Advertisement

ސިޓީބިޓީ: ނާއުއްމީދު ވިޔަސް ގައުމު ދެކެ ލޯބި ވާތި!

26 ފެބުރުވަރީ 2024 - 13:30 0

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ: ނާއުއްމީދު ވިޔަސް ގައުމު ދެކެ ލޯބި ވާތި!

26 ފެބުރުވަރީ 2024 - 13:30 0

އަހުމަދު ނާފިޒު

ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ޕާޓީ ސިސްޓަމް ދެކެ ފޫހިވެ، ޑިމޮކްރަޓިކް މުޅި ނިޒާމު ދެކެވެސް ފޫހުވެ އުއްމީދު ނެތް ވާހަކަތަކުގެ އަޑެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ހުރި ގޮތުގެ ވާހަކަ އެވެ. ކޯޓުތައް ނުވަތަ ޖުޑިސަރީގެ ކަންކަން ހިނގާ ގޮތުގެ ވާހަކަ އެވެ. ވެރިކަން ހިންގާ ފަރާތުން ކަންކަން ކުރާ ގޮތުގެ ވާހަކަ އެވެ. ގައުމުގެ ސަލާމަތާއި އިގުތިސާދު ވަރުގަކޮށް، ދަރަނި ކުޑަކުރުމުގެ ވާހަކަ އެވެ. ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދޭންވާ ވައުދުގެ ވާހަކައެވެ.

އެކަމަކު ހިތާމައަކީ މިއީ ހަމައެކަނި އިންތިހާބުގެ ދުވަސްވަރު ޕޯޑިއަމްތަކުގައި ކެންޑިޑޭޓުން ބުނެލާ ވާހަކަތަކަކަށް ވުމެވެ. އެ ވާހަކަތައް ގަބޫލުކޮށް މަގާމުތަކަށް ވެސް ހޮވަ އެވެ. މިދިޔަ 15 އަހަރުތެރޭގައި ވެސް މި ލިބެނީ އެއް ފިލާވަޅެކެވެ. ވީއިރު ފޫހިވެ ނާއުއްމީދު ވާންނުޖެހޭ އެއްވެސް ސަބަބެއް އެބަ އޮތްތޯ އެވެ.

ރާއްޖޭގެ ދިމޮކްރެޓިކް ތާރިހުގައި ރައްޔިތުން އުއްމީދުކުރި ވަރާއި ގާތަށްވެސް ގިނަ ކަންތައްތައް ރަނގަޅެއް ނުކުރެވުނެވެ. ގައުމުގެ ދަރަނި ދަނީ އިންތިހާއަށް، އަހަރުން އަހަރަށް ބޮޑުވަނުންނެވެ. އުފެއްދުންތެރިކަމުގެ ގިނަ ކަންތައްތަކެއް ކުރެވިފައެއް ނެތެވެ. މަސްވެރިކަމުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލެވިފައެއް ނުވެ އެވެ. ނަތީޖާއަކީ މިއަދުގެ މަސްވެރިންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނަށްވުމެވެ. އިންފްރާސްޓްރަކްޗާ ޑިވްލަޕްމެންޓް އެކި ދައުރުގަ އެކި ގޮތަށެވެ. ހަމައެއްލަމައެއް ނެތެވެ. އެއިރެއްގެ ވެރިކަމުގެ ބާރު އޮތްދިމާލަކަށް ގޮސް ނިމޭ ގޮތަށެވެ. ތަރައްގީގެ މާސްޓަ ޕުލޭނެއް ނެތުމުންމުން ދިމާވާ މައްސަލަތަކެއް ކަން އެންމެނަށް ވެސް އެނގެ އެވެ. ފަހެ ފޫހިނުވާންވީ ސަބަބެއް އެބައޮތްތޯ އެވެ.

