Advertisement

ސަރުކާރަށް 100 ދުވަސް: ހަމަޖެހުމުގެ ނޭވާއެއް ނުލެވުނު

25 ފެބުރުވަރީ 2024 - 10:12 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުއިއްޒު: ވެރިކަމާ ހަވާލުވެވަޑައިގެން މި ވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ގައުމުގައި އަދި ސިޔާސީ ހަމަޖެހުމެއް ނުލިބޭ -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރަށް 100 ދުވަސް: ހަމަޖެހުމުގެ ނޭވާއެއް ނުލެވުނު

25 ފެބުރުވަރީ 2024 - 10:12 1

ގިނަ ޕާޓީތައް ވާދަކުރާ ރިޔާސީ އިންތިހާބު މީގެ 15 އަހަރު ކުރިން މި ރާއްޖޭގައި ބާއްވަން ފެށި ފަހުން ރައްޔިތުންގެ ވޯޓަކުން ހަތަރު ސަރުކާރެއް ބަދަލުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނެއްގެ ހަލަބޮލިކަމަށްފަހު ރައްޔިތުންގެ ވޯޓަކުން ވެރިޔަކު ހޮވައި، އެބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ގައުމަށް އަންނަނީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަމަޖެހުމެވެ.

މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަންތަކުގެ ފުރަތަމަ ދުވަސްވަރު އެކަން ދިވެހިން ތަޖުރިބާކުރި އެވެ.

އެ މާޒީގެ ތެރެއިން ތަފާތުވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމެވެ. ވޯޓަކާ ނުލައި، ސިފައިންނާއި ފުލުހުންގެ މިއުޓިނީއެއްގެ ތެރެއިން ބަދަލުވި ވެރިކަމެވެ.

ނަމަވެސް މިހާރު ސަރުކާރު ހިންގަވަމުންދާ، ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކުން ހޮވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހިން ކުރާ ތަޖުރިބާ ވެސް ތަފާތެވެ. ކުރީގެ ވެރިކަންތަކުގެ ފުރަތަމަ ދުވަސްވަރު ފެނުނު އަމާންކަމެއް ގައުމަކު ނެތެވެ. އޮތީ ހަލަބޮލިކަމާއި ނުތަނަވަސްކަމެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސް މިއަދަށް ހަމަވިއިރު ދައްކަން އޮތީ ހުސް މައްސަލަ އެވެ. ޔާމީން ޕާޓީއާ ފެއަށް ޖެހެން މަޖުބޫރުވުމާއި ރިޔާސީ ވައުދާ އެއްގޮތަށް އެމަނިކުފާނު މިނިވަން ނުކުރުމުގެ މައްސަލަ އެވެ. އިންޑިއާއާ ޖެހުނު ހާރިޖީ ބޮޑު މައްސަލަ އެވެ. ކުރީ ސަރުކާރުން ދޭން ނިންމި ފްލެޓުތައް ހަވާލުނުކުރާތީ މެދުނުކެނޑި ކުރަމުންދާ މުޒާހަރާތަކެވެ. ނޫސްތަކަށް ފިޔަވަޅު އެޅުމެވެ. ވަޒީރުންނަށް ރުހުން ނުލިބުމެވެ. ކޫއްޑޫ ހުއްޓުވާލާފައި މަސްވެރިން ކުރި މުޒާހަރާ އަދި ތިން މަސް ނުވަނީސް ރައީސް އަޒުލު ކުރަން އިދިކޮޅުން ފެށި މަސައްކަތެވެ.

ހަފުތާއެއް ވެސް ނުވަނީސް ޔާމީން ޕާޓީއާ ދުރަށް ޖެހިއްޖެ

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި އަމަލީ ގޮތުން ކުރިން ބައިވެރިވެވަޑައިގެންނެވި ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބުން ކާމިޔާބު ލިބުމާއެކު އެދިވަޑައިގަތީ ޔާމީން މިނިވަން ކުރަން އެދި މުޒާހަރާ ނުކުރުމަށެވެ.

"އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރަން އޮކްޓޯބަރު 2، ގައި ބޭއްވި ހަފުލާއެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއާއެކު، ރައީސްގެ ބަސް އެއްފަރާތް ކުރުމަށްފަހު ހަމަ އެ ރޭ ޔާމީންގެ ސަޕޯޓަރުން މުޒާހަރާއެއް ކުރި އެވެ. އެހެންކަމުން ރައީސް މުއިއްޒާ ދެކޮޅަށް އެންމެ ފުރަތަމަ ވެސް މުޒާހަރާއެއް ކުރީ އެމަނިކުފާނުގެ ޕާޓީގެ ތެރެއިންނެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ނުވަނީސް ޔާމީންގެ ފެކްޝަނެއް ވެރިކަން ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތެރެއިން އުފެދުނެވެ. ނަމަވެސް އިސާހިތަކު ޕާޓީން ފިޔަވަޅު އަޅައި އެކަމުގައި އިސްކޮށް އުޅުނު މަލީހު ޖަމާލު ޕާޓީން ވަކި ކުރި އެވެ. މަލީހު ޕާޓީން ވަކި ކުރި ރޭ ޔާމީން ވެސް ޕާޓީން އިސްތިއުފާ ދެއްވައި ހަމަ އެ ރޭ އާ ޕާޓީއެއް އުފައްދަވާނެކަން އިއުލާނު ކުރެއްވި އެވެ.

ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް އުފައްދަން މިހާރު މަސައްކަތް ކުރަމުން އަންނަ އިރު އެމަނިކުފާނު މިނިވަން ކުރަން ރައީސް މުއިއްޒުގެ ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދިއްޖެ ކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ.

"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޑިސެމްބަރު 28، ގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެ ދުޝްމަނުންނަށް

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު އެ މަސައްކަތް ފެއްޓެވި އެވެ.

އެ މަސައްކަތް ކުރިއަށް ދަނިކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޔޫތު މިނިސްޓްރީގެ ތިން ނައިބު މިނިސްޓަރަކު މަލާމާތް ކުރުމުން ފެށުނީ ބޮޑު މައްސަލަގަނޑެކެވެ. އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރަން ކެމްޕެއިނެއް ފަށައި، އެ ގައުމުގެ ފިލްމީ ތަރިން ވެސް އެކަމުގައި ބައިވެރިވި އެވެ.

އެ މައްސަލަގަނޑު ބޮޑުވެ، އިންޑިއާގެ ހުންނަ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރު ކުރި އެވެ. އެއަށް ރައްދު ދީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރު ވެސް ރާއްޖޭގެ ހާރިޖީ އޮފީހަށް ހާޒިރު ކުރި އެވެ.

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައި އޮއްވާ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލައި ރާއްޖެ ވަޑައިގެން އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. ރައީސް ތުހުމަތު ކުރެއްވީ ކުރީ ސަރުކާރަށް އިންޑިއާއިން އިންތިހާއަށް ނުފޫޒު ފޯރުވާފައި އޮތް ކަމެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ޖެނުއަރީ 13، ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާއާއެކު އޮތް ގުޅުން އެ މިންވަރަށް ގޯސްވި ނަމަވެސް ސަރުކާރުން ފަހުން އެއްބަސްވީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން އިންޑިއާ ސިފައިން ސިފައިންގެ ބަދަލުގައި ހަމަ އެ ގައުމުގެ "މަދަނީން" ބޭތިއްބުމަށެވެ.

ފްލެޓު ލިބުނު މީހުންގެ މުޒާހަރާތައް

ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި ގޯތިތައް ދޫކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ. ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ފްލެޓާއި ގޯތިތައް ލިބުނު މީހުންނަށް ފްލެޓާއި ގޯތި ދޫކުރާނެ ކަމަށެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ފްލެޓުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށި އެވެ. އެއާއެކު ފްލެޓު ލިބުނު މީހުން ކަންބޮޑުވެ، ފްލެޓުތައް ދޫކުރަން އެދި މުޒާހަރާ ކުރަން ފެށި އެވެ.

މުޒާހަރާ ކުރާތާ ދުވަސްކޮޅެއްވި ފަހުން، މިވެނި މުއްދަތެއްގެ ތެރޭގައި ފްލެޓު ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެ ވައުދު ސަރުކާރުން ފުއްދައިފައެއް ނުވެ އެވެ.

"ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓު ހަވާލު ކުރުމަކީ އަޅުގަޑު ވައުދުވީ ގޮތަށް ކުރިއަށް ދާނެ ކަމެއް. މި ހަފުތާ އާއި މި އަންނަ ހަފުތާ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދާނެ،" ޖެނުއަރީ 2، ގެ މެންދުރު 2:29 ގައި ރައީސް މުއިއްޒު އެކްސްގައި ލިޔުއްވާފައިވެ އެވެ.

އެއަށްފަހު ފްލެޓު ލިބުނު މީހުން އިހުނަށްވުރެ ކަންބޮޑުވެ، ވަރުގަދަ މުޒާހަރާއެއް ކުރަން އޭސީސީއަށް ވަނެވެ. ނަމަވެސް ފުލުހުން ރަޔަޓް ގިޔަރުގައި ގޮސް މުޒާހަރާގެ ބައިވެރިން ގަދަކަމުން އޭސީސީ ތެރެއިން ނެރެލި އެވެ. އޭގެ ފަހުން ފްލެޓު ލިސްޓު ބާތިލުކޮށް، ފްލެޓު ލިބޭ މީހުންގެ އަލުން ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ.

"... ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވިން،" ފެބްރުއަރީ 10، ގައި ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފްލެޓު ލިބުނު މީހުންގެ މުޒާހަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ. ފްލެޓު ލިބުނު މީހުން އަދިވެސް އެދެމުންދަނީ ކުރީ ސަރުކާރުން ހާމަ ކުރި ލިސްޓާ އެއްގޮތަށް ފްލެޓުތައް ދޫކުރުމަށެވެ.

ސަރުކާރުގެ ތިން ވަޒީރުންނަށް ރުހުން ނުލިބުން

ގާނޫނުއަސާސީގެ ބުނެފައިވާ ގޮތުން ކެބިނެޓު އައްޔަން ކުރުމަށްފަހު ވަޒީރުންނަށް ރުހުން ދިނުމަށް ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް މަޖިލީހަށް ފޮނުވަންޖެހެ އެވެ. ނަމަވެސް ވަޒީރުން ހަވާލުވާ ވުޒާރާތަކުގެ މަސައްކަތްތައް ބަޔާން ނުކުރާތީ މަޖިލީހުން އޮތީ ރުހުން ދިނުމުގެ މަސައްކަތް މަޑުޖައްސާލާފަ އެވެ.

ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމީ ޖެނުއަރީ 28، ގަ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެ ޖަލްސާއަށް ހުރަސް އެޅި އެވެ. މަޖިލީހުގެ ޗެމްބަރު ތެރޭގައި އެ ދުވަހު ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެންމެފަހުން އެ ދުވަހުގެ ޖަލްސާ ފަސްކުރީ އެވެ.

އެންމެފަހުން ރުހުން ދިނުމުގެ މައްސަލަ އޭގެ އަނެއް ދުވަހު ކުރިއަށް ގެންގޮސް ތިން ވަޒީރަކަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު ސަރުކާރުން ނިންމީ ހަމަ އެ ވަޒީރުންނަށް އަނެއްކާ ވެސް މަގާމު ދިނުމަށެވެ. އަދި ހަމަ އެ ދުވަހު އެ ތިން ވަޒީރުންނަށް އަލުން މަގާމު ދީ ފަތްކޮޅު އެރުވި އެވެ. ރުހުން ނެތް ވަޒީރުންނަށް މަގާމު ދިނުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔެވެ.

