Advertisement

މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކިވާނެ: ކްލަބް

22 ފެބުރުވަރީ 2024 - 08:42 0


މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކިވާނެ: ކްލަބް

22 ފެބުރުވަރީ 2024 - 08:42 0

މިއުނިކް (ފެބްރުއަރީ 22) - މި ސީޒަނަށް ފަހު ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުން ތޯމަސް ޓުޗެލް ވަކިވާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބަޔާންގެ ކޯޗުކަމުން ދުރުވާން ޓުޗެލް އެއްބަސްވިއިރު، މި ސީޒަންގައި ބަޔާން އިން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

"ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ދެ ފަރާތުންވެސް އެއްބަސްވީ މި ސީޒަނަށްފަހު ދެ ފަރާތުގެ މެޗުގައި އޮތް އެއްބަސްވުން ބާތިލްކުރަން،" ބަޔާން އިން ނެރުނު ބަޔާނެއްގައި އެ ކްލަބުގެ ސީ.އީ.އޯ ޔާން ކްރިސްޓިއަން ޑްރީސަން ވިދާޅުވިއެވެ.

"ކްލަބުގެ ވިސްނުން އޮތީ އަންނަ ސީޒަންގައި އާ ކޯޗަކާ އެކު ކުރިއަށްދާން. އެކަމަކު، މި ސީޒަންގައި ޖަރުމަން ލީގާއި ޗެމްޕިއަންސް ލީގުގައި ކާމިޔާބު ހޯދުމަށް ކްލަބުގެ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރާނަން."

ޗެލްސީ އާއި ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން ޓުޗެލް، 50، އަށް ބަޔާން އިން ކޯޗުކަން ހަވާލުކުރީ 2023 ވަނަ އަހަރުގެ މާޗު މަހު ޖޫލިއަން ނާގަލްްސްމަން މަގާމުން ވަކިކުރުމަށްފަހު އެވެ. މިދިޔަ ސީޒަންގައި ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން އިން ޖަރުމަން ލީގު ކާމިޔާބުކުރިއެވެ.

އެހެން ނަމަވެސް، މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ދަށްވެ، އެ ކްލަބު މެނޭޖްމަންޓާއި ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ޖަރުމަން ލީގުގައި ބަޔާން އޮތީ އެއް ވަނައިގައި އޮތް ބަޔާ ލޭވަކޫސަން އަށް ވުރެ 8 ޕޮއިންޓް ފަހަތުގަ އެވެ.

އަދި ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގެ ފުރަތަމަ ލެގުގައި ބަޔާން ވަނީ ލާޒިއޯ އަތުން 1-0 އިން ބަލިވެފައެވެ. އަދި ޖަރުމަން ކަޕުން ވެސް ބަޔާން ވަނީ ކަޓައިފަ އެވެ.

ޓުޗެލް ބަޔާންގެ ކޯޗުކަމުން ވަކިވާނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އެއް އަހަރު އޮއްވަ އެވެ. ޓުޗެލްއާ އެކު ބަޔާން އިން ވަނީ 2025 ވަނަ އަހަރުގެ ޖޫންއާ ހަމައަށް ކޮންޓުރެކްޓް ހަދައިފަ އެވެ.