Advertisement

ބަޔާނާއި ލިވަޕޫލްގެ ލިސްޓު ކުރީގައި އަލޮންސޯ

23 ފެބުރުވަރީ 2024 - 10:11 0


ބަޔާނާއި ލިވަޕޫލްގެ ލިސްޓު ކުރީގައި އަލޮންސޯ

23 ފެބުރުވަރީ 2024 - 10:11 0

މިއުނިކް (ފެބްރުއަރީ 23) - އަންނަ ސީޒަން ފެށުމުގެ ކުރިން އާ ކޯޗެއް ޓީމަށް ހަމަޖެއްސުމަށް ކުރާ މަސައްކަތުގައި ލިވަޕޫލާއި ބަޔާން މިއުނިކުން ގެންގުޅޭ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތީ ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ނުވަ އަހަރަށް ފަހު، މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. ބަޔާންގެ ނަތީޖާތަށް ދަށްވުމުން އެ ޓީމުން ވަނީ ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމައިފަ އެވެ.

ލެވަކޫސަންގައި މި ވަގުތު ހުރި އަލޮންސޯ، މިދިޔަ އަހަރު އެ ޓީމާ ހަވާލުވެ ތަފާތު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި ސީޒަނުގައި މިހާތަނަށް ލެވަކޫސަން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، އެ ޓީމުން ވަނީ ޖަރުމަނު ފުޓްބޯޅައިގެ އާ ސީޒަނެއް ފަށައިގެން މެޗަކުން ބަލިނުވެ، ބަޔާން މިއުނިކުން ހަދާފައި އޮތް ރެކޯޑާ ހަމަކޮށްފަ އެވެ. ދެން އޮތް މެޗުން ބަލިނުވެ، ނިންމާލައިފިނަމަ ލެވަކޫސަނާއި އަލޮންސޯ އަށް އެ ރެކޯޑް މުގުރާލެވޭނެ އެވެ.

ސްކައި ޖާމަނީން ރިޕޯޓްކުރާ ގޮތުގައި ބަޔާން އިން އަންނަ ސީޒަނަށް ޓީމު ބައްޓަށް ކުރާއިރު، ކޯޗެއްގެ ކަންކަން ވަރަށް އަވަހަށް ފައިނަލް ކުރާނެ ކަމަށާއި އަލޮންސޯއާ އެކު ފެށޭ ހަފްތާގައި ވާހަކަ ދައްކާނެ ކަމަށެވެ.

އެކަމަކު، ބަޔާ ލެވަކޫސަން އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަލޮންސޯ، މި ސީޒަން ނުނިމެނިސް އެއްވެސް ޓީމަކާ މަޝްވަރާ ނުކުރާނެ އެވެ.

ކުރިން ބަޔާނާއި ލިވަޕޫލަށް ކުޅެފައިވާ އަލޮންސޯ އަކީ މި ވަގުތު ޔޫރަޕްގައި އެންމެ ޑިމާންޑް ބޮޑު ކޯޗެވެ. އަލޮންސޯ ހޯދަން، ލިވަޕޫލުން މަސައްކަތް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.