޒާ ދީބާނާޒް ފަހުމީ –ދިވެހިރާއްޖޭގެ ހައިކޯޓު (2022 އިން ފެށިގެން)، ކުރިމިނަލް ކޯޓު (2020-2022)

ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމަކީ އަންހެނުނަށްވެސް ކުރެވޭ ކަމަކަށް ވެގެންދިޔަ ހިސާބުން ޖިނާއީ ކޯޓު ފިޔަވައި ސުޕީރިއާ ކޯޓުތަކަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރެވޭ އަންހެން ފަނޑިޔާރުންގެ އަދަދު ދިޔައީ މަދުމަދުން އިތުރުވަމުންނެވެ. ކުރިމިނަލް ކޯޓު ނުވަތަ ޖިނާއީ ކޯޓު އޮތީ މީގެ ތެރެއިން އިސްތިސްނާވެފަ އެވެ.

ޖިނާއީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަކީ އަންހެނަކަށް ކުރިމަތިވެސް ނުލެވޭނެ މަގާމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ފަނޑިޔާރު އަލްއުސްތާޒާ ދީބާނާޒް ފަހުމީ ވަނީ ދިވެހިރާއްޖޭގެ ތާރީހުގައި ކުރިމިނަލް ކޯޓަށް އައްޔަނުކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރުގެ ލަގަބު ހާސިލުކުރައްވާފައެވެ.

ފަނޑިޔާރު ދީބާނާޒް ކޮށްޓަވައިދިން މަގާއެކު، މިހާރު ކްރިމިނަލް ކޯޓުގައި ދެ އަންހެން ފަނޑިޔާރުން މަސައްކަތްކުރައްވަމުން އެބަ ގެންދަވައެވެ.

ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ދެ އަހަރު ދުވަހު މަސައްކަތްކުރެއްވުމަށްފަހު، 2022 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އެކަމަނާ އެ އަންނަނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންނެވެ.

މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗިލަ އޮފް ލޯ- އެލްއެލްބީ އޮނާސް ފުރިހަމަކުރައްވާ، ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ ޔުނިވާސިޓީ އޮފް ކަންޓަބަރީ އިން މާސްޓާސް އޮފް ލޯވްސް- އެލްއެލްއެމް ހައްދަވާފައިވާ ފަނޑިޔާރު ދީބާނާޒް ފަނޑިޔާރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެޓާނީ ޖެނެރަލްގެ އޮފީހުގައާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގައިވެސް މަސައްކަތްކުރައްވާފައިވެ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީވެސް އެކަމަނާއެވެ. މީގެ އިތުރުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޔުނިވާސިޓީ އޮފް ވެސްޓް އިންގްލަންޑްގެ އެލްއެލްބީ ޕްރޮގްރާމްގައި އަދި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ޕްރޮގްރާމްތަކުގައި ލެކްޗާއެއްގެ ގޮތުންވެސް މަސައްކަތްކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަނޑިޔާރު އަލްއުސްތާޒާ ފާޠިމަތު ފަރްހީޒާ (ހައިކޯޓު – 2020 އިން ފެށިގެން)

ފަނޑިޔާރު ފަރްހީޒާ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވި 3 އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. 2020 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރެވުމާ ހަމައަށް ފަނޑިޔާރު ފަރްހީޒާ ހުންނެވީ، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގަ އެވެ.

އޭގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީއެއްގެ ގޮތުގައި އަދި ކޯޓުތަކުގެ އެކި އެކި މަގާމުތަކުގައިވެސް ފަނޑިޔާރު ފަރްހީޒާ މަސައްކަތްކުރައްވާފައި ވެއެވެ.

