Advertisement

ހަތަރު އަހަރުގެ ސަސްޕެންޝަނާ އެކު ޕޮގްބާ އަށް ޝޮކެއް

1 މާރިޗު 2024 - 09:23 0


ހަތަރު އަހަރުގެ ސަސްޕެންޝަނާ އެކު ޕޮގްބާ އަށް ޝޮކެއް

1 މާރިޗު 2024 - 09:23 0

ޓިއުރިން (މާޗް 1) - މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން ހިމެނޭ ބޭހެއް ބޭނުންކޮށްފައިވާތީ، ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު، ޕައުލް ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމުމާ އެކު، ޝޮކެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.

ފްރާންސް ގައުމީ ޓީމުގެ މިޑްފީލްޑަރު، ޕޮގްބާ، 30، ވަގުތީ ގޮތުން ސަސްޕެންޑްކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ، މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ.

އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ނިންމީ ހަތަރު އަހަރަށް ޕޮގްބާ ސަސްޕެންޑް ކުރުމަށެވެ.

"އަހަރެން ޕްރޮފެޝަނަލް ކެރިއަރުގައި ބިނާކުރި ހުރިހާ އެއްޗެއް އަހަރެންގެ އަތުން ބީވެގެންދިއުން ފަދަ ކަމެއް މިވީ، މިއީ ވަރަށް ބޮޑު ޝޮކެއް،" ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ޕޮގްބާ ބުންޏެވެ.

ޕޮގްބާ ވަނީ މި ސަސްޕެންޝަންގެ މައްސަލަ ކޮޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އެޕީލްކުރާނެ ކަމަށް ބުނެފަ އެވެ.

އެއްވެސް އިރެއްގައި މަނާބޭހެއް ބޭނުންކުރަން މަސައްކަތް ނުކުރާ ކަމަށް ބުނެ، ޕޮގްބާ ވަނީ ކާސްގައި މި މައްސަލައިގައި އޭނާ އަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

އިޓަލީގެ އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ޔުވެންޓަސް އަށް ޕޮގްބާގެ ސަސްޕެންޝަންގެ ކަންކަން ސާފުކޮށްދިނީ އިއްޔެ އެވެ. ޔުވެންޓަސް އިން ވެސް ވަނީ ޕޮގްބާ އެޕީލްކުރަން ބޭނުންވާނަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ މަނާބޭސް ބޭނުންކުރީ އަނިޔާއިން ރަނގަޅުވާ މިންވަރު އަވަސްކޮށް، ފިޓްވެ، ކުރީގެ މޮޅު ކުޅުން ދައްކަން ބޭނުންވާތީ އެވެ. އެއީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ކަމެއް ޕޮގްބާ އަށް ނޭނގޭ ކަމަށް ވެސް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.