Advertisement

އަނިޔާ އިން އެނބުރި އައި ސިންދޫގެ އެހީއާ އެކު އިންޑިއާ އިން ޗައިނާ ބަލިކޮށްފި

14 ފެބުރުވަރީ 2024 - 14:46 0


އަނިޔާ އިން އެނބުރި އައި ސިންދޫގެ އެހީއާ އެކު އިންޑިއާ އިން ޗައިނާ ބަލިކޮށްފި

14 ފެބުރުވަރީ 2024 - 14:46 0

ސެލަންގޯ، މެލޭޝިއާ (ފެބްރުއަރީ 14) - އަނިޔާ އަށް ފަހު އެނބުރި އައި، އިންޑިއާގެ ބެޑްމިންޓަން ތަރި، ޕީވީ ސިންދޫ ދެއްކި މޮޅު ކުޅުމާ އެކު، އިންޑިއާ އިން ބެޑްމިންޓަން އޭޝިއާ ޓީމު ޗެމްޕިއަންޝިޕްގައި ޗައިނާ ބަލިކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ފްރެންޗް އޯޕަން ބެޑްމިންޓަން މުބާރާތުގައި ސިންދޫގެ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި، އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. އަލުން ފިޓްވެގެން، އޭނާ އެނބުރި އައިސް، ބެޑްމިންޓަ ޓީމު ޗެމްޕިއަންޝިޕްގައި އެންމެ ބޮޑު އަމާޒަކަށްވާނީ، މި އަހަރުގެ އޮލިމްޕިކްސް އަށް ފޯމު ރަނގަޅު ކުރުމެވެ.

އެ ގޮތުން، ބެޑްމިންޓަން އޭޝިއާ ޓީމު ޗެމްޕިއަންޝިޕްގައި އިންޑިއާ އަންހެން ޓީމުން 3-2 އިން، އެއް ވަނަ އަށް ސީޑުކޮށްފައިވާ ޗައިނާ ބަލިކުރިއިރު، ސިންދޫގެ މެޗު ހާއްސަ އެވެ.

ސިންދޫ، 28، މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 11 ވަނައިގަ އެވެ. އޭނާ ޓީމު ޗެމްޕިއަންޝިޕްގައި ކުޅެން ނުކުތް، ޗައިނާގެ ހަން ޔުއެ އަކީ ދުނިޔޭގެ އަށް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. ޔުއެގެ މައްޗަށް ސިންދޫ ކުރިހޯދީ، 21-17، 21-15 އިންނެވެ.

މި ޓައިގައި އޯވަރޯލްކޮށް، އިންޑިއާ އިން ހުރިހާ މެޗެއްގައި ވެސް ޗައިނާ އަށް ރަނގަޅު ފައިޓެއް ދިނެވެ. އެ ގޮތުން، ދެ ޓީމު އެއްވަރުވެފައިވަނިކޮށް، ޑިސައިޑިން މެޗުގައި، އިންޑިއާގެ އަންމޯލް ހާބް ވަނީ ތަފާތު ދައްކައިފަ އެވެ. އިންޑިއާގެ އަންމޯލް އަކީ ދުނިޔޭގެ 472 ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ، ދެ ސެޓު އެއް ސެޓުން ޗައިނާގެ ވޫ ލުއޯ ޔޫ އަތުން މޮޅުވެފަ އެވެ. ވޫ ލުއޯ އަކީ ދުނިޔޭގެ ރޭންކިންގައި 149 ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެހެންކަމުން، މިއީ އިންޑިއާގެ އަންމޯލް އަށް ލިބިގެންދިޔަ ބޮޑު މޮޅެކެވެ.

ޗައިނާ އާއި އިންޑިއާ އަށް ވަނީ އަންހެން ޑިވިޝަނުގެ ނޮކައުޓް ބުރުން ފުރުސަތު ލިބިފަ އެވެ. މި މެޗު މުހިންމުވެފައި އޮތީ، ނޮކައުޓުގައި މި ދެ ޓީމުގެ ބްރެކެޓް ކަނޑައެޅުމަށެވެ.