Advertisement

ޕީކޭ ކޮޅަށް 8 ގޯލު ޖަހައި ނިއު ރޭޑިއަންޓް ދެ ވަނަ ޑިވިޝަން ސެމީ އަށް

6 ފެބުރުވަރީ 2024 - 18:41 0

ނިއު ރޭޑިއަންޓްގެ ވިފާގު (ވ) އާއި އަހްރޯރް ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕީކޭ ކޮޅަށް 8 ގޯލު ޖަހައި ނިއު ރޭޑިއަންޓް ދެ ވަނަ ޑިވިޝަން ސެމީ އަށް

6 ފެބުރުވަރީ 2024 - 18:41 0

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކްލަބް ޕީކޭ އަތުން 8-0 އިން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

ސެމީގައި ނިއު ކުޅެން ޖެހޭނީ މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލް ތިން ވަަނަ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ސެމީ ފައިނަލް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.

އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބެނީ، މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފައިނަލަށް ދަތުރުކުރާ ދެ ޓީމަކަށެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން، ހަތަރު ވަނަ މިނިޓްގައި ނިއު އިން ލީޑުނެގީ އޭރިއާތެެރެއިން އިސްމާއިލް ވިފާގު (އިއްސެ) ގޯލުގެ ދުރު ކަނަށް ފޮނުވާލި ބޯޅައިންނެވެ. އޭގެ ތިން މިނިޓް ފަހުން، ނިއު އިން ދެ ވަނަ ލަނޑެއް ޖެހި އެެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު، އުމަރްޔޯނޯފް އަހްރޯރް ޖެހި ގޯލެކެވެ.

ނިއުގެ ކޯފީ (ކ) އާއި އަބޫ (މ) އަދި ނައްޒާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މެޗުގެ 16 ވަަނަ މިނިޓްގައި ނިއު އިން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ އިއްސެ ދިން ބޯޅައަކުން ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ ޖެހި ގޯލެކެވެ. ކޯފީ މި ލަނޑު ޖެހީ ފުރަތަމަ ފޮނުވާލި ހަމަލާ ކްލަބް ޕީކޭގެ ކީޕަރު ތޮލާލް ހަސަން މަތަކުރުމުން އައި ރީބައުންސުންނެވެ. ނިއުގެ ހަތަރު ވަނަ ލަނޑު ވެސް ޖެހީ ކޯފީ އެވެ. މިއީ މެޗުގެ 25 ވަަނަ މިނިޓްގައި ނިއުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނަގައިދިން ހުރަހަކުން ކޯފީ ޖެހި ގޯލެކެވެ.

ނިއު އިން ވަނީ 35 ވަަނަ މިނިޓްގައި އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ، އަހްރޯރް އެވެ. މިއީ އިއްސެ ޖެހި ޝޮޓެއް ބްލޮކްވެފައި އައި ވަގުުތު އަހްރޯރް ޖެހި ގޯލެކެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ނިއުގެ ހަ ވަނަ ލަނޑު ޖެހީ އެ ޓީމުގެ ގާނާ މިޑްފީލްޑަރު އަބޫ ސަނޫނޫ އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އަބޫ ޖެހި ގޯލެކެވެ. ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ހިނގިތަނާ ނިއު އިން ހަތް ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ އަބޫ އެވެ.

ނިއުގެ އަށް ވަނަ ލަނޑު ޖެހީ މެޗުގެ 77 ވަަނަ މިނިޓްގައި، އާދަމް ޝިޔާން މުހައްމަދު އެވެ. މިއީ އިއްސެ ނަގައިދިން ހުރަަހަކުން ޝިޔާން ބޮލުން ޖެހި ގޯލެކެވެ.

ޕީކޭ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ދެ ޓީމުގެ މެދުގައި ހިނގިހަމަނުޖެހުމެއްގެ ތެރެއިން، ޕީކޭގެ އަބްދުލް ރަހްމާން ޝައްފާފް ޝާހަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ނިއު އަކީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަަލަށް ދަތުރުކުރި ދެ ވަނަ ޓީމެވެ. ފުރަތަމަ ޖާގަ ހޯދީ މަސް އޮޑި ސްޕޯޓްސް ކްލަބް އެވެ. ނިއު އާއި މަސް އޮޑި ސެމީ އަށް އައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.