Advertisement

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދަތުރާއި ޕާޓީ ލީޑަރުގެ ކެމްޕެއިން ދަތުރު ވަކިވާންޖެހޭ!

19 މާރިޗު 2024 - 10:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް ކެނދިކުޅުދޫގައި ވާހަކަ ދައްކަވަނީ: ރަސްމީ ކޮންމެ ދަތުރެއްގައި ވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯއްދަވަން ރައީސް މަސައްކަތް ކުރައްވާ -- ފޮޓޯ: ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދަތުރާއި ޕާޓީ ލީޑަރުގެ ކެމްޕެއިން ދަތުރު ވަކިވާންޖެހޭ!

19 މާރިޗު 2024 - 10:31 0

އަތޮޅުތަކަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރުފުޅުގައި މިދިޔަ ފެބްރުއަރީ 29، ގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. ކެނދިކުޅުދޫއަށް ވަޑައިގަތެވެ. އެކި ފިކުރުގެ އެކި ގިންތީގެ ރައްޔިތުން އެއްވެ ތިބި ސަރުކާރުގެ ރަސްމީ ހަފުލާއަށް އެމަނިކުފާނު ވަޑައިގަތީ ވެސް ދައުލަތުގެ ހަރަދުގަ އެވެ. ދަތުރުފުޅުގެ ބޭނުމަކީ ވެސް ސަރުކާރު ހިންގުމާއި މަޝްރޫއުތައް ރޭވުމުގައި އާންމުންގެ ހިޔާލު ހޯދުމެވެ.

ކެނދިކުޅުދޫގައި އެމަނިކުފާނު ދެއްކެވި ވާހަކައިގެ އުސްއައްޔަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ގިނަ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅާ ވާހަކަ އެވެ. މަޖިލީހުން ހުރަސްއަޅާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ބައެއް ކަންކަން ވެސް ވިދާޅުވުމަށް ފަހު، ދެން އެދިވަޑައިގަންނަވަނީ ދެން އަންނަ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓު ދިނުމަށެވެ.

"ރައްޔިތުން ހޮވި ސަރުކާރަށް މިގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގަ ބާރު ސްޕީޑުގަ ގެންދިއުމަށް އެހީތެރިކަން ދޭނެ، ރައްޔިތުންގެ ފަޅީގަ ތިބެ، ރައްޔިތުން ހޮވި ސަރުކާރުން ކުރާ ކަންކަމުގަ ރައްޔިތުންނަށްޓަކައި، މަގުފަހިކޮށްދޭނެ މަޖިލީހެއް ހޮވައިދިނުމަކީ އަޅުގަނޑުގެ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ އާއި ވާދަވެރި، އެމްޑީޕީގެ މެންބަރުން ހިމެނޭ ކެނދިކުޅުދޫ ކައުންސިލުން އެ ކަމާ ނުރުހި ބަޔާނެއް ނެރުނެވެ. މާޗު 2، ގައި ނެރުނު އެ ބަޔާނުުގައި ކައުންސިލުން ރައީސްގެ ވާހަކަ ސިފަކުރީ ދައުލަތުގެ ރަސްމީ ބައްދަލުވުމެއް ގޮތަށް ކައުންސިލް ވެސް ބައިވެރިވެގެން އިންތިޒާމުކުރި ހަފުލާއެއް، ސިޔާސީ ވަކި ފިކުރެއްގެ ހަރަކާތެއް ގޮތަށް ސިފަވާ ގޮތަށް ދެއްކެވި ވާހަކައެއް ގޮތަށެވެ.

"ހަފުލާގެ ވަކި ހިސާބަކުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެން ދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސް ނިސްބަވްތާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް ދެއްކެވި ވާހަކަފުޅަކަށް،" ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެކެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގައި އެ ވަނީ ހައްގު ކަންބޮޑުވުމެކޭ ވެސް ބުނެވޭނެ ޖާގަ އޮންނަނީ މިހެންވެ އެވެ. އެ ބަޔާން ބާތިލްކުރަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެ ކައުންސިލަށް އެންގުމާއެކު، އަނެއްކާ ވެސް ހޫނުވެގެން އައި ބަހުސަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސިޔާސީ ޕާޓީގެ ލީޑަރުގެ މަސައްކަތް ވަކިކުރެވޭނެ ހަމައެއްގެ ބަހުސެވެ.

ރަސްމީ ދަތުރާއި ކެމްޕެއިން ދަތުރު ވަކިވާން ޖެހެނީ ކީއްވެ؟

ރައީސް މުއިއްޒު ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގަމުންދާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ، އެހެން ބައެއް ކައުންސިލްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

މިއީ ރާއްޖޭގައި އަލަށް ހިނގާ ކަމެއް ނޫނެވެ.

އެއް ކަމަކީ، ރާއްޖެ އަބަދުވެސް އޮންނަނީ އިންތިހާބީ މޫސުމެއްގަ އެވެ. ދެން އަހަރުން ނޫނީ ތިން އަހަރުން އިންތިހާބެއް އޮވެ އެވެ. ރިޔާސީ އިންތިހާބު ނިމޭއިރަށް، ހަ މަހެއްހާ ދުވަސް ފަހުން މަޖިލިސް އިންތިހާބު އޮންނާނެ އެވެ. އޭގެ އަހަރެއްވަރު ފަހުން ދެން ބާއްވަނީ ކައުންސިލް އިންތިހާބެވެ. އެ ދޭތެރޭގައި ޕާޓީގެ އެތެރޭގެ އިންތިހާބުތައް އޮވެ އެވެ.

އިންތިހާބީ ދުވަސްވަރު ގިނަވެފައި، ދެވަނަ ކަމަކީ މިއިން ކޮންމެ ދުވަސްވަރަކާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ދަތުރު ކުރައްވަ އެވެ. ރަސްމީ ދަތުރުތަކުގެ ނަމުގައި، ދައުލަތުގެ ހަރަދުގައި ކުރައްވާ އެ ދަތުރުތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެވެ.

އެ ދުވަސްވަރު އިދިކޮޅު ސިޔާސީ ޕާޓީތަކުން އޭގެ ކަންބޮޑުވުން ވެސް ފާޅުކުރާނެ އެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު ވެސް، ސަރުކާރު ހިންގާ ޕާޓީއަށާއި އެ ޕާޓީ ލީޑް ކުރައްވަން ހުންނަވާ، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ބޮލުގައި އެޅިގެންދެ އެވެ. ގައުމުގެ އިސްވެރިންގެ މިފަދަ އަމަލުތައް ޑިމޮކްރެޓިކް ނިޒާމެއްގައި ދަމަހައްޓަންޖެހޭ ހަމަހަމަކަމަށް ހުރަސް އަޅަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިޔާސީ ޕާޓީގެ ލީޑަރުގެ މަސައްކަތްތައް ވަކިކުރަން ޖެހޭ މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ.

އެއް ކަމަކީ، ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަމަހަމަ ފުރުސަތު ލިބުމަކީ ހައްގެކެވެ. އެ ހައްގު ޔަގީން ކުރުމަށް، ސަރުކާާރު ހިންގާ ޕާޓީއަށް ސަރުކާރުގެ ވަސީލަތްތައް ލިބުނަސް، ޕާޓީގެ ކެމްޕެއިނަށް ބޭނުން ނުކުރެވޭނެ ގޮތެއް އޮންނަން ޖެހެ އެވެ.

އަނެއް ކަމަކީ، ސަރުކާރަކުން ފޯރުކޮށްދޭ ހިދުމަތަކީ، ވަކި ސިޔާސީ ފިކުރެއް، ނަސްލެއް، އަދި ވަކި ރަށެއް، ވަކި ޖިންސެއް ވެސް ބެލުމެއް ނެތި ފޯރުކޮށްދޭ ހިދުމަތަކަށް ވާން ޖެހެ އެވެ. ސަރުކާރުގެ ރަސްމީ މަސައްކަތުގެ ތެރެއަށް ސަރުކާރު ހިންގާ ޕާޓީގެ މަސައްކަތް ނުވަންނަން ޖެހެނީ މިހެންވެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2020 ގައި ނެރެފައިވާ "ރިވިއު އޮފް އިލެކްޓޯރިއަލް ލީގަލް ފްރޭމްވޯކް އޮފް މޯލްޑިވްސް" ގައި ވަނީ ދައުލަތުގެ ވަސީލަތްތައް ކެމްޕެއިނަށް ބޭނުންކުރާ ކަމުގެ ޝަކުވާ އެކި އަހަރު މަތިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަން ފާހަގަކޮށްފަ އެވެ.

