Advertisement

ވެލިދޫ ދަތުރު ކެންސަލްކޮށް، ރައީސްއާ ބައްދަލު ކުރަން ހޮޅުދޫއަށް ދާން އެދުމުން ކައުންސިލުން ދެކޮޅު ހަދައިފި

29 ފެބުރުވަރީ 2024 - 14:28 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ވެލިދޫއަށް ވަޑައިނުގަންނަން ނިންމެވުމުން ރައީސާ ބައްދަލުކުރަން ވެލިދޫ ކައުންސިލުން ދެކޮޅު ހަދައިފި - ފޮޓޯ: ރައީސް އޮފީސް


ވެލިދޫ ދަތުރު ކެންސަލްކޮށް، ރައީސްއާ ބައްދަލު ކުރަން ހޮޅުދޫއަށް ދާން އެދުމުން ކައުންސިލުން ދެކޮޅު ހަދައިފި

29 ފެބުރުވަރީ 2024 - 14:28 1

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ނ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫއަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެދުމުން ކައުންސިލުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ވެލިދޫ ކައުންސިލުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދަތުރުގައި އެ ރަށަށް ވަޑައިގަތުމަށް މީގެ ކުރިން ނިންމާފައިވާ އޮތް ނަމަވެސް ވަޑައިގަންނަވާ ރަށްތަކުގެ ލިސްޓުން ވެލިދޫ އުނި ކުރީ ވަކި ސަބަބެއް ބަޔާންނުކޮށް ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް މިފަހަރު ވަޑައިގަންނަވާ ރަށްތަކުގެ ލިސްޓުގައި ވެލިދޫ ނެތް ކަމަށާއި އެކަން އެގޮތަށް ނިންމި ވަކި ސަބަބެއް ވެސް ނެތް ކަމަށެވެ.

ވެލިދޫއަށް ވަޑައިނުގަތް އެ ރަށުގެ ކައުންސިލާ ބައްދަލުކުރަން ރައީސް ދައުވަތު ދެއްވީ ހޮޅުދޫއަށް ދިއުމަށެވެ. ނަމަވެސް ވެލިދޫ ކައުންސިލުން ޖަވާބުގައި ބުނެފައިވަނީ މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ.

"ހޮޅުދޫގައި ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މިވަގުތު ބައިވެރިވުމަކީ އެންމެ މަސްލަހަތުހުރި ގޮތް ކަމަށް މި ކައުންސިލަށް ނުފެންނާތީ މި ކައުންސިލުގެ މެންބަރުންނާއި ވެލިދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ގޮތަށް ނިންމާފައިވާ ކަމުގައި ދެންނެވިން," ކައުންސިލުން ރައީސަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ވެލިދޫއަށް ވަޑައިނުގެން ރައީސްގެ ދަތުރު ނިންމާލެއްވިއިރު، އެމަނިކުފާނު މި މަހު ފެއްޓެވި ދަތުރުތަކުގައި ވަޑައިގެންނެވި ހުރިހާ އަތޮޅެއްގެ ވެސް އާބާދީ ބޮޑު ރަށްތަކަށް ވަނީ ޒިޔާރާތް ކުރައްވާފަ އެވެ.