Advertisement

ޗެލްސީ ބަލިކޮށް ލިވަޕޫލުން 10 ވަނަ ފަހަރަށް ލީގު ކަޕް ކާމިޔާބުކޮށްފި

26 ފެބުރުވަރީ 2024 - 00:33 0

ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް އާއި އެ ޓީމުގެ ކޯޗު ކްލޮޕް އަދި ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޗެލްސީ ބަލިކޮށް ލިވަޕޫލުން 10 ވަނަ ފަހަރަށް ލީގު ކަޕް ކާމިޔާބުކޮށްފި

26 ފެބުރުވަރީ 2024 - 00:33 0

ލަންޑަން (ފެބްރުއަރީ 26) - އިތުރު ވަގުތުގެ ދެ ވަަނަ ހާފުގައި ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލުން 1-0 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން 10 ވަނަ ފަހަރަށް އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކޮށްފައިވަނީ، 1981، 1982، 1983، 1984، 1995، 2001، 2003، 2012، 2022 އަދި 2024 ގަ އެވެ. ލީގު ކަޕް އެންމެ ގިނަ ފަަހަރު ހޯދުމުގެ ރެކޯޑް އޮތީ ލިވަޕޫލް އަތުގަ އެވެ.

ވެމްބްލީ ސްޓޭޑިއަމަށް މިރޭގެ މެޗަށް ލިވަޕޫލް ނުކުތްއިރު އެ ޓީމަށް އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެމުން އައި، 11 ވަރަކަށް ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. މި މެޗަށް ފިޓްވާނެ ކަމަށް ބެލެވުނު، މުހައްމަދު ސަލާހު އާއި ޑާވިން ނޫނޭޒް ވެސް ފަހުގެ ފިޓްނަސް ޓެސްޓުން ފާހެއްނުވެ، ސްކޮޑަށް ވެސް ލައްވާނުލި އެވެ.

މެޗު ފަށައިިގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. އެ ގޮތުން، ލުއިޒް ޑިއާޒް ރަނގަޅު ޝޮޓްތަކެއް ފޮނުވާލިއިރު، ކޯޑީ ގަކްޕޯ ބޮލުން ޖެހި ބޯޅަ ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. ޗެލްސީ އަށް ލީޑުނަގައިދޭން އޭރިއާތެެރެއިން ކޯލް ޕާމާ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު، ކޮއިމިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. ޗެލްސީން ފުރަތަމަ ހާފުގައި ރަހީމް ސްޓާލިން ޖެހި ގޯލުން ވަނީ ލީޑުނަގައިފަ އެވެ. އެކަމަކު، އެ އެޓޭކް ފެށިއިރު، ނިކޮލަސް ޖެކްސަން އޮފްސައިޑް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން، އެ ގޯލު ބަލައިނުގަތެވެ.

އަނިޔާގެ މައްސަލައިގައި ހާލުގައި އޮތް ލިވަޕޫލްގެ ރިހޭ ފައިމައްޗަށް ފުރަތަމަ ހާފުގައި ވަނީ ފޮއިވެއްޓިފަ އެވެ. އެ ގޮތުން، ޗެލްސީގެ މޮއިސަސް ކެއަސޭޑޯ ކުރި ފައުލަކަށް ލިބުނު އަނިޔާއަކާ ހެދި ލިވަޕޫލްގެ ރަޔާން ގްރަވެންބާކް ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުނުއިރު، ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ.

ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް ލަނޑަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ވީއޭއާރް އިން ވަނީ ލިވަޕޫލްގެ ގޯލެއް ވެސް ކެންސަލްކޮށްފަ އެވެ. ހިލޭޖެހުމަކުން ހުރަސްވި ބޯޅައެއްގައި ވެން ޑައިކް ވަނީ މެޗުގެ 60 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުހޯދައިދީފަ އެވެ. އެކަމަކު، އެ ހުރަސް އައި ވަގުތު، ލިވަޕޫލްގެ ވަޓަރޫ އެންޑޯ ބޯޅަ އަށް އަރަން ދިޔަ، ޗެލްސީގެ ލީވައި ކޯލްވިލް އަށް ފައުލުކުރި ކަމަށް ބަލައި، މި ގޯލު ބަލައިނުގަންނަން ނިންމި އެވެ.

ދެ ވަނަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދޭން، ކޮނާ ގެލަގާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އޭގެތެރެއިން އެއް ފުރުސަތުގައި ގެލަގާ ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ލިވަޕޫލާއި ޗެލްސީ އެންމެ ފަހުން 2022 ވަނަ އަހަރުގެ ލީގު ކަޕާއި އެފްއޭ ކަޕްގައި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު، މި ފަހަރުގެ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނު ނަމަވެސް، ޕެނަލްޓީ އަށް ނުގޮސް ނަތީޖާ ނެރުނީ ލިވަޕޫލުންނެވެ. އެ ޓީމަށް އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ގޯލު ޖަހައިދިނީ، ވެން ޑައިކް އެވެ. މިއީ، ކޮސްޓަސް ސިމިކާސް ނެގި ކޯނަރަކުން ވެން ޑައިކް ބޮލުން ޖެހި ގޯލެކެވެ.

ޗެލްސީ އަކީ، އިނގިރޭސި ކަޕް މުބާރާތްތަކުގެ ފައިނަލުން ޖެހިޖެހިގެން ހަ ފަހަރު ބަލިވި ފުރަތަމަ ޓީމެވެ. އަނެއްކޮޅުން، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، އިނގިރޭސި ފުޓްބޯޅައިގައި ތަށްޓެއް ހޯދަން ކުރާ އިންތިޒާރު މި ވަނީ ދިގުލައިފަ އެވެ.

އަނެއްކޮޅުން، މިއީ، މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޔާގެން ކްލޮޕް، އެ ޓީމަށް ހޯދައިދިން ދެ ވަނަ ލީގު ކަޕެވެ. މިއީ، ކްލޮޕް ލިވަޕޫލަށް ހޯދައިިދިން ހަތް ވަނަ ބޮޑު މުބާރާތެވެ.