Advertisement

އެމްޑީޕީން ބޮއިކޮޓު ކުރިޔަސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަސްލަމް

5 ފެބުރުވަރީ 2024 - 08:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެމްޑީޕީން ބޮއިކޮޓު ކުރިޔަސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަސްލަމް

5 ފެބުރުވަރީ 2024 - 08:40 0

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ ބޮއިކޮޓްކުރަން، އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއިން ނިންމާފައި ވިޔަސް، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްކަން އެނގިއްޖެ އެވެ.

އެކަން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "އަދަދު" އަށް ވަނީ ކަށަވަރުކޮށް ދީފަވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ މި ޖަލްސާގެ ބޮއިކޮޓުކުރަން އިދިކޮޅުން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ފިޔަވައި އެހެން މެންބަރަކު، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވެރިކަންކުރާ ކޯލިޝަނުގެ މެންބަރުން ވަނީ ގޮވާލައްވައިފަ އެވެ.

އެކަމަށް ގޮވާލެއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ސަބަބެއްގެ ގޮތުގައި ދެއްކެވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން މިހާރު މަޖިލީހަށް ވައްދާފައިވާ އަސްލަމާއި ސަލީމްގެ އިތުބާރު ނެތް މައްސަލަ އެވެ.

މަގާމުން ވަކިކުރުމުގެ މައްސަލައިގައި އަސްލަމާއި ސަލީމަށް މަޖިލީހުގެ އިދާރާއިން ނޯޓިސް ވެސް ވަނީ ފޮނުވައިފަ އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް އިއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އަސްލަމާއި ސަލީމް ވަކިކުރަން ހުށަހެޅީ ކީއްވެ؟

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.

އެ މައްސަލަ ހުށަހެޅި އިރު ސިރާޖް ތުހުމަތުކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އަސްލަމް އަމަލުކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ބ، ޅ. އަދި އ. އާ ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީގައި 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާ ވެސް އަސްލަމް ހިލާފު ވެވަޑައިގެންފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޑިސެމްބަރު 10، 2023 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކުރެވެން އޮތް އެންމެ އަވަހަކަށް އެ މައްސަލަ ތާވަލުކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ވީ ނަމަވެސް، އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ރިޕޯޓު ތަޅުމަށް ލިބުންތާ އަށް ދުވަސް ފަހުން ކަމަށް ތުހުމަތު ކުރި އެވެ.

ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރަމުން ދިޔައިރު ވެސް، ނައިބު ރައީސްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އަދި ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާ ކަމަށް ކަށަވަރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.