Advertisement

ދެކުނު ކޮރެއާގެ ކޯޗުކަމުން ކްލިންސްމަން ވަކިކުރަނީ

15 ފެބުރުވަރީ 2024 - 14:39 0


ދެކުނު ކޮރެއާގެ ކޯޗުކަމުން ކްލިންސްމަން ވަކިކުރަނީ

15 ފެބުރުވަރީ 2024 - 14:39 0

ސޯލް، ދެކުނު ކޮރެއާ (ފެބްރުއަރީ 15) - މި ފަަހަރުގެ އޭޝިއަން ކަޕްގައި ދެކުނު ކޮރެއާ އިން ނެރުނު ނަތީޖާތަށް އުންމީދުކުރި ވަރަށް ވުރެ ދަށް ވުމުން އެ ޓީމުގެ ކޯޗަކަށް ހުރި ޖަރުމަނުގެ ކުރީގެ ފޯވާޑް ޔާގަން ކްލިންސްމަން މަގާމުން ވަކިކުރަން، ކޮރެއާ އެފްއޭގެ ނެޝަނަލް ޓީމު ކޮމިޓީން ލަފާދީފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ކޮރެއާ ކޯޗަކަށް ހަމަޖެއްސި ކްލިންސްމަންއާ އެކު، އެ ޓީމުން މި ފަހަރުގެ އޭޝިއަން ކަޕަަށް ނުކުމެ، މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ޖޯޑަން އަތުން 2-0 އިން ބަލިވުމުންނެވެ.

ކޮރެއާ، މުބާރާތުން ކެޓިތާ ހަފްތާއެއްހާ ދުވަސްތެރޭ، ކޮރެއާ އެފްއޭގެ ގައުމީ ޓީމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީ ކްލިންސްމަން މަގާމުން ދުރުކުރަން ޖެހޭ ކަމެވެ. އެ ގޮތުން، ކޮރެއާ އެފްއޭ އަށް ގައުމީ ޓީމު ކޮމިޓީން އެރުވި ލަފަޔަކީ ކްލިސްމަން ވަކިކޮށް، އާ ކޯޗަކާ އެކު ކުރިއަށްދިއުމަށެވެ.

ކޮމިޓީން މި ގޮތަށް ނިންމިއިރު، ފާއިތުވި ދުވަސްތަކުގައި ސޯލްގައި ހުންނަ ކޮރެއާ އެފްއޭ ހެޑްކުއާޓަރު ކައިރީގައި ސަޕޯޓަރުން އެއްވެ، ކްލިންސްމަން ވަކިކުރަން އަންނަނީ ގޮވާލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، އަމިއްލަ ގައުމުގައި ހުރެ، ވީޑިއޯ ކޮންފަރެންސް ކޯލެއް މެދުވެރިކޮށް، ކްލިންސްމަން ވެސް ބައިވެރިވެގެން، ކުރިއަށްދިޔަ ގައުމީ ޓީމުގެ ކޮމިޓީ ބައްދަލުވުމުގައި، ކްލިންސްމަން ވަނީ ސެމީ ފައިނަލް މެޗުގެ ތެރޭގައި ޓީމު ތެރޭގައި ކަންތައްތަކެއް ހިނގި ކަމަށް ބުނެފަ އެވެ. އަދި އޭގެ ސަބަބުން، ޓީމު ތެރޭގައި ބައިވެރިވުން އުފެދި ކުޅުމަށް އަސަރުކުރީ ކަމަށެވެ.

އޭގެ ތެރޭގައި، ޓީމުގެ ކެޕްޓަން، ސޮން ހެއުން މިން އާއި ޓީމުގެ ބައެއް ކުޅުންތެރިން ޖެހުނު މައްސަލައެއް ވެސް ހިމެނެ އެވެ. މައްސަލަ ޖެހުނީ، ޓޭބަލް ޓެނިސް ކުޅެން އުޅުމުގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި ކަންކަން ގޯސްވެގެންނެވެ.

މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ކޮރެއާގެ އެފްއޭ އިން މިހާރު ކްލިންސްމަންގެ މުސްތަގުބަލާ މެދު ވަރަށް އަވަހަށް ރަސްމީކޮށް ގޮތެއް ނިންމާނެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެކްޓެއް ހަދައިގެން، މީގެ އަހަރެއް ކުރިން ކޮރެއާއާ ހަވާލުވި ކްލިންސްމަން އަށް މި ފަހަރު އެ މަގާމު ދިފާއުކުރުމުގެ ފުރުސަތު އޮތީ ކުޑަކޮށެވެ.