Advertisement

ތިލަފުށި ދެވަނަ ފިޔަވަހިން 120 ހެކްޓަރު ހިއްކައި، މަސައްކަތް ނިންމާލައިފި

12 ފެބުރުވަރީ 2024 - 13:27 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ތިލަފުށި ދެވަނަ ފިޔަވަހިން 120 ހެކްޓަރު ހިއްކައިފި -- ފޮޓޯ: އެޗްޑީސީ


ތިލަފުށި ދެވަނަ ފިޔަވަހިން 120 ހެކްޓަރު ހިއްކައި، މަސައްކަތް ނިންމާލައިފި

12 ފެބުރުވަރީ 2024 - 13:27 0

ތިލަފުށީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ރަށު ދެވަނަ ފިޔަވައްސައް އިތުރުކުރާ ބިން ހިއްކައި ނިމިއްޖެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ "އޭ"، "ބީ"، "އީ" އަދި "އެފް" ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 120 ހެކްޓަރު ވަނީ ހިއްކާފަ އެވެ.

އަދި މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ.

ތިލަފުށީގެ މާސްޓާ ޕްލޭން ފަރުމާކޮށްފައި ވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެ ޕްލޭނުގެ ދަށުން އާބަންކޯ އިން ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކަން ރާވާފައިވަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ.

މިއަދު ހިއްކައި ނިންމި ހަތަރު ސަރަހައްދު، ‍އޭރިއާ "އޭ"، "ބީ"، "އީ" އަދި "އެފް" ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 14، 2023 ގަ އެވެ.

އެ ސަރަހައްދުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުކީ ކުރިއަށް ގެންދަނީ އެޗްޑީސީ އަދި ޗައިނާ ހާރބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ތިލަފުށީގެ މާސްޓާ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ އެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެ އެވެ.