Advertisement

ފްލެޓް ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ހޯދިން: އެޗްއާރުސީއެމް

11 ފެބުރުވަރީ 2024 - 18:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހުޅުމާލޭގައި އަޅަމުންދާ ގެދޮރުވެރިޔާ ފްލެޓުތައް. މި މަޝްރޫއުއިން ބޯހިޔާވަހިކަން ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އަދިވެސް ނެރެފައި ނުވޭ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ފްލެޓް ލިސްޓު ބާތިލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ހޯދިން: އެޗްއާރުސީއެމް

11 ފެބުރުވަރީ 2024 - 18:52 0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާކުރަމުން ދާއިރު ލިސްޓު ބާތިލްކޮށް އަލުން އިއުލާން ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ލިސްޓު ބާތިލު ނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ، މައްސަލަ ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ދިން ކަމަށެވެ. އަދި އެއީ ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގައި އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ލިސްޓެއް އެކުލަވާލަން ނިންމީ ކަމަށެވެ.

އެކަމާ ގުޅިގެން ފްލެޓް ލިސްޓު ބާތިލު ކުރި ކަމަށް ދެކެވުނެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ބައެއް އިސް ވެރިން މިއަދު ހެނދުނު މީޑިއާތަކަށް ވިދާޅުވެފައިވަނީ ލިސްޓު މުރާޖައާކުރުމުގެ މަސައްކަތް، ބަންޑާރަ ނައިބު އޮފީހުގެ ލަފާ ހޯދައިގެން ކުރިއަށް ދިޔަ ނަމަވެސް ފޯމުތައް ބާތިލުކޮށްފައިނުވާ ކަމަށެވެ.

އެޗްއާރުސީއެމްއިން ދެންމެ ނެރުނު ބަޔާނުގައި ވެސް ވަނީ، ލިސްޓު ބާތިލްކޮށް އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީން ކަން ހައުސިން މިނިސްޓްރީން އެ ކޮމިޝަނަށް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު ލިޔުންތަކެއް ހޯދުމަށް އެދިފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަނުން އެ ގޮތަށް ކަނޑައެޅީ އެންމެ ރަނގަޅަކަށް ނޫނެވެ. އަދި އެއީ ކޮމިޝަނުގެ މެންޑޭޓުން ބޭރުން ނިންމާފައިވާ ކަންކަން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8 ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފެށިފައި ވަނީ 4000 ފްލެޓުގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.