Advertisement

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި

1 ފެބުރުވަރީ 2024 - 12:22 0

އެފްއޭއެމްގެ ރައީސް. ބައްސާމް: އެފްއޭއެމަށް ލިބޭ ފައިސާ އަށް ހިޔާނަތްތެރިވުމުގެ ދައުވާ އޭނަ މައްޗަށް ވަނީ އުފުލައިފައި.---- ފޮޓޯ: އަދަދު


ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި

1 ފެބުރުވަރީ 2024 - 12:22 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ދޭ ފައިސާގެ ތެރެއިން 10،000 ޑޮލަރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ އެކައުންޓަށް ފޮނުވައި، ބޭނުންކޮށްފައިވާތޯ، އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިިފި އެވެ.

އިއްޔެ ހަވީރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ހެޑް އޮފް ފައިނޭންޝިއަލް ކްރައިމް އިންވެސްޓިގޭޝަން ޔުނިޓް، ޗީފް އިންސްޕެކްޓަރު، ޔޫސުފް ލޫތު ވިދާޅުވީ އެފްއޭއެމްގެ ދެ މީހެއްގެ މައްޗަށް 10،000 ޑޮލަރު މައްސަލައިގައި ތަހުގީގު ނިންމައި، ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ކޮން ފަރާތްތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އޭގެ ތެރޭގައި ބައްސާމް ހިމެނޭ ކަމަށާއި ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. ދެން އިތުރު ފަރާތެއްގެ ގޮތުގައި ނަން ފާހަގަކޮށްފައިވަނީ، ބައްސާމްގެ އަނބިކަނބަލުން އައިމިނަތު މައުރީންގެ ނަމެވެ.

ބައްސާމް، އެފްއޭއެމް ރައީސްގެ މަގާމުގައި ހުރެ، ބެންކް އޮފް ސިލޯންގައި އޮތް އެފްއޭއެމް އެކައުންޓަކަށް ފީފާ އިން ޖަމާކުރި 10،000 ޑޮލަރު، ލިޔުންތަކެއް ހުށަހަޅައި، ބެންކް އޮފް މޯލްޑިވްސްގައި އޮތް ބައްސާމްގެ އަމިއްލަ އެކައުންޓަަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކޮށްފަ އެވެ. އެހެންވެ، ބައްސާމްގެ އެކައުންޓަށް މި ފައިސާގެ ތެެރެއިން ޖަމާވެފައިވަނީ 9،999 ޑޮލަރެވެ.

ބައްސާމް އެކައުންޓަށް ޖަމާވި، މި ފައިސާ (9،999 ޑޮލަރު)ގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން މައުރީންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބައްސާމް ދިރިއުޅޭ ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފަ އެެވެ.

މި ދައުވާގައި ދައުލަތުން ނިންމާފައިވަނީ، ބައްސާމް އަތުން 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ. މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި އޮތީ، 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، ފަސް އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަަށް ލުމެވެ.

ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގައި ފާހަގަކޮށްފައިވަނީ، ބެންކް އޮފް ސިލޯން އެކައުންޓުން ބައްސާމްގެ އަމިއްލަ ބީއެމްއެލް އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ، ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ގޮތުގައި ބެންކަށް ލިޔުން ހުށަހަޅައިގެންނެވެ. އެކަމަކު، އެ ފައިސާ އަނބުރާ އެފްއޭއެމް އަށް ލިބުނު ކަމުގެ އެއްވެސް ލިޔުމެއް ފެންނަން ނެތެވެ. އެހެންކަމުން، ނިންމާފައިވަނީ މިއީ އެފްއޭއެމްގެ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ.

މި ސަބަބުތަކަށް ބަލައި، ހިޔާނާތުގެ ދައުވާ ވެސް ބައްސާމަށް ކުރިއިރު، މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ފުލުހުން ބަލަމުން އަންނަ އެފްއޭއެމްގެ އެހެން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެފްއޭއެމަށް ފީފާ އިން ދިން 1.9 މިލިއަން ޑޮލަރުގެ އިންޓަރެސްޓް ފްރީ ލޯނަށް ހިޔާނާތްތެރިވެފައިވާ މައްސަލަ އެކެވެ. މި ފައިސާގެ ތެރެއިން ވެސް ބޮޑުބައެއް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން އެނގިފައިވެ އެެވެ. ކޮވިޑް ލޯންގެ މައްސަލައިގައި އެފްއޭއެމްގެ ފަރާތުން ފީފާ އިން ބޭނުންވާ މައުލޫމާތު ވެސް އެއްކޮށް ސާފުވެފައި ނުވެ އެެވެ.