Advertisement

އިންތިހާބު ލަސްނުކުރަން ދައްކާނެ ހުއްޖަތެއް މިހާރު ނެތް: އެމްޑީޕީ

28 ފެބުރުވަރީ 2024 - 17:14 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފޮޓޯ: މިރާން ނާޝިމް / އަދަދު


އިންތިހާބު ލަސްނުކުރަން ދައްކާނެ ހުއްޖަތެއް މިހާރު ނެތް: އެމްޑީޕީ

28 ފެބުރުވަރީ 2024 - 17:14 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހު ރޯދައިގެ ފަހަށް ބަދަލުނުކުރަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ދައްކާނެ އެއްވެސް ހުއްޖަތެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން މިއަދު ބުނެފި އެެެވެ.

ރޯދަމަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް، އިންތިހާބާ ބެހޭ އާންމު ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމުން މަޖިލީހުން މިއަދު ދެވަނަ ފަހަރަށް ފާސްކުރި އެވެ.

އެ ބިލު ފާސްކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައިލުމަށް ފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މަޖިލީހުން އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމުން، ތަސްދީގު ނުކުރައްވަން ރައީސް ދައްކަވާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިހާރު ފެންމަތިވެގެން އުޅޭ މައްސަލައެއް ސާފު ހައްލެއް، ގާނޫނީ އިމުގެ ތެރެއިން ލިބިގެން ދިޔަ ތަން،" ބިގޭ ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ތިންބާރު ވަކިވެފައި އޮންނަ އިރު އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވާތީ އެމްޑީޕީން ކަންބޮޑުވާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އިންތިހާބު ރޯދައިގެ ފަހަށް ލަސްކުރުމާ މެދު ރައްޔިތުންގެ އަޑު މިއަދު އިއްވައިފި ކަމަށެވެ. މަޖިލީހަށް އަނބުރާ ފޮނުވައިލައްވާ ބިލެއް ދެވަނަ ފަހަރަށް ފާސްކުރުމުން ތަސްދީގު ނުކުރެއްވުމަކީ ރައީސްގެ އިހުތިޔާރެއް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ވަރަށް ސާފު [އެކަމުގައި]. އަޅުގަނޑުމެން މިއުއްމީދުކުރަނީ ރައީސުލް ޖުމްހޫރިއްޔާ އިހުތިރާމްކުރައްވާނެ ކަމަށް،" ހިސާން ވިދާޅުވި އެެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވައިލެއްވުމުން ދެވަނަ ފަހަރަށް ފާސްކުރާ ހާލަތުގައި ތަސްދީގުކުރައްވަން ލާޒިމުކޮށް ގާނޫނު އަސާސީގައި އޮންނަ މާއްދާ ސުޕްރީމް ކޯޓުން އޮތީ މީގެ އަހަރުތަކެއް ކުރިން މާނަކޮށްފަ އެވެ.

އޭނާ އެ އިޝާރާތްކުރެއްވީ ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ފުނަދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު 2010 ވަނަ އަހަރު ސުޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލާގައި ނެރުއްވި ރޫލިން އަށެވެ.

"[އެ ރޫލިންގައި އޮތް ގޮތުން] އިންސާނީ ބާރު ނުހިނގާ ކަމެއް ދިމާ ނުވާ ނަމަ ލަސްކުރުމެއް ނެތި ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާ،" ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި 47 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.