28 ފެބުރުވަރީ 2024 - 20:45 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހޮޅުދޫގައި ވާހަކަދައްކަވަނީ : އިދިކޮޅު މެންބަރުން ތިބީ ވަކި ބަޔަކަށް ތަބާވާ އަޅުންތަކެއްގެ ގޮތުގައި ކަމަށް ރައީސް ސިފަ ކުރައްވައިފި - ފޮޓޯ: ރައީސް އޮފީސް
28 ފެބުރުވަރީ 2024 - 20:45 0
ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަމަލުތައް ހުރީ ބަޔަކަށް ތަބާވާ އަޅުންތަކެއް ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވެ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ފާޑުވިދާޅުވެފައިވަނީ، މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް އެމަނިކުފާނު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކުރި ފަހުން ނ. ހޮޅުދޫގައި ހުންނަވާ ވާހަކަ ދައްކަވަމުންނެވެ.
"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގަ ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގަ އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، މަޖިލީހުން ދަނީ ޝަރުއީ ދާއިރާއަށް ބާރު ހިންގަމުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރެއް ނެރުނަސް އެ އަމުރު މަޖިލީހުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމަށް ވިސްނާ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ނިންމަން ޖެހޭނީ ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ގައުމެއް ބިނާކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަހުގެ 26 ގައި ރައީސް ވަނީ އެމަނިކުފާނު އެކުލަވާލެއްވި 22 ވަޒީރުންގެ ކެބިނެޓުގެ ތެރެއިން ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ބޭރުގެ ގައުމަކުން އޯޑަރު ކޮށްގެން ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ، އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ ރާއްޖޭން ބޭރުގެ ކޮންމެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް، ހަމަ މަޖުބޫރުވެގެން،" ހދ. ހަނިމާދޫގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.
ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް މި ސަރުކާރުން ހާރިޖީ ގޮތުން އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ އަވަށްޓެރި އިންޑިއާއާ އެވެ. އިދިކޮޅު ފަރާތްތަކާ އެންމެ ގާތް ގުޅުމެއް އޮންނަ ކަމަށް ސަރުކާރުން ބުނަނީވެސް އިންޑިއާއާ އެކު އެވެ.
"ތިމަންނަމެން ޖެހެއޭ ކޮންމެހެންވެސް ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން، އެހެން އަޅުގަނޑުމެންގެ މެންބަރުން ކައިރީގަ ވެސް ބުނަމުން ދިޔައީ، 'ތި އެންމެންނަކަށް ނުދެވޭނޭ ރުހުމެއް، ތިމަންނަމެން ކޮންމެހެން ވެސް ޖެހެއޭ ދެތިން ވަޒީރަކު ދުއްވާލަން' ހަމަ އެ ލެންގުއޭޖް ބޭނުންކުރެއްވީ،" ރައީސް އެ ރޭ ވިދާޅުވި އެވެ.
މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރަކަށް އައްޔަންކުރި ޑރ. އަލީ ހައިދަރު އަށެވެ.
Comment