19 ފެބުރުވަރީ 2024 - 13:56 0
ނިމާ ހަސަން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތް ކުރަމުންދާ ގެދޮރުވެރިޔާ ފްލެޓުތައް -- ފޮޓޯ: އިޔާން/ އަދަދު
19 ފެބުރުވަރީ 2024 - 13:56 0
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލައިގެ ތެރެއަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނުވަންނާތީ ސުވާލު އުފައްދައިފި އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކާ ގުޅިގެން މިއަދު އޭސީސީ އަދި ދެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެ މައްސަލައިގައި އޮޑިޓް އޮފީހުގެ މެންޑޭޓެއް އޮތްކަން ފަހަގަކުރައްވާފަ އެވެ.
ސަރުކާރުގެ އޮފީހަކުން ހިންގާފައި އޮތް އުސޫލުތަކަކާއި އިޖުރާއަތެއްގެ މައްސަލަ އޭސީސީން ބަލަމުން ގެންދާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ގާނޫނުއަސާސީގައި އޮފީސް އޮފީހަށް ކަނޑައެޅިފައި އޮންނަ ހިސާބުތައް ބެލެހެއްޓުމާއި އޭގެ އިތުރުން, އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް އޮފީސްތަކުން މަސައްކަތް ކުރޭތޯ ބެލުމުގެ ވަރަށް ބޮޑު މެންޑޭޓެއް އޮޑިޓް އޮފީހަށް އޮންނަ ކަމަށެވެ.
"އޮޑިޓް އޮފީހަކީ ހަމައެކަނި މާލީ ހިސާބުތައް ބަލާ ތަނެއް ނޫން. ޕާފޯމެންސް އޮޑިޓް ބެލުމަކީ ވެސް އެބޭފުޅުންގެ ޒިންމާއެއް. އެހެންވީމަ އޮޑިޓް އޮފީހުގެ އެއްވެސް ދައުރެއް މީގެ ނެތްތޯ އުސޫލުގެ ވާހަކަ ދައްކާއިރު?" ވަހީދު ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އޭސީސީގެ ދައުރަކީ ކޮރަޕްޝަން އޮތްތޯ ނެތްތޯ ބެލުން ކަމަށާއި, އޭސީސީން ލިސްޓެއް ނަގާ އޭގެއިން އެއްބަޔަކު ޑިސްކޮލިފައި ކުރީމައި ފްލެޓު ދިނުމުގެ މުޅި ޕްރޮސެސްއާމެދު އާންމުންގެ އިތުބާރު ގެއްލޭ ކަމަށެވެ.
ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު މިހާރު އޮތް ގޮތުން އޭސީސީއަށް އޮޑިޓާ ޖެނެރަލް އޮފީހާ އެގުޅިގެން ތަހުގީގު ނުހިންގޭނެ ކަމަށެވެ.
"މިހާރު މިކުރާ މަސައްކަތް [ފްލެޓުގެ މައްސަލަ ތަހުގީގު] ކުރިއަސް އޮޑިޓް އޮފީހަކަށް ނެތް އެއްވެސް ހުރަހެއް އެބޭފުޅުން އަމިއްލަފުޅަށް އިސްނަންގަވައިގެން ޕާފޯމެންސް އޮޑިޓެއް ކުރިއަށް ގެންދިއުމަކަށް. އެއީ މުޅިން އެހެން ކަމެއް." ޝާމިލް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވެސް ވިދާޅުވީ ފްލެޓު މައްސަލާގައި އޮޑިޓެއް ނުވަތަ ހުރިހާ ފަރާތެއް ތިބެގެން ރަނގަޅު ތަހުގީގެއް ނުހިންގާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ގެދޮރުވެރިޔާ މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ބައްދަލުވުން ނިންމައިލީ, ފްލެޓު ލިސްޓާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި މެންބަރުން ކުރައްވަން އެދިވަޑައިގަންނަވާ ސުވާލުތައް ކުރުމަށް މާދަމާ, ސިއްރު ކޮމިޓީ ބައްދަލުވުމެއް ބާއްވަން ނިންމުމަށްފަހު އެވެ.
Comment