28 ޖަނަވަރީ 2024 - 14:55 0
މުހައްމަދު ނަސީމް
ސަރުކާރަށް ތާއީދުކުރާ މީހުން ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މިއަދު މުޒާހަރާކުރަނީ. މުޒާހަރާގެ ތެރެއިން މަޖިލީހަށް ގާއުކި ކަމަށް މެމްބަރުން ތުހުމަތުކުރައްވާ. ފޮޓޯ:މިރާން ނާޝިމް/އަދަދު
28 ޖަނަވަރީ 2024 - 14:55 0
ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިސްވެ ތިއްބަވައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ބޭރުގައި މިއަދު ފެށި މުޒާހަރާގެ ތެރެެއިން ރައްޔިތުންގެ "މަޖިލީހުގެ ގޯތި ތެރެެއަށް ގާއުކި އިރު" ސިފައިންނާއި ފުލުހުން މަސްއޫލިއްޔަތު އަދާކޮށްފައި ވޭތޯ ބަަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ 241 ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގައި މިއަދު ފެށި ދައުރުން ބޭރު ޖަލްސާގެ ހުސް ވަގުތު ކޮޅަށް ފަހު އަލުން ފަށަން ތައްޔާރުވި ވަގުތު ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަޑައިގެން މަޖިލީހުގެ ބޭރުގައި މުޒާހަރާކުރި އެވެ. އެއީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ނިންމުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "އަދަދު" އަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ގާބުރިއެއް އޭނާއާ ވަރަށް ކައިރިޔަށް ވެއްޓުނު ކަމަށެވެ. މަޖިލީހުގެ ގޯތި ތެރޭގައި އިންނަވަނިކޮށް ގާއުކީ ސީދާ އޭނާއާ ދިމާލަށް ކަމަށް މެމްބަރު ރަޝީދު ތުހުމަތުކުރެއްވި އެވެ.
"ސަރުކާރުގެ އިސް ވެރިން، ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވި މުޒާހަރާއެއްގެ ތެރެއިން މިފަދަ ކަމެއް ހިނގުމަކީ ވަރަށް ދެރަ ކަމެއް. ވަރަށް ގޯސް ހިސާބަކަށް މިކަން މިދިޔައީ އަޅުގަނޑު ދެކޭ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތެރެއަށް ގާއުކި ކަމަށް އެހެން ބައެއް މެމްބަރުން ވެސް މި ނޫހަށް މައުލޫމާތު ދެއްވި އެވެ.
އެ މައްސަލާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެެއްގައި ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ މަޖިލީހުގެ ގޭގެ ވަށާ ފާރުގެ މައްޗަށް އަރައި އެކި އެއްޗިހި އުކާފައިވާ ކަމަށެވެ. ސިޓީގައި އީވާ އެދިވަޑައިގެންނެވީ އެކަން އެހެން ހިނގި އިރު އެމްއެންޑީއެފް އަދި ދިވެހި ފުލުހުންގެ ހިދުމަތުން، އެ ހިދުމަތްތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައި ވޭތޯ 241 ކޮމިޓީން ބެލުމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment