Advertisement

ގަން ބަލިކޮށް އޭދަފުށިން ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް

8 މާރިޗު 2024 - 00:28 0

އޭދަފުށީގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު


ގަން ބަލިކޮށް އޭދަފުށިން ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް

8 މާރިޗު 2024 - 00:28 0

އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން އަތުން 4-2 އިން މޮޅުވެ، ބ. އޭދަފުށިން ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ތަށި އުފުލާލައި، ފުރަތަމަ ފަހަރަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޖުމްލަ އެކު، 129 ޓީމަކުން ވާދަކުރި މި ފަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޭދަފުށިން ކާމިޔާބު ހޯދިއިރު، އެ ޓީމުން ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށްޓާއި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ މާފަންނު އަދި ގަން ބަލިކޮށްފަ އެވެ.

ރެެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އޭދަފުށިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ލީޑުނެގީ ހިލޭޖެހުމެއްގައި މުހައްމަދު ފާސިރު (ފާއްޓެ) ދިން ބޯޅައަކުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން، ގަމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އަތުން ގެއްލުނު ބޯޅައެއް ހޯދައި، އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން ފާއްޓެ ވަަނީ އޭދަފުށްޓަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ގަމުން ވަނީ އޭދަފުށިން ދެ ވަނަ ގޯލެއް ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލަނޑެއް ޖަހައިފަ އެވެ، މި ލަނޑު ޖެހީ، ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެން ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މި ހާފުގައި އިތުރު ލަނޑެއް ޖަހަން ގަމުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ދެ ވަަނަ ހާފު ފަށައިގެން ގަމުގެ ކެޕްޓަން، އޮންލީ އަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެކަމަކު، އޭގެ ބޭނުމެއް ނުހިފުނެވެ. ނަތީޖާ އަކަށްވީ އޭދަފުށްޓަށް ލިބުނު ހިލޭޖެހުމެއްގައި އަލީ ފާސިރު (ސެންޓޭ) އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދިނުމެވެ.

ދެ ވަަނަ ހާފުގެ ބާކީ ނުވަ މިނިޓް ހުއްޓައި، އޭދަފުށީގެ ފަސް ފައުލު ހަމަވި ނަމަވެސް، ގަމަށް ދުރު ޕެނަލްޓީއެއް ލިބުނީ އޭގެ ހަތް މިނިޓް ހިނގި ފަހުންނެވެ. ގަމުގެ ދުރު ޕެނަލްޓީ އަހުމަދު ހަލީމް (އައްމަޑޭ) ގޯލަށް ވައްދާލި ނަމަވެސް، އެ ޓީމަށް ރަނގަޅަށް ފަށައިނުގަނެވިގެން އުޅެނިކޮށް، ސެންޓޭ ވަނީ އޭދަފުށްޓަށް ގޯލެއް ޖަހައިދީ ދެ ގޯލުގެ ލީޑުނަގައިދީފަ އެވެ.

އޭދަފުށިން 2019 ވަނަ އަހަރުގެ ފައިނަލުގައި ތިމަރަފުށި އަތުން ބަލިވިތާ ފަސް އަހަރު ފަހުން މި ވަނީ އަލުން ފައިނަލު ކުޅެ، މުބާރާތުގެ ތަށި ހޯދައިފަ އެވެ. އޭދަފުށްޓަކީ މި މުބާރާތުގެ ތަށި އުފުލާލި ފަސް ވަނަ ޓީމެވެ. މި މުބާރާތް ދެން ކާމިޔާބުކުރީ ތިމަރަފުށި ތިން ފަހަރާއި ބ. ހިތާދޫ އާއި އޭދަފުށީގެ އިތުރުން މާފަންނު އަދި ގަމުންނެވެ.

ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް އެވެ. އަރިހުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވި އެވެ.