Advertisement

އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަސްކަރީ އާލަތްތައް ފޯރުކޮށްދީ ސިފައިން ތަމްރީނުކޮށްދޭނެ: ރައީސް

5 މާރިޗު 2024 - 23:29 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީ އާ އެކު : ރައީސް މުއިއްޒު ވިދާޅުވީ އަސްކަރީ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަސްކަރީ އާލަތްތައް ފޯރުކޮށްދީ ސިފައިން ތަމްރީނުކޮށްދޭނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އަސްކަރީ އާލަތްތައް ފޯރުކޮށްދީ ސިފައިން ތަމްރީނުކޮށްދޭނެ: ރައީސް

5 މާރިޗު 2024 - 23:29 0

ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް އަސްކަރީ އާލާތްތައް ފޯރުކޮށްދީ، ސިފައިން ތަމްރީނުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލިސް ކެމްޕެއިނާ ދިމާކޮށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިރޭ ދ. މީދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިހާރު ރާއްޖެ އައިސް އުޅޭ ޗައިނާގެ މިލިޓަރީގެ ވަރަށް އިސް ފަރާތަކާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އެ ގައުމާއެކު ރާއްޖެއިން އަބަދުވެސް އަސްކަރީ ގުޅުން ބާއްވާ ކަމަށެވެ.

"އެއީ ހިލޭ އެހީގެ ދަށުން ސިފައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ދިނުމާ އަދި ނޮން ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލާތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް، މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރެއްވީ ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓަރު، މޭޖާ ޖެނެރަލް އަޖޯންގު ބައުކުއާން އާ އެވެ.

އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދިފާއީ ބާރަށް އިތުރު ތަމްރީނު ލިބި ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށާއި މި މަސައްކަތް ކުރެވެނީ އަމިއްލަވަންތަކަން ގާއިމުކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި މަސައްކަތްތައް ވެސް މި ކުރެވެނީ އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކާ، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އިތުރަށް ވަރުގަދަކުރުމަށްޓަކާ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ވަރުގަދަކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކާ ކުރެވޭ މަސައްކަތުގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ޗައިނާއިން ފޯރުކޮށްދޭ އަސްކަރީ އާލާތްތަކަކީ ކޮބައިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީގައި "އަދަދު" އިން އެދުމުން ވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

ޗައިނާއާއެކު ވި އެއްބަސްވުމުގައި އެ ގައުމުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.

ޕީޕީއެމް/ޕީއެންސީއަކީ އަބަދު ވެސް ޗައިނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސިޔާސީ އިއްތިހާދެކެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ޗައިނާއާއެކު ގާތް ގުޅުމެއް ރާއްޖޭން ބޭއްވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ގިނަ ދުވަސްތަކެއް ނުވަނީސް ބައެއް ގައުމުތަކުން ވަނުން މަނާކޮށްފައިވާ ޗައިނާގެ ރިސާޗު އުޅަނދެއް ރާއްޖޭގެ އީއީޒެޑު ބުޑުގައި މަހެއްހާ ދުވަހު އުޅުމަށްފަހު މާލެއަށް ބަނދަރު ކުރުމުން ވެސް އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ކަމަށްވާ ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކުރީ ފެބްރުއަރީ، 22 ގަ އެވެ. އޭގެ ތިން ދުވަސް ފަހުން އެ ބޯޓު ވަނީ އަނބުރާ ރާއްޖޭގެ އީއީޒެޑުގެ ބުޑަށް ގޮސްފަ އެވެ.

މިފަދަ އުޅަނދުތަކުން ކުރާ ދިރާސާތައް ޗައިނާއިން އަސްކަރީ ބޭނުމަށް ބޭނުންކުރާކަމަށް ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. އެ ސިޔާސަތު ބައްޓަން ވެފައިވަނީ ހަމައެކަނި އިންޑިއާގެ މަސްލަހަތަށް އިސްކަންދޭ ގޮތަށް ކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ތުހުމަތު ކޮށްފައިވެ އެވެ.

ނަމަވެސް މި ސަރުކާރުގައި ވެސް އިންޑިއާއިން ދިން އުޅަނދުތައް ބޭނުންކުރުމަށާއި އިތުރު އުޅަނދު ހޯދުމަށް ވެސް ނިންމާފައިވެ އެވެ.