27 ފެބުރުވަރީ 2024 - 16:58 2
އަހުމަދު އާއިދު
ޔޫތު މިނިސްޓްރީގެ ނައިބު ވަޒީރު ޝިއުނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު. އޭނާ މިހާރު ވެސް ހުރީ ގައުމެއްގެ ވެރިޔަކަށް ސޯޝަލް މީޑިއާގައި މަލާމާތް ކުރުމާ ގުޅިގެން ސަސްޕެންޑު ކޮށްފައި --- ފޮޓޯ: މާލެ ސިޓީ ކައުންސިލް.
27 ފެބުރުވަރީ 2024 - 16:58 2
ނުކުޅެދުންތެރިކަން ހުންނަ، އަދި ސޯޝަލް މީޑިއާގައި އެފަދަ މީހުންގެ ހައްގުގައި ވަކާލާތުކުރާ މުއާވިޔަތު މުހައްމަދު ދީދީއަށް ފުރައްސާރަ ކުރުމާ ގުޅިގެން، މިހާރުވެސް ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާއަށް އާއްމުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެއްޖެ އެވެ.
ޝިއުނާ, މުއާވިޔަތަށް ފުރައްސާރަ ކުރީ އޭނާ ދިރިއުޅޭ އޮސްޓްރޭލިއާގައި ބޭއްވި އިވެންޓެއްގައި ނުކުޅެދޭ މީހުންނަށް ބޭނުންވާ އެކްސެސިބިލިޓީ ނެތުމުން އެކަމާ ދެކޮޅަށް އަޑުއުފުލުމާ ގުޅުވާފަ އެވެ.
"ޖާބިރު އުޅޭހެން ދުނިޔޭގެ ގައުމުތަކުގައި އުޅޭތީ ފުރައްސާރަ ކުރަނީ," މިހާރު ޑިލީޓުކޮށްފައިވާ އެކްސް ޕޯސްޓުގައި ޝިއުނާ ލިޔެފައިވެ އެވެ.
މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޝިއުނާއަށް ފާޑުކިޔާފަ އެވެ. މުއާވިޔަތުވެސް ވަނީ އެ ޕޯސްޓަށް ރައްދު ދީ ސަސްޕެންޑު ކޮށްފައި ހުރި ޝިއުނާގެ ޕޯސްޓާ މެދު ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ.
ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ޝިއުނާ ހުރި މަގާމުގެ ގޮތުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ޕޯސްޓެއް ނޫނެވެ. އަދި މިކަމާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމަށް ވެސް އެއްބައި މީހުން ވަނީ ސޯޝަލް މީޑިއާގައި ގޮވާލާފަ އެވެ.
ފާޑުކިޔުންތަކާއެކު ޝިއުނާ ވަނީ މުއާވިޔަތުގެ ކިބައިން މާފަަށް އެދިފަ އެވެ. ނަމަވެސް, އޭނާ މާފަށް އެދި ކުރި ޕޯސްޓާއެކު އާއްމުން އޭނާއަށް ކިޔަމުންދިޔަ ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާފަށް އެދި ކުރި ޕޯސްޓުގައި މުއާވިޔަތަކީ ނުކުޅެދޭ މީހެއްކަން އޭނާއަށް ނޭނގޭ ކަމަށް ބުނުމުން ގިނަ ބަޔަކު ވަނީ އަނެއްކާވެސް ޝިއުނާއަށް ފާޑުކިޔަން ފަށާފަ އެވެ.
އެގޮތުން, މުއާވިޔަތުގެ އެކްސް އެކައުންޓުގެ ނަން އަދި ތައާރަފުގައިވެސް މުއާވިޔަތަކީ ނުކުޅެދޭ ފަރާތެއްކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަން ގިނަ މީހުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެއިތުރުން މުއާވިޔަތަށް މަލާމާތްކޮށް ޝިއުނާ ކުރި ޕޯސްޓުގައި ހިމަނާފައިވާ ލިންކުގައި އޮތް ލިޔުމުގެ ސުރުހީގައި ވެސް މުއާވިޔަތަކީ ނުކުޅެދޭ، އަދި އެފަދަ މީހުންގެ ހައްގުގައި ވަކާލާތުކުރާ ފަރާތެއްކަން ބަޔާންކޮށްފައިވެ އެވެ.
ޝިއުނާ މިހާރު ސަސްޕެންޑުކޮށްފައި ހުރީ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެކްސްގައި މަލާމާތް ކުރުމާ ގުޅިގެންނެވެ. މި މައްސަލާގައި އޭނާގެ އިތުރުން ޔޫތު މިނިސްޓްރީގެ އިތުރު ދެ ނައިބަކު ވެސް މުސާރަ ހިނގާގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފައިވެ އެވެ.
ސަރުކާރުން އެންމެ ފަހުން ބުނި ގޮތުގައި އެ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ. ނަމަވެސް ސަސްޕެންޑުކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އެ ތިން ނައިބުންނަށްވެސް އަޅާފައެއް ނުވެ އެވެ.
Comment