Advertisement

ޕޮގްބާގެ ސަސްޕެންޝަނަކީ ފުޓްބޯޅައަށް ލިބުނު ދެރައެއް: އަލެގްރީ

3 މާރިޗު 2024 - 11:15 0


ޕޮގްބާގެ ސަސްޕެންޝަނަކީ ފުޓްބޯޅައަށް ލިބުނު ދެރައެއް: އަލެގްރީ

3 މާރިޗު 2024 - 11:15 0

ޓިއުރިން، ޔުވެންޓަސް (މާޗު 3) - މަނާ ބޭހަކަށް ޕޮޒިޓިވްވެގެން ޔުވެންޓަސް އަށް ކުޅެމުންދިޔަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ހަތަރު އަހަރު ދުވަހަށް ސަސްޕެންޑްކުރުމަކީ ފުޓްބޯޅަ އަށް ލިބުނު ދެރައެއް ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

ފްރާންސް ގައުމީ ޓީމުގެ މިޑްފީލްޑަރު، ޕޮގްބާ، 30، ހަތަރު އަހަރު ދުވަހަށް ސަސްޕެންޑްކުރަން އިޓަލީގެ އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ނިންމީ އެ މައްސަލަ ތަހުގީގްކުރުމަށްފަހު އެވެ.

މި މައްސަލަ ކޮޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އެޕީލްކުރާނެ ކަމަށް ޕޮގްބާ ވަނީ ބުނެފައެވެ. އެކަމަކު ހަތަރު އަހަރުގެ ސަސްޕެންޝަނާއެކު، ޕޮގްބާގެ ކެރިއަރާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިޓާލިއަން ލީގުގައި މިރޭ ނަޕޯލީއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޔުވެންޓަަސްގެ ކޯޗު އަލެގްރީ ބުނީ ޕޮގްބާ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ސަސްޕެންޑްކުރުމަކީ ފުޓްބޯޅަ އަށް ލިބޭ ގެއްލުމެއް ކަމަށެވެ.

"މިއީ ފުޓްބޯޅަ އަށް ލިބުނު ދެރައެއް. ވަރަށް ހުނަރުވެރި ކުޅުންތެރިއެއް މި ގެއްލުނީ،" އަލެގްރީ ބުންޏެވެ.

"އަހަންނަށް އޭނާ އަށް ކޯޗުކޮށްދީ، އެއްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު. ޕޮގްބާ ކަހަލަ ކުޅުންތެރިއެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް."

އަލެގްރީ ބުނީ ސަސްޕެންޝަނާއެކު ޕޮގްބާ އަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ މެސެޖެއް ފޮނުވި ކަމަށެވެ. އެކަމަކު ހިނގަމުންދާ މައްސަލައަކަށްވަތީ، އެކަމާ ގުޅޭގޮތުން އިތުރަށް އޭނާ ވާހަކައެއް ނުދެއްކިއެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އިން ދެވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާއި، ޑޯޕިންގް މައްސަލައާ ގުޅިގެން ޔުވެންޓަސް އަށް އޭނާގެ ބޭނުން ހިފުނީ މަދު މެޗެއްގަ އެވެ.