ޓެކްނޮލޮޖީ އިންޑަސްޓްރީއަކީ ރާއްޖެގެ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވިދާނެ ދާއިރާއެކެވެ. އެކަމަކު މިއަދާ ހިސާބަށް އައިރުވެސް ގައުމީ ލެވެލްގެ ޕްލޭނެއް ނެތެވެ. ކޯ-ވޮކިން ޖާގަތަކާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ސްމާޓު ސިޓީ، އެއް ޕްލެޓްފޯމަކުން ގިނަ ހިދުމަތްތަކެއް ތައާރަފު ވެގެން ދިޔުން އޮޓޮމޭޓް ކުރުމާއި މިހެން ގޮސް އެތައް އެތައް ހިދުމަތަކީ ޓެކް އިންޑަސްރީން ކުރެވިދާނެ ކަންތައްތަކެކެވެ. ނަމަވެސް މިކަމާއި އުޅެނީ ކާކު ބާވަ އެވެ. ސަރުކާރުގެ ޕޮލިސީ ލެވެލްގަ ތިބި ގިނަ މީހުންނަކީ އިލްމާއި ތަޖުރިބާ ލިބިފައިނުވާ ބަޔަކަށްވާނަމަ މިކަން ރާވާނެ ގޮތަކީ ކޮބައިތޯ އެވެ.

ގައުމިއްޔަތު ދިރުވަން މަސައްކަތް ކުރާ ފަދައިން އެހެނިހެން ދާއިރާތަކުން ވެސް ތަރައްގީގެ ދުރުރާސްތާގެ މާސްޓަ ޕްލޭނެއް ހަދާކަށް ނުވޭތޯ އެވެ. އަދި ހެދޭ ޕްލޭންތަކަކީ ދިގު މުއްދަތަކަށް ގައުމީ ތަރައްގީ ނަމުގައި އެއަށް ގާނޫނަކުން ބާރު ލިބިދޭ ޕްލޭންތަކަކަށް ވާންޖެހެ އެވެ.

އެހެން ނޫނީ ވާނީ މެނިފެސްޓޯތަކަށްވާ ގޮތެވެ. މާކްސް ދީ، ގުރޭޑް ކުރާނީ ވެސް އަމިއްލައަށެވެ. ގަބޫލު ކުރާ ބަޔަކު ގަބޫލު ކުރަންވީ އެވެ. ދެން އަންނަ ބަޔަކު ވެސް އަލުން ބަލުން މުޅިން އާކަންތައްތަކެއް ފަށާނީ އެވެ. ހަމަ ވާނީ ކޮންވެޝަން ސެންޓަ ހޮސްޕިޓަލަށް ބަދަލުވީ ހެންނެވެ. މާލޭ ވިޔަފާރި ބަނދަރު، އެކި ދައުރުގައި އެކި ދިމާލަށް ބަދަލުވާ ފަދައިންނެވެ. ޖެޓީތަކާއި ހޮސްޕިޓަލް، ޑޮމެސްޓިކް އެއާޕޯޓްތަކަށްވާ ފަދައިން ނެވެ.

މި ދައްކަނީ ގައަމުގެ ދުރު މުސްތަގްބަލަށް ގެނެވޭ މުހިއްމު އިންފްރާސްޓްރަކްޗާތަކުގެ ވާހަކަ އެވެ. މިއީ މި ކަންކުރަންޖެހޭ ގޮތް ނޫންކަން ނޭނގެނީ ކާކަށްބާ އެވެ. ކިތަންމެހާ ވެސް ފޫހިވެއްޖެ އެވެ. އުއްމީދު ވެސް ކަނޑާލާ ހިސާބަށް ގިނަ ކަންތައްތައް މިހާރު ވަނީ ގޮސްފަ އެވެ. ނަމަވެސް މިއީ އަޅުގަނޑުގެ ވެސް އަދި ތިބާގެ ވެސް ގައުމެވެ.

އުއްމީދު މިކުރަނީ މި ދައުރުގަ މިކަންތައް ވިލަރެސް ކުރެވި ފެށިގެން ދާނެކަމަށެވެ. އެއީ ގައުމަށްޓަކައެވެ. ހަރަދު ކުޑަކޮށް، އަރަނި ބަޖެޓެއްގެ އުއްމީދުގަ އެވެ. މި ގައުމުގެ މުސްތަގުބަލަށްޓަކަ އެވެ. އެއީ މިއަދު މިކަން ނުކޮށްފިއްޔާ މި ގައުމު އިތުރަށް ދަރަނިވެރިވެ ފާލުން ނެއްޓި ގައުމު ސަލާމަތް ކުރުމަށް ކުރަން ޖެހޭނެ މަސައްކަތާއި ތަކުލީފު އިތުރު ވާނެތީ އެވެ. ނާއުއްމީދު ވިޔަސް އުއްމީދު ގައުމާއި ދޭތެރެ ނުގެއްލުވާށެވެ. އެއީ ތިބާވެސް އަދި އަހަރެން ވެސް މި ގައުމު ދެކެ ލޯބިވާތީ އެވެ.

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.