Advertisement

ޗާގޯސް މައްސަލަ: ބޭރު ތަޖުރިބާކާރުންގެ މައުލޫމާތު ސިއްރުކުރާ މާއްދާ އުވައިލަން މަޝްވަރާކުރަނީ

29 ޖަނަވަރީ 2024 - 10:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ބަންޑާރަ ނާއިބު އަހުމަދު އުޝާމް : ޗާގޯސް މައްސަލާގައި މަސައްކަތް ކުރާ ބޭރު ތަޖުރިބާކާރުންގެ މައުލޫމާތު ސިއްރުކުރާ މާއްދާ އުވާލަން މަޝްވަރާކުރަނީ - ފޮޓޯ: ރައީސް އޮފީސް


ޗާގޯސް މައްސަލަ: ބޭރު ތަޖުރިބާކާރުންގެ މައުލޫމާތު ސިއްރުކުރާ މާއްދާ އުވައިލަން މަޝްވަރާކުރަނީ

29 ޖަނަވަރީ 2024 - 10:19 0

ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް މި ސަރުކާރުން ބުނާ ބައި ހޯދުމަށް އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަށް މަސައްކަތް ކުރާ ބޭރުގެ ތަޖުރިބާކާރުންގެ މައުލޫމާތު ސިއްރުކުރުމަށް އެ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުމުގައި އޮތް މާއްދާ އުވައިލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލާގައި މަސައްކަތްކުރާބޭރުގެ މާހިރުންގެ ތަފުސީލު ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ، "އަދަދު" އިން އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ތަފްސީލު ދޭން ދެކޮޅު ހަދައިފަ އެވެ. އެ އޮފީހުން ބުނީ ބޭރުގެ ފަރާތްތަކުގެ ނަންތަކާއި ހަރަދު ސިއްރުކުރުމުގެ މާއްދާއެއް ތަޖުރިބާކާރުންނާ އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.

"މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ވަކި ފަރާތަކުން ހާމަކުރުމަށް އެދިފައިވާ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާނަމަ، ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ ކަމުގައިވާނަމަ އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ," އޭޖީ އޮފީހުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

މި މައްސަލާގައި މަސައްކަތް ކުރަނީ މޯލްޓާ ގެ މާހިރަކާއި އިނގިރޭސިވިލާތުގެ ދެ މާހިރުންނެވެ.

އެކަމާ ބެހޭ ގޮތުން "އަދަދު" އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޖީ އުޝާމް ވިދާޅުވީ، އެ ފަރާތްތަކާއެކު ވީ އެއްބަސްވުމުގައި ތަފުސީލުތައް ސިއްރުކުރާ މާއްދާއެއް ހިމެނީ ސަރުކާރުން އެކަން ސިއްރުކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެ މާއްދާއަކީ ބޭރުގެ ފަރާތްތަކުން، އެ މީހުންގެ ޕްރޮފެޝަނަލް ރޭޓުތައް ސިއްރުކުރުމަށް ހިމެނި މާއްދާއެއް ކަމަށްވެސް ވިދާޅުވި އެވެ.

އޭޖީ މިހެން ވިދާޅުވި ނަމަވެސް އެ ފަރާތްތަކުގެ ނަންތައްވެސް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.

"އަޅުގަނޑުމެން މިހާރު އެ ބޭފުޅުންނާ އެބަ މަޝްވަރާކުރަން އެ މާއްދާ އުވާލަން، ހީވަނީ އެ ބޭފުޅުންވެސް އެއްބަސްވާނެ ހެން، އެ މާއްދާ އުވާލާފަ ދެން އަޅުގަނޑުމެން އެ މައުލޫމާތު އާއްމުކުރާނަން" އުޝާމް ވިދާޅުވި އެވެ.

މި ނޫހަށް އޭޖީ އޮފީހުން ދިން ޖަވާބުގައި ބުނީ މި މައްސަލައަށް ތަޖުރިބާކާރުން އައްޔަނުކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ކަމަށެވެ.

އަދި، މިކަމުގައި މަސައްކަތް ކުރާ ބޭރުގެ ތަޖުރިބާކާރުންގެ އިތުރުން، ރާއްޖޭގެ ތަޖުރިބާކާރެއްގެ ގޮތުގައި ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ މުހައްމަދު އަނިލް އާއި ޑރ. މުހައްމަދު މުނައްވަރުވެސް މަސައްކަތް ކުރައްވަ އެވެ. ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މި ސަރުކާރުން އުފެއްދި ކޮމިޓީ ޗެއާ ކުރައްވަނީވެސް އަނިލް އެވެ. އޭޖީއިން ބުނި ގޮތުގައި އޭނާ މި މަސައްކަތް ކުރައްވަނީ އެއްވެސް އުޖޫރައަކާ ނުލަ އެވެ.