"މިއީ ބާރުތައް ވަކި ކުރުމުގެ މަފްހޫމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ވެރިކަން ހިންގާ ފަރާތުން ކުޑައިމީސް ކުރުން. [އަލުން އައްޔަނު ކުރި ވަޒީރުންގެ ތެރޭގައި] ބަންޑާރަ ނައިބު ހިމެނުމަކީ އަދި ވަކިން ބޮޑު މައްސަލައެއް. މި ވަޒީރުން އެބޭފުޅުންގެ އޮފީހަށް މިއަދު ވަދެވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި،" އިދިކޮޅު ޕީއެންއެފް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު އެ މައްސަލައިގައި ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕާޓީގެ ޕްރައިމަރީގައި ހަމަނުޖެހުން

ވެރިކަން ހިންގާ ކޯލިޝަނުގެ ޕްރައިމަރީއަށް މެންބަރުން ތައްޔާރުވަމުން ދަނިކޮށް ގިނަ ކެންޑިޑޭޓުންނަށް ޝޮކެއް ލިބުނީ އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ބައިވެރިނުވެވޭނެ ކަމަށް ޕާޓީގެ ލީޑާޝިޕުން ނިންމުމުންނެވެ.

ޕްރައިމަރީގައި ބައިވެރިވާން ފުރުސަތު ނުދިނީ ޕާޓީގެ ތެރޭގައި ފިތުނު އުފެދޭ ގޮތަށް މަސައްކަތްކޮށްފައިވާތީ އާއި ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާތީ ކަމަށް އެ މެންބަރުންނަށް ފޮނުވި ސިޓީތަކުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެ އެވެ.

އެއާއެކު ޕާޓީގެ ޕްރައިމަރީގައި ބައިވެރިނުވާން ވެސް ވަރަށް ގިނަ ބަޔަކު ނިންމި އެވެ.

"ހައްގަކާ ނުލައި އަޅުގަނޑާއި އަޅުގަނޑާއެކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެ އިހްލާސްތެރި ބުރަ މަސައްކަތް ކުރި ޓީމުގެ އެންމެން ބާކީކޮށް، ކަތިލީ އަޅުގަނޑުމެން އެންމެންގެ އަބުރު. މީހުންނަށްވާ މީހުންގެ ކޮންމެވެސް ގޮތެއް ހުންނަންވާނެ. އަޅުގަނޑުމެން ދައްކާނީ އަޅުގަނޑުމެންގެ ޝަހްސިއްޔަތު، ތިބޭނީ ރައްޔިތުންނާއަކީ،" އައްޑޫ މީދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރަން ހުށަހެޅި އަބްދުއްރަހްމާން އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި އޮތެވެ.

ނަމަވެސް އެ މައްސަލަތައް ބޮޑުވުން، ޕްރައިމަރީގައި ވާދަ ކުރަން އެދުނު އެންމެނަށް ފުރުސަތު ދިނުމަށް ސީދާ ރައީސް މުއިއްޒު ނިންމެވި އެވެ. އޭގެ ފަހުން ޖެނުއަރީ 27، ގައި ޕްރައިމަރީ ބޭއްވިއިރު ވޯޓާސް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް އޮތް ކަން ފާހަގަވި އެވެ. އޭގެ ކުރީ ދުވަހު ޕާޓީ އަދި ވޯޓާސް ލިސްޓުގައި ނަން އޮތް ބައެއް މީހުން ތިބީ ޕާޓީން ވެސް ބޭރުކޮށްފަ އެވެ.

"ރޭ ދަންވަރު ވެސް އަޅުގަނޑު ބެލިއިރު ނަން އޮތް. މިއަދު ނެތް ޕާޓީ ލިސްޓަކު ވެސް. ބައިވަރު މީހުންގެ ނަން ނެތް. އަޅުގަނޑުމެން ބަލަހައްޓާ ބޮޑު ލިސްޓެއް އޮވޭ. އޭގައި ހިމެނޭ މަދު ބައެއްގެ ނަން މިއަދު އޮތީ،" މެދު ހެންވޭރަށް ނިސްބަތްވާ އަހުމަދު ޝާހީން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

އެންމެފަހުން އެ މައްސަލަ ބޮޑުވެ އެއް ދާއިރާއެއްގެ ވޯޓު ފޮށި ފަޅާލި އެވެ. އަދި ބަޔަކު ގޮސް ވޯޓުތައް ގުނަމުންދަނިކޮށް ކަރުދާސްތައް ވީދާލި އެވެ. ޕްރައިމަރީގެ ވޯޓުތައް ގުނައި ނިންމައި ނަތީޖާ އިއުލާނު ކުރީ ވެސް އެފަދަ މައްސަލަގަނޑެއްގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން މިހާރު ކުރަމުންދާއިރު އަނެއްކާ އެހެން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެއީ ޕްރައިމަރީން އާންމު މެންބަރުން ހޮވި ކެންޑިޑޭޓުން ބާކީ ކުރުމަށްފަހު ސަރުކާރުން އަމިއްލަ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރާ މައްސަލަ އެވެ. ސަރުކާރުގެ ބައެއް ވަޒީރުން ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެ މެންބަރުންނަށް ތާއީދުކޮށް ކެމްޕެއިން ކުރައްވަމުންނެވެ.

