Advertisement

ރާއްޖޭގެ "ފުޓްސަލް ކިންގް" އަކީ ސައްޓު

8 މާރިޗު 2024 - 00:40 0

ފުޓްސަލް ކިންގްގެ ތަށްޓާ އެކު ސައްޓު އޭނާގެ މަންމަ އަދި ދަރިފުޅު ގޮވައިގެން.-- ފޮޓޯ: އަދަދު


ރާއްޖޭގެ "ފުޓްސަލް ކިންގް" އަކީ ސައްޓު

8 މާރިޗު 2024 - 00:40 0

މި ފަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު)، މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފުޓްސަލް ކިންގްގެ މަގާމު ހޯދައިފި އެވެ.

އޭދަފުށިން ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން އަތުން މޮޅުވީ 4-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސައްޓު ވަނީ ފުރަތަމަ ގޯލު ވެސް ޖަހައިފަ އެވެ. އޭދަފުށިން ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި ޒޯން ބުރުގެ ރަނަރަޕަށް ދިޔައިރު ވެސް ޓީމުގައި ސައްޓު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސައްޓު އަކީ، 2019 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ތ. ތިމަރަފުށި އަތުން ބަލިވިއިރު ވެސް އެ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ގައުމީ ފުޓްސަލް ޓީމުގައި ވެސް ހިމެނޭ ސައްޓު ވަނީ، ބޭންކް އޮފް މޯލްޑިވްސް ޓީމުގައި ހިމެނިގެން، ކްލަބް މޯލްޑިވްސް ތަށި ވެސް ހޯދައިފަ އެވެ. އެހެންކަމުން، ފުޓްސަލްގައި އެންމެ ބޮޑު ދެ މުބާރާތުގެ ތަށި ސައްޓު އަށް ހަމަަވީ އެވެ.

"އިންޑިވިޖުއަލް ކާމިޔާބީ އަށް ވުރެ ޓީމު ކާމިޔާބީ މުހިންމީ، ޓީމަށް (ޗެމްޕިއަންކަން) ލިބުނީމަ އަބަދުވެސް އުފާވޭ،" ސައްޓު، "އަދަދު" އަށް ބުންޏެވެ.

ފުޓްސަލް ކިންގްގެ މަގާމަށް ހޮވުނު ސައްޓު ވަނީ ގަދަ ފަަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ސައްޓުގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، އޭދަފުށީ ޓީމުގެ ހައިޝަމް ހަސަން (ބިޑި) އާއި ގަމުގެ އަލީ ޝާމިސް (ތޮއްޕޭ)، ގަމުގެ ކެޕްޓަން، އަދި މިދިޔަ އަހަރުގެ ފުޓްސަލް ކިންގް، ހުސެއިން ޝަރީފް (އޮންލީ) އަދި ކ. ގާފަރު ޓީމުގެ، އަލީ މާއިޝް (މައްޓު) އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ، އޭދަފުށީ ޓީމުގެ އަބްދުﷲ ނާސިހު އެވެ. އެންމެ މޮޅު ކޯޗަކީ ގަމު ޓީމުގެ އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ، އއ. މަތިވެރި ޓީމުގެ އަލީ އަލްސަން (އައްލެ) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރަން ބޫޓު ހޯދީ، ފ. ބިލެތްދޫ ޓީމަށް 18 ގޯލު ޖަހައިދިން ޒީދާން ޒުހުރީ އެވެ.

އެންމެ ރަނގަޅަށް ސަޕޯޓްކޮށްދިން ޓީމަކަށް ހޮވުނީ، ގާފަރު ޓީމެވެ.