އިސްގާޒީ އަލްއުސްތާޒާ މަރިޔަމް ވަހީދު (ސިވިލް ކޯޓު – 2016 އިން ފެށިގެން* ކ. ގާފަރު މެޖިސްޓްރޭޓް ކޯޓު - 2013) (ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު – 2013-2016)

ސިވިލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމު މިހާރު ފުރުއްވަމުންގެންދަވާ އިސްގާޒީ މަރިޔަމް ވަހީދު ފަނޑިޔާރުކަމުގެ މަގާމު އަދާކުރާތާ 17 އަހަރުވީއެވެ. ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަނުކުރެވުމުގެ ކުރިން، ގ. ގާފަރު މެޖިސްޓްރޭޓު ކޯޓާއި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާރު އެދަނީ ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމު ފުރުއްވަމުންނެވެ. މިއީ ތާރީހުގައިވެސް، އަންހެން ފަނޑިޔާރަކު ސިވިލް ކޯޓުގެ އިސްގާޒީކަން ކުރައްވާ ފުރަތަމަ ފަހަރެވެ.

ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރުމަށްފަހު، ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ފަނޑިޔާރު މަރިޔަމް ވަހީދު ފަނޑިޔާރުކަމުގެ މަގާމަށް ހަވާލުވުމުގެ ކުރިން ފެމިލީ ކޯޓުގައާއި އައްޑޫ ސިޓީ ކައުންސިލްގައިވެސް މަސައްކަތްކޮށްފައިވެއެވެ.

ސިވިލް ކޯޓުގައި މިހާރު ތިބި 17 ފަނޑިޔާރުންގެ ތެރޭގައި، ފަނޑިޔާރު މަރިޔަމް ވަހީދުގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޒާ ހާފިޒާ އަބްދުއްސައްތާރާއި، ފަނޑިޔާރު އަލްއުސްތާޒާ ޢާއިޝަތު އަޒްފާ އަބްދުއްޣަފޫރާއި، ފަނޑިޔަރު އަލްއުސްތާޒާ ރިޒްމީނާ އިދުރީސް އާއި އަލްއުސްތާޒާ ޒުލައިޚާ ޝީޒާއާއެކު ޖުމްލަ 5 އަންހެން ފަނޑިޔާރުން އެބަތިއްބެވެ. ފަނޑިޔާރު މަރިޔަމް ވަހީދަކީ މީގެ ތެރެއިން ސިވިލް ކޯޓުގައި އެންމެ ގިނަދުވަހު މަސައްކަތްކުރައްވާފައިވާ އަންހެން ފަނޑިޔާރެވެ.

ނިންމުން

ފަނޑިޔާރު ކަމުގެ މަގާމު އަންހެނަކާ ހަވާލުކުރުން އެއީ ކުރުން ހެޔޮނުވާނެ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްލައި ދިވެހި ތާރީހުގައި އެބައެއްގެ ނަން ލިޔެވިގެންދިޔަ މި ހިތްވަރުގަދަ ފިސާރި އަންހެނުންގެ ކާމިޔާބީ އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ އެންމެ ދުވަހެއްގައެއް ނޫނެވެ. އަދި އެ ކާމިޔާބީ ފާހަގަކޮށްލާ، އެބޭބޭފުޅުންގެ ވާހަކަ ދައްކާލުމަކުންވެސް ނުފުދެއެވެ. ކުރަންވީ ކަމަކީ، އެ އަންހެން ފަނޑިޔާރުން ހިނގި މަގުން ކުރިއަށްދާން ބޭނުން އެހެން އަންހެނުންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހުންގެ ތެރޭގައި ފިރިހެނުންނެކޭ އެއް ހަމައަކަށް އަންހެނުން ހިމެނޭއިރު، އެމީހުންގެ މައްޗަށް ނިޔާކަނޑައަޅަން ތިބޭ މީހުންގެ ތެރޭގައިވެސް އަންހެނުން ތިބެންޖެހެއެވެ.

