Advertisement

އީސީން ކެންޑިޑެސީ ބަލައިނުގަތް އަފްނާނަށް ކެޔޮދޫ ދާއިރާއަށް ވާދަކުރަން ފުރުސަތު ދޭން ހުކުމްކޮށްފި

29 ފެބުރުވަރީ 2024 - 18:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކެޔޮދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަފްނާން: އަފްނާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ނިންމި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އީސީން ކެންޑިޑެސީ ބަލައިނުގަތް އަފްނާނަށް ކެޔޮދޫ ދާއިރާއަށް ވާދަކުރަން ފުރުސަތު ދޭން ހުކުމްކޮށްފި

29 ފެބުރުވަރީ 2024 - 18:44 0

ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އާއިޝަތު އަފްނާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަކަށް ނޫން ކަމަށް ކަނޑައަޅައި، ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އަފްނާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑާޝިޕުގައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޓީމުގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓެކެވެ.

އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަން އެ ކޮމިޝަނުން ނިންމީ، ކެންޑިޑެސީ ފޯމާއެކު ހުށަހަޅަން ޖެހޭ ރަސްމީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑު ހިމަނާފައި ނެތް ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު، މިއަދު ނެރުނު ހުކުމުގައި ވަނީ އަފްނާނުގެ ފޯމުގައި، އޭނާގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު އެޓޭޗުމަންޓެއް ހިމަނާފައިވާއިރު އޭގައި މައުލޫމާތު މަދުކަން ޔަގީން ކުރަން އިލެކްޝަނުން މަސައްކަތް ކުރި ކަން ބެލެވެން ނެތް ކަމަށެވެ.

އެެ ކޮމިޝަނުން މަސައްކަތް ކުރި ނަމަ، މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތު ހަމަ ކުރުމަށް ކެންޑިޑެސީ ހުށަހެޅި ފަރާތަށް އަންގަން ފުރުސަތު ލިބޭނެ ކަމާއި، މައުލޫމާތު ހަމަނުވާ ކަން ޔަގީންކުރުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރި ކަމަށް ވެސް ނިންމޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ކެޔޮދޫ ދާއިރާއަށް ދެން ވާދަކުރަނީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނިއުޝާމް (ނިއުބެ)، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަބްދުއްރައޫފް އިބްރާހީމް، އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އާދަމް އަބްދުއްލަތީފެވެ.

މިއީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ކެންޑިޑެސީތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީ ބަލައިނުގަތް ކެންޑިޑެސީއެއް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމި ފުރަތަމަ މައްސަލަ އެވެ.