Advertisement

ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް މި މަހު ގާނޫނަށް އިސްލާހު ހުށަހަޅަނީ

5 ފެބުރުވަރީ 2024 - 10:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖަލުގައި ހުރި ގައިދީއެއް : ވާނުވާ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާ ގާނޫނަށް އިސްލާހު ހުށަހަޅަނީ - ފޮޓޯ: ކަރެކްޝަންސް


ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް މި މަހު ގާނޫނަށް އިސްލާހު ހުށަހަޅަނީ

5 ފެބުރުވަރީ 2024 - 10:09 0

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަސައްކަތަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި މަޖިލީހުގެ މި ފެށޭ ދައުުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން، އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނަށް ގެންނާނެ އިސްލާހުތައް ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ހަނިކުރުމަށް ޖޭއެސްސީ އެކުލެވޭގޮތް ގާނޫނީ ގޮތުން ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށެވެ.

"ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ ތެރޭގައި ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިލާއި، ޕްރިވެންޓިވް ހެލްތް ކެއަރ ބިލާއި، ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލް އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލް ހިމެނޭ" ރައީސް ވިދާޅުވި އެވެ.

ރައީސް ދެން ފާހަގަކުރެއްވި ބިލުތަކުގެ ތެރޭގައި ޓްރެވެލް އެޖެންސީއާ ބެހޭ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި، އާބަން ޕްލޭނިންއާ ބެހޭ ބިލް އަދި އާބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލުގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާ ބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާ ބެހޭ ބިލުވެސް ހިމެނެ އެވެ.

އޭގެއިތުރުން ކޮޕީރައިޓާއި ގުޅޭ ބިލަކާއި ބިމާބެހޭ ގާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅާ މަޖިލީހުގައި މިހާރު އޮތް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް މަޖިލީހުގައި މިހާރު އެދިފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.