Advertisement

ފެކްޓް ޗެކް: ސޮވަރިން ފަންޑަށް ޖަމާކުރީ 16 މިލިއަން ޑޮލަރު

27 ފެބުރުވަރީ 2024 - 07:35 3

އަމަން ހަލީމް

އަމަން ހަލީމް


ފެކްޓް ޗެކް: ސޮވަރިން ފަންޑަށް ޖަމާކުރީ 16 މިލިއަން ޑޮލަރު

27 ފެބުރުވަރީ 2024 - 07:35 3

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ނަމަވެސް އެވަރަށް ފައިސާ ޖަމާކޮށްފައި ނުވާކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހއ. ކެލާގައި އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ސަރުކާރާ ހަވާލުވުމަށް ފަހު ހޭދަވީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެސްޑީއެފްއަށް ސީދާ ޑޮލަރުން މި އަދަދު ޖަމާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފަލާއެކު މިއަދު މިތާނގައި ކެލާގައި ހުރެ މި ދަންނަވާލަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި 30 މިލިއަން އެމެރިކާ ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓު ފަންޑަށް އެހެރީ ޖަމާކޮށްފައި މިހާރު. މި ރޭޝިއޯއިން ބެލީމައި މި އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ 130 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ރައްޔިތުންގެ ފަހަށް ރައްކާކުރާ ފަންޑަށް ޖަމާވަމުން ދާނެ"

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ ވީކްލީ އާއި މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުގައި ހުރި އަދަދުތައް އަޅައިބަލާއިރު މި އަދަދަށް ފައިސާ ޖަމާކޮށްފައި ނުވާކަން އެނގެ އެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، އެ އަހަރުގެ ތެރޭގައި އެސްޑީއެފްއަށް ޖަމާކޮށްފައި ހުރީ 873.2 މިލިއަން ރުފިޔާ އެވެ. އަހަރު ނިމުނުއިރު އެސްޑީއެފްގައި ހުރީ 1015.4 މިލިއަން ރުފިޔާ އެވެ.

މިހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެ އަހަރުގެ ނިޔަލަށް ޖަމާކުރީ 142.2 މިލިއަން ރުފިޔާ އެވެ. އެއީ ރަސްމީ ރޭޓުން ހިސާބުކުރާއިރު 9.2 މިލިއަން ޑޮލަރެވެ. މި އަހަރުގެ މާލީ ހިސާބުތަކުގެ އެންމެ އަދާހަމަ ރިޕޯޓަކީ މި މަހުގެ 15 އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް އަންގައިދޭ ރިޕޯޓެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ ތާރީހާ ހަަމައަށް އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ 106.6 މިލިއަން ރުފިޔާ ނުވަތަ 6.9 މިލިއަން ޑޮލަރެވެ. މިއާއި ކުރީ އަހަރުގެ ނިޔަލަށް ޖަމާކުރި ފައިސާ އެއްކޮށްލުމުން އަންނަނީ 16.1 މިލިއަން ޑޮލަރެވެ. އާދީއްތަ ދުވަހުގެ ނިޔަލަށްް އެ ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނަމަ ވޭތުވި 11 ދުވަހުގެ ތެރޭގައި އެސްޑީއެފްއަށް 14.9 މިލިއަން ޑޮލަރު ޖަމާކުރަން ޖެހޭނެ އެވެ.

މިއީ އާންމުކޮށް ޖަމާކުރަމުން އަންނަ އަދަދަށް ވުރެ އާދަޔާ ހިލާފަށް އިތުރު އަދަދެއް ކަމުން އެސްޑީއެފްއަށް ޖަމާކުރީ ކޮން ފައިސާއެއްތޯ އޮޅުންފިލުވަން މި ނޫހުން ވާނީ އިކޮނޮމިކް މިނިސްޓަރާ ސުވާލުކޮށްފަ އެވެ. އެގޮތުން ފޯނަށް ގުޅުމުން ނަމްބަރު ބިޒީ ކުރުމުން ވާނީ މެސެޖުކޮށްފަ އެވެ. މި ހަބަރު ޝާއިއުކުރުމާ ހަމައަށް އެ ސުވާލުގެ ޖަވާބެއް ނުލިބެ އެވެ.

އެސްޑީއެފްއަށް އާންމުކޮށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ލިބޭ ފައިސާ އާއި ސަރުކާރަށް އެހެން ގޮތްގޮތުން ލިބޭ ބައެއް އާމްދަނީ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ މި އަހަރުގެ ތެރޭގައި ފަންޑަށް 1015 މިލިއަން ރުފިޔާ ނުވަތަ 66 މިލިއަން ޑޮލަރު ޖަމާކުރާ ގޮތަށެވެ. ސައީދު ވިދާޅުވަނީ 64 މިލިއަން ޑޮޮލަރު އިތުރަށް ޖަމާކުރާނެ ކަމަށެވެ.

މި އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުގައި އެސްޑީއެފް ފަންޑުގައި ހުރީ 7.5 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 99 ޕަސެންޓު ހުރީ އިންވެސްޓުކޮށްފަ އެވެ. ކޭޝް ބެލެންސުގެ ގޮތުގައި ނުވަތަ ނަގުދު ފައިސާއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހުރީ 89.6 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން މި ފަންޑުން އެޗްޑީސީއަށް 252 މިލިއަން ރުފިޔާގެ ލޯނެއް ވެސް ދޫކޮށްފައިވެ އެވެ.