މަސްވެރިންގެ މުޒާހަރާ

މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންގެ ބޮޑު ތާއީދަކާއެކު އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސްވެރިންގެ ފަރާތުން ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންގޮސްފި އެވެ.

މަސްވެރިންގެ ނުރުހުމާއި ރުޅިވެރިކަން ސަރުކާރަށް އަމާޒުވީ މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދިނުން ލަސްވުމެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބައެއް މިދިޔަ ހަފުތާގައި ދިނުމުގެ ކުރިން މަސްވެރިން ތިބީ މަހަށް ނުކުތުން ހުއްޓައިލުމަށް ފަހު ކޫއްޑޫގައި މުޒާހަރާ ކުރާށެވެ.

"ފޯނު ބިލު ނުދެއްކޭ، ކަރަންޓު ބިލު ނުދެއްކޭ ކުދިންގެ ޓިއުޝަން ފީ ނުދެއްކޭ, އަންހެނުންގެ ޕެޑް ފޮށި ނުގަނެވޭ،" އެއިރު ކުރި މުޒާހަރާގެ ތެރެއިން މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ.

މަސްވެރިންގެ މުޒާހަރާ ފެށުނުއިރު ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ ދޭންވެފައި ހުއްޓެވެ. މަސްވެރިންގެ ސަރުކާރުން އަބަދުވެސް އޮންނަނީ މަސްވެރިންނަށް ދަރަ އެވެ. އެކަމަކު މަސްވެރިންގެ ރުޅިވެރިކަން އިތުރުވި ސަބަބަކީ ފައިސާ ދޫކުރާތާ ގިނަ ދުވަސްވުމެވެ. މަސްވެރިން ބުނާ ގޮތުގައި ޑިސެމްބަރު މަހުން ފެށިގެން ފައިސާ ދޫކުރުން އޮތީ މަޑުޖައްސާލާފަ އެވެ.

މަސްވެރިންގެ މުޒާހަރާގެ ތެރެއިން، މަސްވެރިންނާ ވާހަކަ ދައްކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫއަށް ވެސް ވަޑައިގަތެވެ. ނަމަވެސް މިނިސްޓަރު މަޝްވަރާތަކުން ވެސް މަސްވެރިންނާއެކު އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވި އެވެ. އެންމެފަހުން މަސްވެރިން މުޒާހަރާ ހުއްޓާލީ ނުދެވި ހުރި ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދިނުމާއެކު މާޗް 5، ގެ ކުރިން ދޭން ޖެހޭ ހުރިހާ ފައިސާއެއް ދޭނެ ކަމަށް ސަރުކާރުން ވައުދުވުމުންނެވެ.

ސަރުކާރަށް 100 ދުވަސް މި ހަމަވީ ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވި އެވެ. މި ކުރު މުއްދަތުގެ ތެރޭގައި ދިމާވި މައްސަލަތައް ބައިވަރެވެ. ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަންޖެހުނު ކަންކަން ގިނަ އެވެ. މި ސަރުކާރު ވެރިކަން ކުރަން ފަސް އަހަރު އަދި ކުރިއަށް އޮތީ އެވެ. އެހެންކަމުން ރައްޔިތުންގެ އިހުސާސްތަކަށް ބަލައި، މައްސަލަތައް ހައްލު ކުރަމުން، ވެފައި އޮތް ވައުދުތައް ފުއްދަމުން ދިޔުން މުހިންމެވެ. ނޫން ނަމަ ދުވަހަކު ވެސް ގައުމުގައި ހަމަޖެހުމެއް ނޯންނާނެ އެވެ.