Advertisement

ގަން - އޭދަފުށި: ހުރިހާ ގޮތަކުން ވެސް ހާއްސަ ފައިނަލަކަށް!

7 މާރިޗު 2024 - 16:45 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓްރޮފީ.--- ފޮޓޯ: އަދަދު


ގަން - އޭދަފުށި: ހުރިހާ ގޮތަކުން ވެސް ހާއްސަ ފައިނަލަކަށް!

7 މާރިޗު 2024 - 16:45 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ވަނަ އަހަރުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން އާއި ބ. އޭދަފުށި ކުރިމަތިލާއިރު، މި ފަހަރުގެ މި ފައިނަލް ހުރިހާ ގޮތަކުން ވެސް ހާއްސަވާނެ ސަބަބުތަކެއް އެބަހުއްޓެވެ.

މިއީ އޭދަފުށީގެ ދެ ވަނަ ފައިނަލެވެ. އެ ޓީމުން ދެ ވަނަ ފައިނަލް މި ކުޅެނީ ފުރަތަމަ ފައިނަލުން ބަލިވިތާ، ފަސް އަހަރު ފަހުުންނެވެ. އަނެއްކޮޅުން، ގަމުން ވަނީ އެ ޓީމުގެ ތަށި ދިފާއުކުރުމުގެ މަސައްކަތުގައި ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. މިއީ، މި ފައިނަލް ހާއްސަވާނެ އެއް ސަބަބެވެ.

މި ފަހަރުގެ މުބާރާތުގައި އޭދަފުށި ދެ މެޗުން ބަލިވެފައިވެ އެވެ. ގަން ބަލިވީ އެއް މެޗުންނެވެ. އޭދަފުށި ބަލިވީ ޒޯން ބުރުގައި ކ. ގާފަރާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. ގަން ބަލިވީ، ޒޯން ބުރުގައި ކުޅުނު މެޗުން ތ. ތިމަރަފުށި އަތުންނެވެ. އެހެންކަމުން، މި ގަމާއި އޭދަފުށި ވެސް މި ފަހަރުގެ މުބާރާތަށް މިއައީ، އެންމެ ފަސޭހަ ދަތުރެއް ކުރުމަށް ފަހު ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

ގަމުން ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންްޖްގެ އަތޮޅު ބުރުން ފަށައިގެން، އެއް ތަށި ފިޔަވައި، މި މުބާރާތުގައި އެ ޓީމަށް ހޯދޭނެ ހުރިހާ ތަށްޓެއް ހޯދައިފަ އެެވެ. އެއީ، މިދިޔަ އަހަރުގެ އަތޮޅާއި މުޅި މުބާރާތުގެ ތަށީގެ އިތުރުން، މި ފަހަރުގެ ގޯލްޑަން ފުޓްސަލްގެ ޗެރިޓީ ޝީލްޑާއި، މި ފަހަރުގެ އަތޮޅު ތަށްޓާއި ޒޯން ތަށްޓެވެ. އެހެންކަމުން، އެ ޓީމުގެ އިތުބާރު އެ އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުންނެވެ.

ގަމުގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ)، އެންމެ ފުރަތަމަ ދުވަހު ވެސް ބުނަމުން އައި އެއް ވާހަކަ އަކީ، "ތަށި ދިފާއުކުރަން ކުރަން ޖެހޭ އެ މަސައްކަތުގެ ހިތްވަރު" އެ ޓީމުގެ ކިބައިގައި ހުންނާނެ ކަމަށެެވެ. ޔަގީނުން ވެސް އެ ޓީމުން މުބާރާތުގައި ދެއްކި މަސައްކަތުގެ ރޭޓަށް ބަލާއިރު އެ ހިތްވަރު ފެނިގެންދިޔަ އެވެ.

ޒޯން ބުރުގައި ތިމަރަފުށި އަތުން ބަލިވި ނަަމަވެސް، ޒޯން ފައިނަލުގައި ތިމަރަފުށި ބަލިކުރި އެވެ. ގަދަ 16 ބުރުގައި ހދ. ނައިވާދޫގެ މައްޗަށް ޕެނަލްޓީން ކުރިހޯދި އެވެ. އެ އަށް ފަހު، ކުއާޓާ ފައިނަލުގައި އއ. މަތިވެރި ބަލިކުރީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ ފައިނަލުގައި ފަހަތުން އަރައި، ވިލިމާލެ ބަލިކުރީ ދެ ވަނަ ހާފުގައި ތަފާތު ރޫހެއްގައި ކުޅެލައިގެންނެވެ.

ގަމަށް މި ފައިނަލަށް ނުކުންނައިރު، އިތުބާރު ބޮޑުވާނެ އެންމެ ބޮޑު ސަބަބަކީ ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ފޯމަކަށް އެޅިފައި ހުރުމެވެ. އޮންލީ ވަނީ ސެމީ ފައިނަލުގައި ވިލިމާލެ ކޮޅަށް ހެޓްރިކެއް ހަަދައިފަ އެވެ. ފައިނަލުގައި ގަމުން ނަތީޖާ ނެރޭނަމަ އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިއަކީ އޮންލީ އެވެ.

