Advertisement

ސީޒަން ފެށިއިރު ވެސް ޒަވީ އޮތީ ބާސެލޯނާ ދޫކޮށްލަން ނިންމައިފައި

31 ޖަނަވަރީ 2024 - 10:25 0


ސީޒަން ފެށިއިރު ވެސް ޒަވީ އޮތީ ބާސެލޯނާ ދޫކޮށްލަން ނިންމައިފައި

31 ޖަނަވަރީ 2024 - 10:25 0

ބާސެލޯނާ (ޖެނުއަރީ 31) - މި ސީޒަން ފެށިއިރު ވެސް މިއީ އޭނާ ބާސެލޯނާގެ ކޯޗަކަށް ހުންނާނެ ފަހު އަހަރުގެ ގޮތުގައި ނިންމާފައި އޮތް ކަމަށް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ، މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކުރީ ލީގުގައި އެންމެ ފަހުން، ވިޔަރެއާލް އަތުން 5-3 އިން ބާސެލޯނާ ބަލިވި މެޗަށް ފަހު އެވެ.

ލީގުގައި މިރޭ ބާސެލޯނާ އިން އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ވަނީ ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އެ ޓީމާ ވަކިވާން ނިންމި ސަބަބުތައް ކިޔައިދީފަ އެވެ.

"އަހަރެމެން (ކޯޗުން) ކުރާ މަސައްކަތް ބަލައިގަންނަން ޖެހޭ މިންވަރަކަށް ނުކުރޭ. އެހެންވެ، އަހަރެން މި ސީޒަން ފެށިއިރު ވެސް ނިންމާފައިވާނީ މިއީ ފަހު އަހަރު ކަމަށް،" ޒަވީ ބުންޏެވެ.

ބާސެލޯނާގެ މެނޭޖްމަންޓާ މެދު ނުރުހުން ވެފައި ހުރި މޭރުމަކުން ވާހަކަ ދެއްކި ޒަވީ ބުނީ، ދިމާވާ ކަންތައްތަކުގެ ސަބަބުން ތަކުރާރުކޮށް އެއް ގޮތަކަށް އިހުސާސް ކުރެވޭނަމަ އެ ހުންނަ މަގާމެއްގައި ދެމިހުންނަށް އުނދަގޫވާނެ ކަމަށެވެ.

މިއީ، ހަމަ އެކަނި ބާސެލޯނާގައި އޭނާ އަށް ދިމާވި ކަމެއް ނޫން ކަމަށާއި ޕެޕް ގާޑިއޯލާ އާއި އާނެސްޓޯ ވަލްވޭޑޭ އަދި ލުއިސް އެންރީކޭ އަށް ވެސް، ކޯޗަކަށް ހުރެ ކުރި މަސައްކަތުގައި އުފުލަން ޖެހުނު ބުރައާ އެއްވަރަށް އެއްބާރުލުން ނުލިބޭ ކަމަށް ޒަވީ ވަނީ ފާހަގަކޮށްފަ އެވެ.

"އެ މީހުން އުޅެފައި ހުރި ގޮތް އަހަންނަށް ފެނުނު، އަހަރެން މިހާރު މި އަންނަނީ އެކަން ތަޖުރިބާ ކުރަމުން،" ޒަވީ ބުންޏެވެ.

ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

ގަތަރުގެ އަލް ސާދު ދޫކޮށް ބާސެލޯނާއާ ހަވާލުވި ޒަވީ ވަނީ އެ ޓީމުގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ.

އަލުން އެނބުރި ބާސެލޯނާ ކޯޗަކަށް އައުމުގެ ފުރުސަތެއް އޮތްތޯ ކުރި ސުވާލުގެ ޖަވާބުގައި ޒަވީ ބުނީ، ކުރިއަށް ވާން އޮތް ކަމެއް އެކަކަށް ވެސް ޔަގީންކަމާ އެކު ނުބުނެވޭނެ ކަމަށެވެ. އެކަމަކު، ބާސެލޯނާ އިން އޭނާގެ އެހީތެރިކަމަށް އެދިއްޖެނަމަ ފުރަގަސްދޭން އުނދަގޫވާނެ ކަމަށް ޒަވީ ބުނެފައިވެ އެވެ.

އެހެން ނަމަވެސް، މި ވަގުތު ބާސެލޯނާ އިން ދާން ބޭނުންވާ މިސްރާބަށް އެ ކްލަބް ގެންދަން އޭނާ އަކީ އެންމެ ރަނގަޅު ކޯޗެއް ނޫން ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.