Advertisement

އެޓަލަންޓާ ބަލިކޮށް އިންޓަ އިން 12 ޕޮއިންޓަށް ލީޑުފުޅާކޮށްފި

29 ފެބުރުވަރީ 2024 - 09:45 0


އެޓަލަންޓާ ބަލިކޮށް އިންޓަ އިން 12 ޕޮއިންޓަށް ލީޑުފުޅާކޮށްފި

29 ފެބުރުވަރީ 2024 - 09:45 0

މިލާން (ފެބްރުއަރީ 29) - އިޓާލިއަން ލީގުގައި 4-0 އިން އެޓަލަންޓާ ބަލިކޮށް، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

އެއް ވަނައިގައި އޮތް އިންޓަ އަށް 26 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 26 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނުގެ އޮތީ 26 މެޗުން 43 ޕޮއިންޓެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ހާފެއްގައި ދެ ގޯލު ޖަހައިފަ އެވެ. މި މެޗުގައި އެޓަލަންޓާ އިން ޖެހި ގޯލެއް ވަނީ ވީޑީއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، ހޭންޑްބޯޯލް އެއް ވެފައިވާތީ، ކެންސަލްކޮށްފަ އެވެ.

އިންޓަ އަށް މެޗުގެ، 26 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ހެންރިކް މިކިތާރްޔަން ދިން ބޯޅައަކުން މަޓެއޯ ޑާމިއަން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަގެ ލީޑުފުޅާކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލަޓާރޯ މާޓީނޭޒް އެވެ.

ދެ ވަނަ ހާފުގައި އިންޓަ އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ އިތުރު ދެ ގޯލު ޖެހިއިރު، މި ހާފުގެ ފުރަތަމަ ލަނޑު މެޗުގެ، 54 ވަަނަ މިނިޓްގައި ޖެހީ ފެޑެރީކޯ ޑިމާކޯ އެވެ. މިއީ، މާޓީނޭޒް ޖެހި ޕެނަލްޓީއެއްގެ ރީބައުންސަކުން، ޑިމާކޯ ޖެހި ގޯލެކެވެ. އިންޓަ އިން ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދިނީ، ޑާވިޑޭ ފްރަޓޭސީ އެވެ.

މި މެޗުން މޮޅުވެ، ސިމޯން އިންޒާގީ ކޯޗުކޮށްދޭ އިންޓަ އިން ވަނީ، ވާދަކުރާ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުން ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ވަނީ ރޭ ރަށުންބޭރުގައި ސަސުއޯލޯ އަތުން 6-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ނަޕޯލީގެ ވިކްޓަ އޮސީމެން ހެޓްރިކެއް ހެދިއިރު، ކްވިޗާ ކްރަވަޝްކޭލިއާ ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑު ޖެހީ އާމިރް ރަހުމާނީ އެވެ. ސަސުއޯލޯގެ ހަަމައެކަނި ލަނޑު ޖެހީ، ރަޗިޗް އެވެ.

މި މޮޅާ އެކު ނަޕޯލީ އޮތީ 26 މެޗުން 40 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.