Advertisement

ވާނުވާ ބަންދު އުވާލަން ގޮވާލައި ބާއްވަން އުޅުނު އިހުތިޖާޖު ފުލުހުން ހުއްޓުވައިފި

16 ފެބުރުވަރީ 2024 - 22:25 0

އަމަން ހަލީމް

އަމަން ހަލީމް

ވާނުވާ ބަންދު އުވާލަން ގޮވާލައި ބަޔަކު އަޑުއުލަނީ: ފުލުހުން ހުރަސް އެޅި ނަމަވެސް އެ ސަރަހައްދަށް ބޯޑުތަކާއެކީ ބަޔަކު އެއްވި -- ފޮޓޯ: ޔޫތުފޯޔުނިޓީ/އެކްސް


ވާނުވާ ބަންދު އުވާލަން ގޮވާލައި ބާއްވަން އުޅުނު އިހުތިޖާޖު ފުލުހުން ހުއްޓުވައިފި

16 ފެބުރުވަރީ 2024 - 22:25 0

ބޮޑެތި ކުށްތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ "ވާނުވާ ބަންދު" އުވާލަން އަޑުއުފުލުގެ ގޮތުން މިއަދު ހަވީރު މާލޭ ރަސްފަންނު ސަރަހައްދުގައި ބާއްވަން އުޅުނު އިހުތިޖާޖު ފުލުހުން ހުއްޓުވައިފި އެވެ.

މި އިހުތިޖާޖު އިންތިޒާމުކުރި މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުން މި އިހުތިޖާޖު ހުއްޓުވީ، މާލޭ ސިޓީ ކައުންސިލުން ނަގަން ޖެހޭ ހުއްދަތައް ނަގައި ފުލުހުންނާ ގުޅިގެން އިހުތިޖާޖުގެ ކަންކަން އިންތިޒާމުކުރަން ބައްދަލުކޮށް މަޝްވަރާކުރި ފަހުން ކަމަށެވެ.

"ނަމަވެސް، ރޭ ވަރަށް ލަސްވެފައި ވަނިކޮށް، އިހުތިޖާޖު ކުރިއަށް ނުގެންދަން ފުލުހުން ލިޔުމުން އެންގި. ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެ އަމުރާ ހިލާފުވާ ބަޔަކާ ދެކޮޅަށް ގާނޫނި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައި" ޑިޓެއިނީ ވޮޗުން ނެރުނު ބަޔާނުގައިވެ އެވެ.

މިކަމާ ގުޅިގެން އެ ޖަމިއްޔާއިން ބުނީ ބޭއިންސާފުން ހިނގާ ކަންކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި އެކަންކަން ހުއްޓުވަން ކުރާ ސުލްހަވެރި މަސައްކަތްތަކަށް ހުރަސްއަޅާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި މި ފިޔަވަޅު އެޅީ ޝަރީއަތް ކުރުމެއް ނެތި ބަންދުގައި ގިނަ ދުވަސްވާ މައްސަލައިގައި ސިޔާސީ ޕާޓީތަކާއި ލޯޔަރުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކަމަށް ވެސް ބުންޏެވެ.

އިހުތިޖާޖު ނުބާއްވަން ފުލުހުން އެންގި ނަމަވެސް އެކި ޝިއާރުތައް ޖަހާފައި ހުރި ބޯޑުތަކެއް ހިފައިގެން އެ ސަރަހައްދަށް ބަޔަކު ޖަމާވި އެވެ. އޭރު އެސްއޯ ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނެ އެވެ.

ޑިޓެއިނީ ވޮޗު ޖަމިއްޔާގެ ބަޔާން ނިންމާލަމުން ބުނީ އެ ޖަމިއްޔާއިން އަބަދުވަސް މަސައްކަތް ކުރާނީ ކަނޑައެޅިފައިވާ އިންތަކުގެ ތެރެއިން ސުލްހަވެރިކަމާ އެކީ ކަމަށެވެ. އަދި މިކަންކަމުގައި އަޑުއުފުލޭނެ އެހެން ގޮތްތަކެއް ހޯދައި، އިހުތިޖާޖު ބާއްވާނެ އެހެން ތާރީހެއް އިއުލާނުކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ވާނުވާ ބަންދުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފެށީ ވާނުވާ ބަންދު އުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވުމާ ގުޅިގެންނެވެ.

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން، އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ހޯމް ސެކްޓާއިން ހަފުތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސް އެ ވިދާޅުވި ވާހަކަ ތަރުޖަމާކުރެއްވީ، ޝަރީއަތްތައް އަވަސް ކުރަން މަސައްކަތް ކުރަން ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ދެއްކެވި ވާހަކަފުޅެއްގެ ގޮތުގަ އެވެ.