ބަދަލުހިފުމުގެ ރޫހު ރަނގަޅު ގޮތުގައި ނަގައި އޭދަފުށި ފައިނަލަށް

ކުޅިވަރުގައި ބޭނުންވާ މަންޒިލަށް ވާސިލްވާން ޓީމުތަކުން، އެންމެ ރަނގަޅަށް ބޭނުންހިފަން، ކުރާ ކަމަކީ، ކުރިން ނުކުމެފައި އޮތް ނަތީޖާއެއްގެ ބަދަލުހިފުމުގެ ރޫހުގައި ނުކުމެ ކާމިޔާބު ހޯދުމެވެ. އެ ގޮތުން، މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޭދަފުށިން މި ވަނީ މީގެ ނަމޫނާ އެއް ދައްކައިފަ އެވެ.

ބ. އަތޮޅު ބުރުގައި ތިން ޓީމުގެ ރޭހެއް އޮތުމުން އުނދަގުލެއް ނެތި، އޭދަފުށިން ވަނީ އަތޮޅު ތަށި ހޯދައިފަ އެވެ. އެކަމަކު، ޒޯން ބުރުގައި އެ ޓީމަށް ޗެލެންޖަކަށްވީ މި މުބާރާތުގެ ރަނަރަޕްގެ މަގާމު ދެ ފަހަރު ހޯދާފައިވާ ކ. އަތޮޅު ޗެމްޕިއަން، ގާފަރެވެ. ޒޯން ބުރުގައި ގާފަރުން ވަނީ ދެ މެޗުން އޭދަފުށި ބަލިކޮށްފަ އެވެ. އެއީ ޒޯންގެ ގްރޫޕްގައި ކުުޅުނު މެޗުންނާއި ޒޯން ފައިނަލުން ޕެނަލްޓީ ޖަހައިގެންނެވެ.

ގަދަ 16 ބުރަށް ނުކުމެ، އޭދަފުށިން ވަނީ ތަފާތު ރޫހެއްގައި މަސައްކަތް ފަށައިފަ އެވެ. ޒޯން އަށެއްގެ ޗެމްޕިއަން، މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން އޭދަފުށި މޮޅުވި އެވެ. މިއީ، 2018 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިވި މެޗުގެ ބަދަލު ހިފުމެކެވެ.

މާފަންނު ބަލިކޮށް، އޭދަފުށިން ކުއާޓާ ފައިނަލުގައި ކުޅުނީ، ތ. ތިމަރަފުށްޓާ ދެކޮޅަށެވެ. އޭދަފުށިން ގޯލްޑަން ފައިނަލުގައި ކުޅުނު ހަމައެކަނި ފަހަރު، 2019 ވަނަ އަހަރުގެ ފައިނަލުގައި ބަލިވީ ތިމަރަފުށި އަތުންނެވެ. އެހެންކަމުން، މި ފަހަރުގެ ކުއާޓާ ފައިނަލުގައި ތިމަރަފުށި ބަލިކުރުމަކީ، އެ ފަހަރު ފައިނަލުން ބަލިވުމުގެ މާޔޫސްކަމުން އަރައިގަންނަން ކޮންމެވެސް ވަރެއްގެ ފަސޭހައެއް ކަމަށް އޭދަފުށީގެ ތަރި، މުހައްމަދު ފާސިރު (ފާއްޓޭ) ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ތިމަރަފުށި ބަލިކޮށް، އޭދަފުށިން ސެމީ ފައިނަލަށް އައިސް، ގާފަރާ ކުރިމަތިލިއިރު، އެ ޓީމަށް އޮތީ، މި ފަހަރުގެ ޒޯން ދެ މެޗުގައި ގާފަރު އަތުން ބަލިވެފައި އޮތުމުން، އޭގެ ބަދަލެއް ހިފައި، ފައިނަލަށް ދިއުމުގެ އަޒުމެވެ. އެ ރޫހުގައި އެންމެ ފަހު ސިކުންތާ ހަމައަށް މަސައްކަތްކޮށް، އޭދަފުށިން ވަނީ ޕެނަލްޓީ ޖަހައިގެން ގާފަރު ވެސް ބަލިކޮށް، ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

އޭދަފުށްޓާއި ގަމާއި މި ފަހަރުގެ ފައިނަލުގައި ކުޅޭއިރު، މި ދެ ޓީމުން ވެސް މިހާ ހިސާބަށް ކުރި ދަތުރުގައި، ޓީމުގެ މެޖޯރިޓީ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެެވެ. ބެންޗުގައި ތިބި ކުޅުންތެރިން ވެސް މުހިންމު ވަގުތުގައި އަރައި ތަފާތު ދައްކައިފި އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، މި ފައިނަލް ވެގެންދާނީ ވަރަށް ހާއްސަ ފައިނަލަކަށެވެ.

އޭދަފުށްޓާއި ގަމުން ފުރައިގެން ގިނަ ސަޕޯޓަރުންތަކެއް މިރޭގެ މެޗަށް އެބަ ދަތުރުކުރެ އެވެ. އެހެންކަމުން، ފޯރި އަށް ބަލާއިރު، ދަނޑު ސަރަހައްދުގެ އަޑު ހުންނާނީ ގަދަކޮށެވެ. ދަނޑުން މެޗު ނުބެލޭ ފަރާތްތަކަށް، ގްރައުންޑް ދޭއްގައި ތިބެ، ދަނޑު މާހައުލުން ސްކްރީންގައި މެޗު ބެލޭނެ އިންތިޒާމު ވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވެސް ހަމަޖައްސައިދޭން އަންނަނީ މަަސައްކަތް ކުރަމުންނެވެ.

ފައިނަލް މެޗު ފަށާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގެ ގްރައުންޑް 1 ގައި 21:00 ގަ އެވެ.