Advertisement

އަލޮންސޯގެ ކޮންޓްރެކްޓް އުވާލަން 27 މިލިއަން ޑޮލަރު ދައްކަންޖެހޭ: ރިޕޯޓް

5 މާރިޗު 2024 - 10:44 0


އަލޮންސޯގެ ކޮންޓްރެކްޓް އުވާލަން 27 މިލިއަން ޑޮލަރު ދައްކަންޖެހޭ: ރިޕޯޓް

5 މާރިޗު 2024 - 10:44 0

ބާލިން (މާޗް 5) - ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ، 27 މިލިއަން ޑޮލަރަށް އަރާ ކަމަށް ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލެވަކޫސަން ކޯޗުކަމަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަޖެއްސި އަލޮންސޯ، އެންމެ ފަހުން އެ ޓީމާ އެކު ހެދި ކޮންޓްރެކްޓް އޮތީ، ޖޫން، 2026 ގެ ނިޔަލަށެވެ.

ކޮންޓްރެކްޓް ހަމަވުމުގެ ކުރިން، އަލޮންސޯ ޓީމު ބަދަލުކުރާނެ ކަމަށް ބެލެވޭއިރު، އޭނާގެ ސޮއިހޯދަން މަަސައްކަތް ކުރަނީ، ބަޔާން މިއުނިކް އާއި ލިވަޕޫލް އެެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ނުވަ އަހަރަށް ފަހު، މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. ބަޔާންގެ ނަތީޖާތަށް ދަށްވުމުން އެ ޓީމުން ވަނީ ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމައިފަ އެވެ. މި ދެ ޓީމަކީ ވެސް އަލޮންސޯ ކުޅުމުގެ ކެރިއަރުގައި ކުޅެފައިވާ ޓީމުތަކެކެވެ.

ސްކައި ސްޕޯޓްސް ޖާމަނީ އިން ރިޕޯޓްކުރާ ގޮތުގައި، އަލޮންސޯގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު އުވާލާނަމަ، އޭނާ ގެންދާ ޓީމަކުން، 27 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

މިހާތަނަށް ޓީމެއްގައި ހުރި ކޯޗެއްގެ ކޮންޓްރެކްޓް އުވާލައިގެން ހިނގި، އެންމެ ބޮޑު ޓްރާންސްފާ އަކީ، 2021 ވަނަ އަހަރު އާރްބީ ލައިޕްޒިގުގެ ކޯޗަކަށް ހޫލިއަން ނާގަލްސްމަން ހުއްޓައި، ބަޔާނުން، 28 މިލިއަން ޑޮލަރު ދީފައި، އޭނާ ގެންދިޔަ ޑީލެވެ.

އަލޮންސޯ، ލެވަކޫސަނުގައި މަޑުކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، ސިމޯން ރޯލްފެސް ވަނީ ބުނެފަ އެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި ލެވަކޫސަން މި ވަގުތު އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.