  • އަތޮޅު ވެރިންނާއި، އަތޮޅު އޮފީސްތަކުގެ އިސްވެރިން އަދި ސިވިލް ސާވަންޓުން ވެސް އެމީހުންގެ މަގާމުގެ ބޭނުންހިފައި، ރައްޔިތުންގެ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާކަން ހާމަވެ އެވެ. އެގޮތުން 30،000 އަށް ވުރެ ގިނަ ސިވިލް ސާވަންޓުންގެ ވޯޓަށް ސުޕަވައިޒަރުން ނުވަތަ އިސްވެރިންގެ ފަރާތުން ނުފޫޒުފޯރުވާފައިވެ އެވެ.
  • 2014 ވަނަ އަހަރުގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ކެމްޕެއިނުގައި ބައިވެރިވުމަށް ސަރުކާރު މުވައްޒަފުންނަށް ބާރުއެޅުމުގެ އިތުރުން، ބައިވެރިނުވެއްޖެ ނަމަ ވަޒީފާއިން ވަކިކުރުމުގެ ބިރު ވެސް ދައްކާފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
  • ސަރުކާރުގެ މުއައްސަސާތަކާއި މަގާމުތަކުގެ އިތުރުން އުޅަނދުތައް ބޭނުންކޮށްގެން އިންތިހާބާއި ދިމާކޮށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުކުރުމަކީ ވެސް ދައުލަތުގެ ވަސީލަތްތަކުގެ އިސްރާފެވެ. ރަސްމީ އަދި ނުރަސްމީ ދަތުރުތައް ވަކިކޮށް، ކެމްޕެއިނު ދުވަސްވަރު ދައުލަތުގެ ހަރަދު ހިފެހެއްޓޭނެ ގާނޫނެއް ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.
  • ސަރުކާރު ހިންގާ ޕާޓީން އިންތިހާބާއި ކައިރިކޮށް ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށް، ބޮޑެތި ހަފްލާތައް ބާއްވައި ވޯޓަށް ނުފޫޒުފޯރުވަން މަސައްކަތްކުރެ އެވެ. އެގޮތުން 2014 ވަނަ އަހަރު އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު އިއުލާނުކުރެވިގެން ދިޔައީ ޕީޕީއެމްގެ ގިނަ ކެނޑިޑޭޓުންތަކެއްގެ ބައިވެރިވުމާއިއެކުގައި ކަން ފާހަގަކުރެވެ އެވެ. 2019ގައި ވެސް ގޯތި އަދި އެއާޕޯޓު ފަދަ މަޝްރޫއުތައް އިންތިހާބުތަކާއި ދިމާކޮށް އިއުލާނުކޮށްފަ ވެ އެވެ.

މީގެ ސަބަބުން ކެމްޕެއިނު ދުވަސްވަރަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދުމުގެ ފުރުސަތު އޮންނަ ހަމައެކަނި ދުވަސްވަރަށްވެ، އެފަދަ ސަގާފަތެއް މި ވަނީ އުފެދިފަ އެވެ. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާގެ އެގްޒެކެޓިވް ބޯޑް މެމްބަރު، އަބްދުﷲ ނާހިދު ވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ.

މިސާލެއްގެ ގޮތުގައި ނާހިދު ނެންގެވީ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. އޭރެއްގެ ސަރުކާރެއްގެ ކެންޑިޑޭޓުންގެ ކެމްޕެއިނުގެ ތެރޭގައި ޕްރޮޖެކްޓްތައް އިއުލާންކޮށް، ދައުލަތުގެ ވަޒީފާތަކެއް ވެސް އެ ދާއިރާއެއްގެ މީހުންނަށް ހަމަޖައްސައިދެ އެވެ.

"އެއްވެސް ރަށެއްގެ ޕްރޮޖެކްޓް ހިންގުމާ މީހުންނަށް ވަޒީފާ ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ވެސް ނޫން، އެކަމަކު މި ވަގުތު އެ ކަން ބަދަލުވެފަ މި ވަނީ، ސަރުކާރުގެ ކެނޑިޑެޓުން މިވަނީ ވަޒީފާދޭ އަދި ޕްރޮޖެކްތައް ހުޅުވާ ފަރާތްތަކަށް،" ނާހިދު ވިދާޅުވި އެވެ.

