Advertisement

މުސާރައިގެ ވާހަކަ ދައްކާތީ ރެޝްފޯޑް ރުޅިގަދަވެއްޖެ

1 މާރިޗު 2024 - 09:53 0


މުސާރައިގެ ވާހަކަ ދައްކާތީ ރެޝްފޯޑް ރުޅިގަދަވެއްޖެ

1 މާރިޗު 2024 - 09:53 0

ލަންޑަން (މާޗް 1) - މާކަސް ރެޝްފޯޑް، މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އެންމެ ބޮޑު ސަބަބަކީ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް އޮތުމުން ކަމަށް ދެކެވޭ ވާހަކަތަކާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރެޝްފޯޑް، 26، އަށް މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ، ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން، މި ފަހަރު ރެޝްފޯޑަށް ޖެހުނީ އެންމެ ފަސް ލަނޑު ކަމަށްވާއިރު، މިދިޔަ އަހަރަށް ވުރެ ކުޅުން ދަށްވެފައިވާ ސަބަބަކީ، ދަނޑު މަތީގަޔާއި އާންމު ދިރިއުޅުމުގައި ރެޝްފޯޑްގެ އެޓިޓިއުޑް ހުންނަ ގޮތުން ކަމަށް ވެސް ގިނަ ބަޔަކު ވާހަކަ ދައްކައިފައިވެ އެެވެ.

ދާދި ފަހުން ޔުނައިޓެޑްގެ ޓްރެއިނިން އަކަށް ނާދެވުނު ރެޝްފޯޑް، ނައިޓް ކްލަބެއްގައި ރޭގަނޑު އުޅުނު ވީޑިއޯ/ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ މައްސަލައިގައި ޔުނައިޓެޑުން ރެޝްފޯޑަށް ފިޔަވަޅު އެޅި އެވެ. ހަފްތާ އަކު 400،000 ޑޮލަރުގެ މުސާރައެއްގައި ހުރި ރެޝްފޯޑަށް އެ މުސާރައާ އެއްވަރަށް ނުކުޅެވޭ ކަމަށް އިނގިރޭސި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން އަންނަަނީ ބުނަމުންނެވެ. އަދި ޔުނައިޓެޑްގެ ޓީމު ކަންކަން ބެލެހެއްޓުމާ ހަވާލުވި، ޖިމް ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިން މި ފަދަ ކަންކަން ބަލަން ޖެހޭ ކަމަށް ބުނެ ވެސް އަޑުތައް އަންނަނީ ގަދަވަމުންނެވެ.

"އަހަރެން ޔުނައިޓެޑަށް ދޭ އަހައްމިއްޔަތުކަމާ ބެހޭގޮތުން ސުވާލު އުފައްދައި، އެކި ގޮތްގޮތަށް ވާހަކަ ދައްކަންޏާ، އެއީ އަހަރެން ދިފާއުގައި ބަސް ބުނަން ޖެހޭ ހާލަތް ކަމުގައި އަބަދުވެސް ދެކެނީ،" އުުމުރުން 18 އަހަރުގައި ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކުޅެން ފެށި ރެޝްފޯޑް ބުންޏެވެ.

ޔުނައިޓެޑަށް 391 މެޗުން 128 ގޯލު ޖަހައިދީފައިވާ ރެޝްފޯޑް ބުނީ، އެ ޓީމަށް ކުޅެން އޭނާ ވާނީ މާ ބޮޑު މުސާރަ ލިބޭ ހުށަހެޅުންތައް ވެސް ދޫކޮށްލައިފައި ކަމަށެވެ.

"އަހަރެންގެ ކޮންމެ ކަމަކަށް ފާޑުކިޔަންވީ، ސޯޝަލް މީޑިއާގައި ވިޔަސް، ކޮންމެ ގޮތަކަށް ވެސް، އެކަމަކު، މި ކްލަބަށް (މެންޗެސްޓާ ޔުނައިޓެޑަށް) އަހަރެން ބަހައްޓާ ގާތްކަން، ނޫނީ ފުޓްބޯޅަ އަށް އޮތް ލޯތްބާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެއްކުމަކީ، އަހަންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ޗައިނާ އާއި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން މީގެ ކުރިން ހުށަހެޅުން ލިބުނު ރެޝްފޯޑް ބުންޏެވެ.

މިދިޔަ ސީޒަންގައި ރެޝްފޯޑް ހުރިހާ މުބާރާތެއްގައި ކުޅުނު، 56 މެޗުން 30 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އެކަމަކު، މި ފަހަރު އަދި އެ ލެވަލާ ގާތަށް ވެސް އޭނާ އަށް ކުޅުމެއް ނުދެއްކެ އެވެ.