Advertisement

ރާއްޖޭގެ ފަސް ކުޅުންތެރިއަކު ލަންކާ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކުރާނެ

5 ފެބުރުވަރީ 2024 - 11:05 0


ރާއްޖޭގެ ފަސް ކުޅުންތެރިއަކު ލަންކާ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކުރާނެ

5 ފެބުރުވަރީ 2024 - 11:05 0

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ލިނިން އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ރާއްޖޭގެ ފަސް ކުޅުންތެރިން ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެެވެ.

އެ ކުޅުންތެރިންނަކީ ގައުމީ ބެޑްމިންޓަން ސްކޮޑުގައި މި ވަގުތު ތިބި، އައިމިނަތު ނަބީހާ، ފާތިމަތު ނަބާހާ، ނިބާލް އަހުމަދު އަދި ހަަސަން ޒަޔާންގެ އިތުރުން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އެވެ.

އަމިއްލަ ކްލަބްތަކުގެ ކުޅުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން އެންޓްރީ ކަންކަން ފުރިހަމަކޮށްދެނީ، ބެޑްމިންޓަން އެސޯސިއޭޝަން އިންނެވެ.

މިއަދުން ފެށިގެން މި މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ލިނިން ސްރީ ލަންކާ އިންޓަނޭޝަނަލް ޗެލެންޖްގެ ފިރިހެން ސިންގަލްސް މެއިން ޑްރޯގައި ނިބާލް އާއި ޒަޔާން ޒަކީ ވާދަކުރާއިރު، ހަސަން ޒަޔާން ކުޅޭނީ ކޮލިފިކޭޝަން ބުރުގަ އެެވެ.

މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިއަކަށް ސީޑްކޮށްފައިވަނީ އަންހެން ސިންގަލްސްގައި ހަތަރަކަށް ސީޑްކޮށްފައިވާ ނަބާހާ އާއި މިކްސް ޑަބަލްސްގައި ދެ ވަނަ އަށް ސީޑްކޮށްފައިވާ ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ އެވެ.

ޑަބަލްސް އިވެންޓްތަކަށް ބަލާއިރު، ރާއްޖޭން ވާދަކުރަނީ، މިކްސް ޑަބަލްސް އިވެންޓްގަ އެވެ. ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާގެ އިތުރުން ދެން ހިމެނެނީ، ނިބާލް އާއި ނަބީހާގެ ޕެއާ އެވެ. ފިރިހެން ޑަބަލްސްގައި ނިބާލް އާއި މުހައްމަދު އަޖުފާންގެ ޕެއާގެ އެންޓްރީ ހެދި ނަމަވެސް، އަޖުފާން އަނިޔާގައި ހުރުމުން، މުބާރާތުން ވަނީ އެ ޕެއާގެ ނަން ނަގައިފަ އެވެ.

މިއީ އޮލިމްޕިކް ކޮލިފިކޭޝަން އަށް ބަލާއިރު، ބެޑްމިންޓަން ކުޅުންތެރިންނަށް ރޭންކިން ޕޮއިންޓް ހޯދަން މުހިންމު މުބާރާތެކެވެ.

ރޭންކިން ޕޮއިންޓް އަށް ބަލާއިރު، މި މަހު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޓީމު ޗެމްޕިއަންޝިޕަކީ ރަނގަޅު ފުރުސަތެކެވެ. އެކަމަކު، އެ މުބާރާތުގައި ރާއްޖޭން ވާދަނުކުރެ އެވެ. މީގެ ކުރިން، އެ މުބާރާތުގައި ރާއްޖޭން ވަނީ ވާދަކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ބެޑްމިންޓަން ޓީމު ވާދަނުކުރަނީ، ބަޖެޓް ނެތިގެން ކަމަށް އެސޯސިއޭޝަނުން ހާމަކޮށްފައިވާކަން އެނގިފައިވެ އެވެ. އެކަމަކު، އެ މުބާރާުތުގައި ވާދަކުރަން ބަޖެޓަށް ސްޕޯޓްސް މިނިސްޓްރީގައި ބެޑްމިންޓަން އެސޯސިއޭޝަނުން އެދިފައިނުވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.