Advertisement

ޑި ޒާބީގެ ނަން ބަޔާނާއި ޔުނައިޓެޑް އަދި ޗެލްސީގެ ޝޯޓްލިސްޓުގައި

7 މާރިޗު 2024 - 09:33 0


ޑި ޒާބީގެ ނަން ބަޔާނާއި ޔުނައިޓެޑް އަދި ޗެލްސީގެ ޝޯޓްލިސްޓުގައި

7 މާރިޗު 2024 - 09:33 0

ލަންޑަން (މާޗް 7) - މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އަދި ޗެލްސީ އިން އާ ކޯޗެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކުލަވާލައިފައިވާ ކޯޗުންގެ ޝޯޓްލިސްޓުގައި ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕަލާމޯ އާއި ޝަހުތަރު ޑޮނެސްކްގެ ކުރީގެ ކޯޗު، ޑި ޒާބީ، 44، މީގެ އެއް ސީޒަން ކުރިން މެދުތެރެއިން ބްރައިޓަންއާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ޑި ޒާބީ މި ވަގުތު ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޑި ޒާބީގެ ކޮންޓްރެކްޓްގައިވާ ގޮތުން، 20 މިލިއަން ޑޮލަރު ދައްކާފައި އޭނާ ގެންދަން ބޭނުންވާ ކްލަބަކަށް ބްރައިޓަންގެ ކޮންޓްރެކްޓް ގަނެވޭނެ އެވެ.

ބްރައިޓަންގެ ޗީފް އެގްޒެކްޓިވް، ޕޯލް ބާބާ "އެތުލެޓިކް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ޑި ޒާބީ ގެއްލެން ބޭނުންނުވާ ކަމަށާއި އޭނާ އަކީ މި ވަގުތު ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ މޮޅު ކޯޗެއް ކަމަށެވެ.

"ރޮބާޓޯ (ޑި ޒާބީ) ބްރައިޓަންގެ އެންމެންނާ ވަރަށް ގުޅޭނެ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް މިއީ ކޮންމެ ވެސް ދުވަހަކުން އޭނަ މި ޓީމުން ދާނެ. އަހަރެމެން އެދެނީ ވީހާ ވެސް ގިނަ ދުވަހު އޭނާ މި ޓީމުގައި ހުރުުން،" ޕޯލް ވިދާޅުވި އެވެ.

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ މުސްތަގުބަލާ މެދު އެ ދެ ކްލަބުން ސީޒަން ނިމުމުން ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ދެ ކްލަބުން ވާހަކަ ދައްކާނެ ކޯޗުންގެ ލިސްޓުގައި ޑި ޒާބީގެ ނަން ހިމެނެ އެވެ.

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް، މި ސީޒަނަށް ފަހު، އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، އެ ޓީމުގެ އެއް ވަނަ ޓާގެޓަކީ ބަޔާ ލެވަކޫސަންގެ ކޯޗު، ޒަބީ އަލޮންސޯ އެވެ. އަލޮންސޯ ހޯދަން، ލިވަޕޫލުން ވެސް މަސައްކަތް ކުރެ އެވެ. ލިވަޕޫލްގެ ކޯޗު، ޔާގެން ކްލޮޕް ނުވަ އަހަރަށް ފަހު އެ ޓީމު ދޫކޮށްލާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.