Advertisement

ފަހު ވަގުތު ރެއާލް ހުއްޓުވައި އެތުލެޓިކޯ އަށް ބޮޑު ކުރިއެރުމެއް

5 ފެބުރުވަރީ 2024 - 09:00 0


ފަހު ވަގުތު ރެއާލް ހުއްޓުވައި އެތުލެޓިކޯ އަށް ބޮޑު ކުރިއެރުމެއް

5 ފެބުރުވަރީ 2024 - 09:00 0

މެޑްރިޑް (ފެބްރުއަރީ 5) - ސްޕެނިޝް ލީގުގެ އެއް ވަަނައިގައި އޮތް ރެއާލް މެޑްރިޑް މޮޅުވާން ދަނިކޮށް އެ ޓީމާ 1-1 އިން އެއްވަރުވެ، އެތުލެޓިކޯ މެޑްރިޑުން ލީގުގައި ރަނގަޅު ކުރިއެރުމެއް ހޯދައިފި އެވެ.

މިއީ، 2015/2016 ވަނަ އަހަރުގެ ސީޒަނަށް ފަހު، އެތުލެޓިކޯ އިން ލީގުގައި ރެއާލާ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ފުރަތަމަ ފަހަރެވެ. އެތުލެޓިކޯ އިން މި ސީޒަނުގައި ރެއާލް އަތުން ދެ ފަހަރު މޮޅުވެފައިވެ އެވެ. އެކަމަކު، މިދިޔަ މަހު، ރެއާލުން ވަނީ ސްޕެނިޝް ސުޕަ ކަޕްގައި އެތުލެޓިކޯ ބަލިކޮށްފަ އެވެ.

ރެއާލް މި ވަގުތު ސްޕެނިޝް ލީގުގެ ކުރީގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް ވަނީ 23 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 23 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބާސެލޯނާގެ އޮތީ 23 މެޗުން 47 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން ވަނީ 20 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް ޖެހި ލަނޑުން ލީޑުނަގައިފަ އެވެ. މިއީ އެތުލެޓިކޯގެ ކޯކޭ ހެދި ގޯހެއްގެ ފައިދާނަގައި، ޑިއާޒް ޖެހި ލަނޑެކެވެ. އެތުލެޓިކޯގެ ކީޕަރު، ޔޭން އޮބްލަކް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އެންޓޮއިން ގްރީޒްމަން ނެގި ކޯނަރަކުން ސްޓެފަން ސަވިޗް ވަނީ އެތުލެޓިކޯ އަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، އެއީ ގޯލެއް ކަމަށް ރެފްރީ ނިންމާފައިނުވެ އެވެ.

އެތުލެޓިކޯ އިން އެއްްވަރުކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، މެމްފިސް ޑިޕާއި ތަނަވަސްކޮށްދިން ފުރުސަތަކުން މާކޯސް ލޮރެންޓޭ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އެ ޓީމު މޮޅުވުން ހައްގު ކަމަށާއި އެކަމަކު، އެ ނަތީޖާ ނުނިކުތީ އަމިއްލަ އަށް ހެދުނު ކުޑަ ގޯހަކުން ކަމަށެވެ.