ރައީސުލްޖުމުހޫރިއްޔާގެ މަގާމުގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކަށް ހޮވޭ ބޭފުޅުންނަކީ ގައުމުގެ އެންމެން ބަލައިގަންނަ ޝަހުސިއްޔަތުތަކެއްގެ ވެރި ބަޔަކަށް ވާން ޖެހެ އެވެ. ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވެ، އެ ފައިސާ ބޭނުންކުރެވެނީ ހަމައެކަނި ރައްޔިތުންނާއި ގައުމުގެ މަންފާއަށް ތޯ ޔަގީކުރަންޖެހެ އެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާގެ މަގާމު އަދާކުރެއްވި ހުސައިން އަމްރު ގަބޫލު ކުރައްވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަކީ މުޅި ސިޔާސީ މަސައްކަތުގެ ނަމޫނާއެއް ދެއްކެވޭ ވަރުގެ ބޭފުޅަކަށް ވާން ޖެހޭނެ އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ރަށްރަށަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަތުރުކޮށް ކެމްޕެއިނު ކުރައްވާތަން، ރައީސުލްޖުމުހޫރިއްޔާއަކީ މިސާލެއްގެ ގޮތަށް ފެންނަންޖެހޭ ބޭފުޅެއް. އެފަދައިން ކަންތައްކޮށްގެން ނުވާނެ،" ޑިމޮކްރެޓްސް މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް އުޅުއްވި އަމްރު ވިދާޅުވި އެވެ.

ދައުލަތުގެ އިސްވެރިންގެ ރަސްމީ އަދި ސިޔާސީ މަގާމު ވަކިކޮށް ތަފާތުކުރުމަށް ކުރެވޭނެ އެއްކަމަކީ ވައުދުތައް ތަންފީޒުކުރުން އިންތިހާބުގެ އެއްވެސް ކަމަކާ މަތި ނުކުރުމެވެ. އެކަމަކު ރާއްޖެ ފަދަ އަސާސީ ގިނަ ކަންކަން ވެސް ހަމަޖެހިފައިނުވާ ބޮޑު އާބާދީއެއް އޮންނަ ގައުމެއްގައި އެ ކަން ކުރަން އުނދަގޫ ވެސް ވާނެ އެވެ.

އެކަމަކު، މި ފަހުން ކުރެވޭ ތަޖުރިބާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސިޔާސީ ޕާޓީގެ ލީޑަރުގެ މަސައްކަތް ވަކިކޮށް، އެއް މަސައްކަތުގެ ތެރެއަށް އަނެއް މަސައްކަތް ނުވެއްދޭނެ ހަމަތަކެއް ހިފަހައްޓަން ޖެހެ އެވެ.

ކެމްޕެއިނަށް ދައުލަތް ބޭނުން ކުރުން މަނާކުރާ ގާނޫނެއް

ކެމްޕެއިނުތަކަށް ދައުލަތުގެ ރައުސްމާލު އިސްރާފުކުރުން ހުއްޓާލުމަށް އޭގެ ތަފުސީލީ ގާނޫނީ އޮނިގަނޑެއް ބޭނުންވާނެ އެވެ. ތިން ބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމެއްގެ ވިސްނުމެއްގައި ރާއްޖޭގެ ފެހި ގާނޫނު އަސާސީ 2008، ގައި އައި ފަހުން ވެސް 16 އަހަރުވީ އެވެ. އަދި އޭގެ ގާނޫނެއް ނެތެވެ.

ރާއްޖޭގެ ގާނޫނު އަސާސީ، ރިޔާސީ ނިޒާމަކަށް ބައްޓަން ކުރުމުގައި އެންމެ ބޮޑަށް ނަމޫނާއެއް ގޮތުގައި ބެލީ އެމެރިކާ އެވެ. އެމެރިކާގައި އެފަދަ ގާނޫނެއް 1939 އިން ފެށިގެން އަންނަނީ އަމަލު ކުރަމުންނެވެ.

"ދަ ހެޗް އެކްޓް" ގެ ގޮތުގައި އަމަލުކުރާ ގާނޫނުގައި މި ބުނާ ފަލްސަފާއަށް ވިސްނާފައިވެ އެވެ. ކެމްޕެއިންގެ ހަމަހަމަ ފުރުސަތު ކޮންމެ ބަޔަކަށް ވެސް ލިބިދިނުމާއި، ސަރުކާރަކުން ނުވަތަ ސްޓޭޓް ގަވަމަންޓަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކީ، ސިޔާސީ ފިކުރަށް ބެލުމެއް ނެތި ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމުގެ ވިސްނުމެވެ.

