25 ފެބުރުވަރީ 2024 - 11:14 0
25 ފެބުރުވަރީ 2024 - 11:14 0
މިއުނިކް (ފެބްރުއަރީ 25) - މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑްގެ ފޯވަޑް ހެރީ ކޭން ޖެހި ލަނޑާ އެކު ޖަރުމަން ލީގުގައި ރޭ އާރްބީ ލައިޕްޒިގް އަތުން 2-1 އިން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
މި މެޗުގެ ކުރިން ބަޔާން ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ބަޔާން ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ބަޔާންގެ ފޯމު ދަށްވެ، ކްލަބަށް ކުރިމަތިވެފައިވާ ޕްރެޝަރާ އެކު، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުކަމުން ވަކިވާން އެއްބަސްވެފަ އެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ކޭން އެވެ. އެކަމަކު، މެޗުގެ ދެ ވަނަ ހާފުގައި އާރްބީ ލައިޕްޒިގްގެ ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ބަޔާން މޮޅުވި ލަނޑު ކޭން ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މިއީ މި ސީޒަންގެ ޖަރުމަން ލީގުގައި ކޭން ޖެހި 27 ވަނަ ލަނޑެވެ.
މި މޮޅާއެކު، ބަޔާން އިން ވަނީ ތާވަލްގެ އެއް ވަނައިގައި އޮތް ބަޔާ ލޭވަކޫސަންގެ ލީޑު އަށް ޕޮއިންޓަށް ކުޑަކޮށްފައެވެ. ލީގުގައި ބާކީ އޮތީ 11 މެޗެވެ.
މެޗަށް ފަހު ބަޔާންގެ ކެޕްޓަން މެނުއެލް ނޯޔާ ބުނީ މި މެޗުން ބަޔާނަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.
"ފަހު ވަގުތު މޮޅުވީމަ މީހުން ބުނެފާނެ ބަޔާންގެ ނަސީބު ރަނގަޅުވީމައޭ މި މެޗުން މޮޅުވީ. އެކަމަކު މުޅި މެޗަށް ބަލާއިރު މިއީ ބަޔާނަށް ހައްގު މޮޅެއް،" ނޯޔާ ބުންޏެވެ.
ލެވަކޫސަން ފަހަތަށް ޖައްސާލައި ލީގު ތާވަލުގެ ކުރިއަށް އަރަން ބަޔާނުން ފަހު ވަގުތާ ހަމައަށް ހިތްވަރުކުރާނެ ކަމަށް ނޯޔާ ވަނީ ބުނެފަ އެވެ.
Comment