Advertisement

ބީއެމްއެލް އިން ޕީސީބީގެ އެންގުންތަކަށް ތަބާނުވެ، އެއްބާރުލުން ވެސް ނުދޭ ކަމަށް ބުނެފި

28 ފެބުރުވަރީ 2024 - 10:15 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕީސީބީއާއި މިކްކޯގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ


ބީއެމްއެލް އިން ޕީސީބީގެ އެންގުންތަކަށް ތަބާނުވެ، އެއްބާރުލުން ވެސް ނުދޭ ކަމަށް ބުނެފި

28 ފެބުރުވަރީ 2024 - 10:15 1

ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރުމާއި ކުންފުނިތައް ހިނގާނުހިނގާ ގޮތް ބެލުމުގެ ޒިންމާ އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ) އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބާރުލުން ނުދޭ ކަަމަށް އެބޯޑުގެ ރައީސް ހަމްދީ އަގީލް އިއްޔެ ބޭންކަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޕީސީބީގެ ރައީސް ހަމްދީ އަގީލު ވިދާޅުވީ، ބީއެމްއެލްގެ ބޯޑުން މީގެ އަހަރެއް ކުރިން އިސްތިއުފާދެއްވި ބޭފުޅަކު ވަކިކުރަން ލަފާ ދެވުނީ އޭނާ އިސްތިއުފާދެއްވި ކަން އެ ބޭންކުން ނާންގައި އޮތީމާ ކަމަށެވެ.

ޖުމްލަކޮށް އެ ބޭންކުން ޕީސީބީއަށް މައުލޫމާތު ނުދޭ ކަމަށް ވެސް ހަމްދީ ވިދާޅުވި އެވެ. ބީއެމްއެލް އިން ޕީސީބީއަށް އެއްބާރުލުން ނުދިނުމުގެ ދެވަނަ މިސާލަކަށް އޭނާ ދެއްކެވީ އެ ބޭންކުގެ ހިންގާ ގަވާއިދު އިސްލާހުކުރަން ތަކުރާރުކޮށް އެންގި ނަަަމަވެސް ގަވާއިދު އިސްލާހުނުކޮށް އޮތުމެވެ.

"ބީއެމްއެލް [އެއީ] ވަރަށް މިނިވަންކޮށް ހިނގަމުންދާ ޕަބްލިކް ކުންފުންޏެއް އެއީ. ދެން އަޅުގަނޑުމެން ވަރަށް ގިނަ ފަހަރު އޮންނާނީ އެބޭފުޅުންނަށް ދަންނަވާފައި، އެބޭފުޅުންގެ ހިންގާ ގަވާއިދު އިސްލާހުކުރަން، އަދިވެސް ދަންނަވަމުން މިދަނީ، އަދި މިހާރު މިއަންނަ ޗޭންޖް ތެރޭގައި ދަންނަވާނަން،" ހަމްދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީއެމްލްގެ ހިންގާ ގަވާއިދު ހެދި ފަހުން ތިން ގާނޫނެއް ވުޖޫދަށް އައި އިރު އެ ގާނޫނުތަކަށް، ގަވާއިދު އަދާހަމަކޮށްފައެއް ނުވެ އެވެ.

ޕީސީބީގެ އެ އެންގުމުގެ އިތުރުން ބީއެމްއެލް އިން ތަބާނުވާ އަނެއް ކަމަކީ ހަމްދީ ވިދާޅުވި ގޮތުގައި އެބޯޑަށް މައުލޫމާތުދޭން އަންގާ އެންގުންތަކެވެ.

"މައޫލާމާތު ހޯދަން އެދުމުން ވެސް މައުލޫމާތު ނުދޭ ބޭންކެއްގެ ވާހަކަ ތިޔަ ވިދާޅުވީ،" ބީއެމްއެލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހަމްދީ ވިދާޅުވި އެވެ.

އޭގެ ފަހުން އެހެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވެސް އޭނާ ވިދާޅުވީ ބީއެމްއެލްއަކީ ޕީސީބީއަށް "ވަރަށް އެއްބާރުލުން ނުދޭ" ކުންފުންޏެއް ކަމަށެވެ.