ހެޗް އެކްޓްގެ ދަށުން މަނާވާ ބައެއް ކަންތައްތައް

  • ރަސްމީ ގަޑީގައި ނުވަތަ ދައުލަތުގެ އިމާރާތެއްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން.
  • ރަސްމީ ބާރު ބޭނުންކޮށްގެން އިންތިހާބެއްގެ ނަތީޖާއަށް ހުރަސްއެޅުން ނުވަތަ ނުފޫޒުފޯރުވުން
  • މަތީ މަގާމުތަކުގެ އޮފިޝަލުން ސިޔާސީ ގޮތުން ލިބޭ ކޮންޓްރިބިއުޝަންތައް ހޯދުމާއި، ބަލައިގަތުމާއި، ނުވަތަ ލިބިގަތުން

އެމެރިކާގައި މި ގާނޫނޫނަށް މީހުން އަމަލުކޮށް ބޯލަނބައިތޯ ބެލުން އޮންނަނީ ވަކި ހާއްސަ ކައުންސިލަކާ ހަވާލުކޮށްފަ އެވެ. އެގޮތުން ހެޗް އެކްޓާ ހިލާފުވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ ޔޫއެސް އޮފިސް އޮފް ސްޕެޝަލް ކައުންސިލް (އޯއެސްސީ) އިންނެވެ.

މިފަދަ ގާނޫނެއްގެ ބޭނުން ރާއްޖެއަށް ޖެހިފައިވާއިރު، ސިޔާސީ ކަންތައްތަކުގެ ސަބަބުން ދައުލަތުގެ ހަރަދު އިތުރުވިޔަ ނުދީ ހިފެހެއްޓޭނީ އޭރުންނެވެ. އެމެރިކާގައި، 85 އަހަރު ވަންދެން ތަންފީޒުކުރަމުން އަންނަ ހެޗް އެކްޓް ފަދަ ގާނޫނެއް ރާއްޖޭއަށް ބޭނުންވެ އެވެ.

"ގާނޫނެއް އަޅުގަނޑުމެންނަށް މުހިއްމު އޭގެ ތެރޭގަ ތަފްސީލީ އިޖުރާއަތްތަކެއް މިވަގުތު ބަޔާކޮށްފަ ނެތީމަ، މިހާރުވެސް ބައިވަރު ކަންކަން އެބަހުރި ގާނޫނީ ނިޒާމު ތެރޭގަ އެކަށައެޅިފަ. އެކަމަކު އިމްޕްލިމެންޓް ނުކުރާތީ އެކަންކަން ނުވެފަ ހުރި ކަންކަން،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކވި ޕީއައިއެލްސީގެ އެގްޒެކެޓިވް ބޯޑް މެމްބަރު، ނާހިދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީގައި އެ މާއްދާއަށް ވަކި އުސޫލުތަކެއް ތަފްސީލެއް ކަނޑައެޅިފައެއް ނުވެ އެވެ. ހަމައެކަނި ބަޔާންކޮށްފައިވަނީ ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނުވާނެ ކަމެވެ.

ކެންޑިޑޭޓުން ކޮންމެ އިންތިހާބަކަށް ކުރާ ހަރަދު ބެލެހެއްޓުމަށް ވަކި އެކައުންޓެއް ހަދަންޖެހެ އެވެ. އެކަން ބަލަހައްޓައި ރެގިއުލޭޓުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ. ނަމަވެސް ކެމްޕެއިނަށް ބޭނުންކުރެވޭނެ ފައިސާ ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން އެންމެ ރަނގަޅު ފިޔަވަޅު ނޭޅޭ ކަން ނާހިދު ފާހަގަކުރެއްވި އެވެ. އަދި އެ ކަމަށް ތަފްސީލީ އިޖުރާއަތްތަކެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ރެގިއުލޭޓެއް ނުކުރެވޭ ކިހާ ހަރަަދެއްތޯ ހަގީގަތުގަ ކުރެވުނީ. ހަގީގަތަށް ކުރެވުނު ހަރަދާ ހިލާފުވާނަމަ ހަރަދާމެދު ސުވާލުކުރެވެން އެބަޖެހޭ. އެބޭފުޅުން ޖަވާބުދާރީ ވާންޖެހޭނެ،" ނާހިދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މާހައުލު ބަދަލުވަމުން ދާ ގޮތާއި، ތަރައްގީ އެއް ހަމައެއްގައި ހިފަހައްޓައިލުމަށް ރަސްމީ އަދި ނުރަސްމީ ވަކި ކުރާ ގާނޫނެއް ބޭނުންވަނީ މިހެންވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ހަރަދުގައި ކުރާ ކަންކަމުގައި ޕީއެންސީގެ ރައީސްގެ ރުހުން އޮންނަ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއާއި ޕާޓީގެ ލީޑަރުގެ މަސައްކަތް އެއްވެގެން ނުވާނެ އެވެ.