Advertisement

ފުލުހުންނަށް ހުރަސް އަޅައި އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

27 ފެބުރުވަރީ 2024 - 17:17 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފުލުހުންގެ އޮފިސަރުންތަކެއް މާލޭގެ މަގުމަތީގައި މަޑުކޮށްލައިގެން. ހައްޔަރުކުރި ހަތަރު މީހުން ވަނީ ޕޮލިސް ޗެކްޕޯސްޓެއްގައި މަޑުކުރަން ދެކޮޅު ހަދައި ފުލުހުންނަށް ފިލާފައި --- ފޮޓޯ: ރައީސް އޮފީސް


ފުލުހުންނަށް ހުރަސް އަޅައި އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

27 ފެބުރުވަރީ 2024 - 17:17 0

ޓްރެފިކް ގަވާއިދާ ހިލާފުވެ ހުޅުމާލޭގައި ބާރު ސްޕީޑުގައި ސައިކަލެއް ދުއްވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރުމުން ހަމަނުުޖެހުން ހިންގައި ފުލުހުންނަށް އިންޒާރު ދިން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

އެމީހުން ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން އެކި ދުވަސްމަތިން ކަމަށް ފުލުހުން ބުންޏެވެ. އެއީ 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފެބްރުއަރީ 11 ވަނަ ދުވަހު 13:20 ހާއިރު ހުޅުމާލެ ފޭސް އެކަކުން ޓްރެފިކް ގަވާއިދާއި ހިލާފަށް އަދި އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހުން އުޅުމުން އެ ސައިކަލު މަޑު ނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް ދެއަކަށް ދިޔަ ކަމަށެވެ.

ފުލުހުން އެ ސައިކަލު ހުއްޓުވީ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓް 11 ކައިރިންނެވެ. ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް އެ މެސެޖުގައި ބުނެފައިވެ އެވެ. އަދި, އެ ސަރަހައްދުގެ އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށް އެ ތަނުގައި ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާއަށް ނިސްބަތްކޮށް އިންޒާރު ވެސް އެ މީހާ ދިން ކަމަށް މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީާ ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށާއި 26 އަހަރުގެ މީހާ ހައްޔަރުކުރީ ލ. ގަމުން ކަމަށެވެ. އޭގެ ތެރެއިން 21 އަހަރުގެ އެކަކު ހައްޔަރުކުރީ މިއަދު އެވެ.

ހުޅުމާލެއިން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން 21 އަހަރުގެ އެކަކު ދެ ދުވަހަށް ބަންދުކުރުމަށާއި ދެން ތިބި ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުން އަމުުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ގަން މެޖިސްޓްރޭޓް ކޯޓުން 26 އަހަރުގެ މީހާ 30 ދުވަހަށް ގޭ ބަންދުކޮށް އަދި ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެެވެ.