Advertisement

ލިވަޕޫލާއި ރޯމާ އަދި މާސޭ ކުއާޓާއާ ގާތަށް

8 މާރިޗު 2024 - 12:14 0

ލިވަޕޫލްގެ ނޫނޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލިވަޕޫލާއި ރޯމާ އަދި މާސޭ ކުއާޓާއާ ގާތަށް

8 މާރިޗު 2024 - 12:14 0

ޕްރާގް، ޗެކް ރިޕަބްލިކް (މާޗް 8) - ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގައި ތަފާތު ނަތީޖާތަކެއް ނެރުނު ލިވަޕޫލާއި ރޯމާ އަދި މާސޭ އިން މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރަށުންބޭރުގައި ލިވަޕޫލުން ވަނީ 5-1 އިން ސްޕާޓާ ޕްރާގު ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ރޯމާ އިން 4-0 އިން ބްރައިޓަން ބަލިކުރިއިރު، ވިޔަރެއާލް އަތުން މާސޭ މޮޅުވީ 4-0 އިންނެވެ.

ލިވަޕޫލަށް ރޭގެ މެޗުގައި އަލެކްސިސް މެކްއަލިސްޓާގެ ޕެނަލްޓީން ލީޑުލިބުނުއިރު، ޑާވިން ނޫނޭޒް ޖެހި މޮޅު ދެ ގޯލާ އެކު އެ ޓީމުން ލީޑުފުޅާކުރި އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ގޯލުތައް ޖެހީ، ލުއިޒް ޑިއާޒް އާއި ޑޮމިނިކް ސޮބޯސްލާއި އެވެ.

އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައި ލިވަޕޫލްގެ މުހައްމަދު ސަލާހު ވެސް މި މެޗުގައި ގޯލު ޖެހި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. ލިވަޕޫލް ކޮޅަށް މި މެޗުގައި ވަން ގޯލަކީ، އެ ޓީމުގެ ކޮނާ ބްރެޑްލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރޯމާ އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ، ޕައޮލޯ ޑިބާލާ، ރޮމެލޫ ލުކާކޫ، ޖިއަންލޫކާ މަންޗިނީ އަދި ބްރަޔާން ކްރިސްޓަންޓޭ އެވެ.

ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނީ، ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ނަތީޖާ ނެރުމުގައި ބޭނުންވާ ވަރަށް ކަންކަން ނުކުރެވުނީ ކަމަށް އެއްބަސްވި އެވެ.

މާސޭ އިން ވިޔަރެއާލް ބަލިކުރި މެޗުގައި، ޕިއޭ އެމެރިކް އޮބާމަޔަން ދެ ގޯލު ޖެހި އެވެ. ޔޫރޮޕާ ލީގުގައި ރެކޯޑް އަދަކަށް ގޯލު ޖަހާފައިވާ އޮބާމަޔަން އެއް ލަނޑު ޖެހީ ޕެނަލްޓީންނެވެ. މާސޭގެ އެއް ގޯލަކީ، ވިޔަރެއާލްގެ ޔެރްސަން މޮސްކޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ލަނޑު ޖެހީ، މާސޭގައި މޮޅު ކުޅުމެއް ދައްކާ ޖޯރްޑަން ވެރެޓޫ އެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ބެންފީކާ އާއި ރޭންޖާސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ފްރެއިބާގުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރިއިރު، ގަރަބާގްއާ ފަހު ވަގުތު ބަޔާ ލެވަކޫސަން ވަނީ 2-2 އިން އެއްވަރުވެ، ސަލާމަތްވެފަ އެވެ. އަދި އޭސީ މިލާނުން ސްލަވިއާ ޕްރާގު އަތުން 4-2 އިން މޮޅުވެފައިވެ އެވެ.