ފަނޑިޔާރުކަން ފަދަ "ފިރިހެނުން" ނަށް ހާއްސަ މަގާމުތަކުގެ މަސްއޫލިޔަތުތައް ފިރިހެންނުންނެކޭ އެއް ހަމައެއްގައި ނުވަތަ އެއަށްވުރެ ފުރިހަމައަށް އަންހެނަކަށް އަދާކުރެއްވޭނެކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގައި ތިއްބެވި މަދު އަންހެން ފަނޑިޔާރުން އެދަނީ ސާބިތުކޮށްދެމުންނެވެ. އަންހެނަކަށްވުމަކީ އެފަދަ މަތީ މަގާމެއްގައި، ފިރިހެންނުންނާ ފައިހަމަކޮށް މަސައްކަތްކުރުމަށް އޮތް ހުރަހެއް ކަމަށް ގަބޫލުކުރާ އެންމެނަށް މިއީ ފިލާވަޅަކަށްވާނެއެވެ.

ދެހާސް ހަތް ވަނަ އަހަރު ފަނޑިޔާރު ޝުޖޫން އަދި ފަނޑިޔާރު ހުޒައިފާ އެޅުއްވި ބިންގަލާއެކު،ދަށު ކޯޓެއްގެ ފަނޑިޔާރުކަމަކީ އަންހެނުންނަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ބެލެވެން ފެށިނަމަވެސް، 2019 ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަން ނުވަތަ އަދުލުއިންސާފު ދާއިރާގައި އެންމެ ފަހުބަސް އިއްވުމުގެ މަގާމަށް ފަނޑިޔާރު ޢާއިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަނުކުރުން ވެގެންދިޔައީ، ތަފާތު ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވެގެން ދިޔަ ކަމެކެވެ. މިކަމުންވެސް އެނގި ހާމަވި ހަގީގަތަކީ މިފަދަ ކަންކަމުގައި، އަޅުގަނޑުމެންގެ ވިސްނުން އަދިވެސް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީ ނުވާކަމެވެ. ދުނިޔެ ތަރައްގީވެފައިވާ މިންވަރުން މިނާއިރު، އަދުގެ ދުނިޔޭގައި އަންހެނަކަށްވީތީ ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނެ ވަކާލާތުކުރާނެ ގިނަ ބަޔަކު ތިއްބެކަމަކު، ބަހާ އަމަލާ ދިމާވާ ތަނެއް ނުފެނެއެވެ. ފިރިހެންނަށް ހާއްސަވެފައިވާ މަގާމުތަކަށް ކުރިމަތިލާން ކެރިއްޖެ މީހަކަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ބަދަލުގައި ދޭންވީ ހިތްވަރެވެ. އެފަދަ ކަމަކާ ކުރިމަތިލާން ތިބި އަންހެނުންނަށް ދެވެން އޮތް އެހީތެރިކަމެއް ދޭންވީއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޒާ ހިސާން ހުސައިން ވިދާޅުވެފައިވާ ފަދައިން، ފަނޑިޔާރުކަމުގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ހަގީގީ މާނައިގައި ގާއިމްކުރެވުނު ކަމަށް ބެލެވޭނީ، މި ރާއްޖޭގައި ތިބީ ކިތައް އަންހެން ފަނޑިޔާރުންތޯ ސުވާލުކުރަން ނުޖެހޭ ދުވަހެއް އައުމުންނެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަން ތިބި އަންހެން ފަނޑިޔާރުން އަދަދު ކިތަންމެ މަދުނަމަވެސް، އެއިން ކޮންމެ ފަނޑިޔާރަކީ އެ މަގާމު އަދާކުރުމުގައި ތަރުހީބު ހައްގު މަސައްކަތްތަކެއް ކުރައްވައި ނަމޫނާ ދައްކަމުންދާ ބައެކެވެ. އެއިން ކޮންމެ އަންހެން ފަނޑިޔާރަކާމެދު އަޅުގަނޑު ހަމަގައިމުވެސް ފަހުރުވެރިވެ އެވެ.